އެމްޑީޕީ ނޮޅިވަރަމް ދާއިރާގެ ޓިކެޓް އާރިފްއަށް

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ނޮޅިވަރަމު ދާއިރާ އަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ލިބިފައިވާ ކެންޑިޑޭޓްގެ ނަން ބާތިލުކޮށް، އެ ދާއިރާގެ ޓިކެޓް އަލީ އާރިފްއަށް ދީފިއެވެ.
އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު ރާއްޖޭގެ ބައެއް މީޑިޔާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީޕްރައިމަރީއަކާ ނުލައި ނޮޅިވަރަމު ދާއިރާގެ ޓިކެޓް ލިބުނު އުބައިދުﷲ މުއާޒުއަށް ލިބުނު ޓިކެޓް ބާތިލުކުރީ ކެމްޕޭނަށް އެއްބާރުލުން ނުދެއްވާތީ އާއި އޭނާއާ ބެހޭ ގޮތުން އެ ދާއިރާގެ ރަށްތަކުން ޝަކުވާ ލިބިފައިވާތީ ކަމަށެވެ.
އަދި މުއާޒްއަށް ލިބުނު ޓިކެޓް ބާތިލްކުރުމަށްފަހު އަލުން އެ ދާއިރާގެ ޕްރައިމަރީ އަށް ހުޅުވާލުމުން ނަން ހުށައެޅުއްވީ ހަމައެކަނި އަލީ އާރިފްކަމުން އޭނާއަށް ޓިކެޓް ދޭން ނިންމީ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
ނޮޅިވަރަމް ދާއިރާގެ ޓިކެޓް މިހާރު ދީފައިވާ އާރިފްއަކީ ހެންވޭރު ދެކުނު ދާއިރާގެ ޕްރައިމަރީގައި ކުރިން ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ބޭފުޅެކެވެ.
އަލީ އާރިފު ފިޔަވައި، އެމްޑީޕީގެ ފަރާތުން މަޖިލީހުގެ އިމްތިހާބަށް ވާދަކުރައްވާ އެހެން ކެންޑިޑޭޓުންގެ ފޯމް މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ.
މާޗް 22 ގައި ބާއްވާ އިންތިހާބުގައި، އެމްޑީޕީން މަޖިލީހުގެ 85 ދާއިރާ އަށް ވެސް ވާދަކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ