ސީނާ އަހުމަދު ޒާހިރުގެ ސިކުނޑީގެ ތޫފާން

ރައީސް ނަޝީދު ރާއްޖޭގެ ވެރިކަމާއި ޙަވާލުވެވަޑައިގެންނެވިތާ މި ހިނގާ ނޮވެމްބަރު މަހުގައި ދެއަހަރު ފުރުނީއެވެ. ފާއިތުވި ދެއަހަރު ދުވަހުގެތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަޙަށްވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ރައީސް ނަޝީދުގެ ވެރިކަމަށް ތާއީދުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ރަގަޅު ބަދަލުތަކެކެވެ. ރައީސް ނަޝީދުގެ ވެރިކަމާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން ދެކޭގޮތުގައި ޤައުމަށް ގެނެވިފައިވާ ބައެއް ބަދަލުތަކަކީ މައްސަލަ ބޮޑު، މަސްލަޙަތު ގެއްލޭފަދަ ބަދަލުތަކެކެވެ. މީގެ ތެރެއިން ބައެއް ބަދަލުތަކަކީ ހަމައެކަނި ނަމެއްގައި ގެންނަވާފައިވާ ބަދަލުތަކެކެވެ. ޢަމަލީގޮތުން އެކަމުގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ނުލިބޭ ފަދަ ބަދަލުތަކެކެވެ.     ފާއިތުވި ދެއަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ ތާރީޚުން އެއްވެސް ޒަމާނެއްގައި ފެނިފައިނުވާ ފަދަ ގިނަގުނަ ކަންތައްތަކެއް ފެނިފައިވާ ކަމާމެދު އެއްވެސް ދިވެއްސަކު ދެކޮޅުނުހަދާނެއެވެ. ވަރަށް ކުރުމުއްދަތެއްގެތެރޭގައި ބައެއް ރަށްރަށް ބޮޑުކުރެއްވުމަށް ފަޅުން ބިން ހިއްކަވާފައިވެއެވެ. ރައީސް ނަޝީދު މިކަމާމެދު ކުރިން ގެންގުޅުއްވި ސިޔާސަތާއި ޚިލާފަށެވެ. ރައީސްގެ ކުރީގެ ސިޔާސަތެއްކަމަށް ވިދާޅުވެފައި އޮތީ ރަށް ރަށުގެ ފަޅުން ބިން ނުހިއްކާ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށް ގެންދެވުމެވެ. ރާއްޖޭގެ އެކި ދިމަދިމާއިން ފަޅުން ބޮޑެތި ބިން ހިއްކަވަމުންގެންދަވަނީ އެ މަސައްކަތް ކުރުމުގެ ކުރިން ތިމާވެއްޓާއި ބެހޭ އެއްވެސް ދިރާސާއެއް ކުރެއްވުމެއް ނެތިއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އެންވަޔަރމެންޓު އެސެސްމެންޓު ސްޓަޑީއެއް ނުހެދިއެވެ. އެހެންނަމަވެސް ރައީސް ނަޝީދަށް ވަނީ ވެރިކަމުގެ ފުރަތަމަ އަހަރުގައިވެސް، އެމަނިކުފާނު ރާއްޖޭގައި ކުރައްވާފައިވާ ތިމާވެއްޓާއިބެހޭ މަސައްކަތަށް ބައިނުލްއަޤްވާމީ އިނާމެއް ލިބިވަޑައިގެންފައެވެ.       އުމުރުން 65 އަހަރުވެފައިވާ މީހުންނަށް ކޮންމެ މަހަކު 2000 (ދެހާސް) ރުފިޔާގެ ޢިނާޔަތެއް ދެއްވާގޮތަށް ރައީސް ހަމަޖެއްސެވިއެވެ. އަދި އުމުރުން 65 އަހަރުގެ މަތީ މީހުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭގޮތަށްވެސް ހަމަޖެއްސެވިއެވެ. ބިދޭސީ ކުންފުނިތަކަށް ރާއްޖޭގެ ބައެއް ވިޔަފާރި ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރައްވަން ފެއްޓެވިއެވެ. އަތޮޅުތަކުގައި ދޭންޖެހޭ ޒަރޫރީ ޚިދުމަތްތައް ދިނުމަށް ސަރުކާރުން ގިނަ ކުންފުނިތަކެއް އުފެއްދެވިއެވެ. މުސާރަބޮޑު ވަޒީފާތަކަކާ އެކުގައެވެ. ދިރާގަކީ ސަރުކާރަށް ކޮންމެ އަހަރަކު އެތަކެއް ސަތޭކަ މިލިއަން ރުފިޔާގެ ފައިދާދޭ ކުންފުންޏެކެވެ. ދިރާގުގެ އެންމެ ގިނަ ހިއްސާއޮތްފަރާތެއް ކަމުގައި ސަރުކާރުހަމަޖެހުނީ އެތަކެއް އަހަރެއްގެ މަސައްކަތުންނެވެ. ރައީސް ނަޝީދު ވެރިކަމާއި ޙަވާލުވެވަޑައިގަތުމާއި އެކު ދިރާގުގެ އަނެއް ޙިއްސާ ދާރުކަމުގައިވާ އިނގިރޭސި ވިލާތުގެ ކުންފުންޏަށް ސަރުކާރުގެ ހިއްސާގެ ބައެއް ވިއްކަވައިގެން އަބަދުވެސް ބޮޑު ފައިދާއެއް ލިބެމުން އައި ކުންފުނީގެ ހިއްސާގެ ގޮތުން ކަންޓުރޯލްކުރާ ފަރާތަކީ އިނގިރޭސި ކުންފުނިކަމަށްވިއެވެ. ފައިދާގެގޮތުން ބަލާއިރު ރަތުރަންގަނޑެއްކަހަލަ ކުންފުނީގެ ހިއްސާ ވިއްކެވި ސަބަބު އަދި އަދަށްދާންދެން އާއްމުންނަކަށް ނޭގެއެވެ.         ރާއްޖޭގެ ތާރީޚުގައި އަދި ދުނިޔޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ރައީސްވަނީ މޫދު އަޑީގައި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަވާފައެވެ. ހަމައެގޮތަށް ރައީސް ހިމެނިވަޑައިގަންނަވަނީ ސޯލަރ ޕެނަލް ހަރުކުރެއްވުމަށް އަމިއްލަ ގަނޑުވަރުގެ ފުރާޅުމައްޗަށް އަރާވަޑައިގެންނެވި ފުރަތަމަ ރައީސަށެވެ. ރައީސް ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ނުލިބޭކަމަށް ވިދާޅުވެ ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުން އެއްފަހަރާ އިސްތިޢުފާދެއްވުމަށް ހަމަޖެއްސެވި ރައީސްވެސް މެއެވެ. ރައީސް ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުންނުލިބި ވަޒީރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ވަޒީރުންނާއި ޙަވާލުކުރައްވާފައެވެ. ރައީސް ނަޝީދުވަނީ ސިވިލްސަރވިސް އަކީ ސަރުކާރާއި އިދިކޮޅު މުއައްސަސާއެއްކަމަށް ފެނިގެންދާފަދަ ގިނަ ކަންތައްތަކެއް ކުރައްވާފައެވެ. ސިވިލްސަރވިސްގެ މުއައްޒަފުން ނިކަމެތިވާ ފަދަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްވާ ބައެއް ބިލްތަކަށް ރައީސް  އަމަލުކުރައްވާފައެއް ނުވެއެވެ. އަދި އަލުން ވިސްނުމަށްފަހު، ދެވަނަފަހަރަށް ރައްޔިތުންގެ މަޖިލީހުން ފޮނުވި ބިލެއްވެސް ރައީސް ތަޞްދީޤްކުރައްވާފައެއް ނުވެއެވެ. މިކަންކަން ނުކުރެއްވުމުގައި ރައީސް ދެއްވާ ސަބަބުތަކެއް އަބަދުވެސް ހުރެއެވެ. އެހެންނަމަވެސް ޤާނޫނުއަސާސީގައި ލިޔެފައި އޮންނަގޮތާއި އެދެއްވާ ނުވަތަ ކުރައްވާ ތަރުޖަމާއާއި ތަފާތު ކަމަށް ގިނަބަޔަކުދެކެއެވެ. ރައީސް ނަޝީދުވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ކޯޓަށް ވެދެވަޑައި ނުގެންނެވޭގޮތަށް ހައްދަވާފައެވެ. ހަމައެގޮތަށް ޖޫޑިޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންނަށް ވެސް އެބޭފުޅުންގެ އޮފީހަށް ވެދެވަޑައިނުގެންނެވޭގޮތަށް ހެއްދެވިއެވެ. ޤާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާބޭފުޅަކު ޖޫޑިޝަރީއާއި ބެހިވަޑައިގެންނަވާނެ އެއްވެސް ގޮތެއް ނުއޮވެއެވެ. ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނަންފުޅުތައްވެސް ރައީސްގެ ފަރާތްޕުޅުން ޖޫޑިޝަލްސަރވިސް ކޮމިޝަނަށް ދިޔަ ކަމަށް ބައެއް ފަރާތްތަކުން ޝައްކުކުރެއެވެ. އެނަންފުޅުތަކަކީ ކޮމިޝަނުން ރައީސަށް ފޮނުވަންޖެހޭ ނަންފުޅުތަކެކެވެ. ރައީސަށް ޖެހިވަޑައިގަންނަވާނީ ހަމައެކަނި އެނަންފުޅުތަށް މަޖިލީހަށް ފޮނުއްވާށެވެ. އެނަންފުޅުތަކާއި ބެހޭ އެހެންހުރިހާ މަސައްކަތެއްކުރަންޖެހޭނީ ޖޫޑިޝަލް ސަރވިސް ކޮމިޝަނުންނެވެ. ޤާނޫނުއަސާސީން ކަނޑައެޅި ބަޔާންވެފައިވާ ކަންތައްތަކަށް މިސަރުކާރުން ކުރިމަތިކުރައްވާފައިވާފަދަ މައްސަލަތަކެއް ރާއްޖޭގެ ތާރީޚުގައި، ފާއިތުވި މާޒީގައި، މިހާތަނަށް، އެއްވެސް ސަރުކާރަކުން ކުރިމަތިކުރައްވާފައެއްނުވެއެވެ. ރާއްޖޭގެ މާޒީގައި އެންމެ ޚުދުމުޚްތާރުކޮށް ވެރިކަންކުރެއްވިކަމަށް ބެލެވޭ ސަރުކާރުތަކުން ވެސް ޤާނޫނުއަސާސީ އަށް ޤަދަރާއި އިޙްތިރާމް ދީފައިވެއެވެ. އަދި ކިޔަމަންތެރިކަމާއި އެކު ބޯލަނބާފައިވެއެވެ. ސަރުކާރުން ވަކިކަމެއް ކުރަންބޭނުންފުޅުވާގޮތަށް އެކަމެއްކުރުމަށް ޤާނޫނުއަސާސީ ހުރަސްއަޅާނަމަ އެކަމެއް ކުރެވިފައިވަނީ ޤާނޫނުއަސާސީ އަށް އެއިރަކަށް ބޭނުންވާ ބަދަލެއްގެނެވިގެންނެވެ.         ރައީސް ނަޝީދުވަނީ ޒަމާނުއްސުރެ ރާއްޖޭގައި އަތޮޅުތައް ބެހިފައި އޮންނަގޮތް ޕްރޮވިންސްތަކަކަށް ބަދަލުކުރައްވާފައެވެ. އަދި ބޮޑު މުސާރަދޭ ސިޔާސީ މަޤާމްތަކެއް ކަތީބުންގެ މައްޗަށް އުފައްދަވާފައެވެ. ރާއްޖޭގެ ޤައުމީ ކުތުބުޚާނާ ހައިބަތުހުރި ބޮޑު އިމާރާތަކުން ޤައުމީ ނިސްބަތުން "ފޮތްބަލާ ކޮޓަރިއެއް" ވަރުގެ ކުޑަ ތަނަކަށް ބަދަލުކުރައްވާފައެވެ. ފުލެޓަކަށް ޖާގަ ދެއްވުމަށެވެ. ހަމައެފަދައިން ސަރުކާރުގެ ދެ ސްކޫލާއި ރައްޔިތުންގެ މަޖިލީސްކުރާގެ ހުންނަ ސަރަހައްދުގައި "ބުލޫހޭވަން" އިމާރާތް ހުރިތަނުގައި ފުލެޓެއް އިމާރާތްކުރުމަށް ނިންމަވާފައެވެ. މަގުތޮއްޖެހުމާއި އެ ސަރަހައްދުގައި ކުރެވޭ މަސައްކަތްތަކަށް ކުރިމަތިވާނޭ ދަތިކަމުގެ މައްޗަށް އެއްވެސް ދިރާސާއެއްކުރުމެއްނެތިއެވެ.         ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭނެއް އޮވެއެވެ. އެހެންނަމަވެސް ފަތުރުވެރިކަމަށް ރާއްޖެ ތަރައްޤީކުރެވެނީ އެ މާސްޓަރ ޕްލޭނާއި އެއްގޮތަކަށެއް ނޫނެވެ. ވަކި މަސައްކަތެއް ކޮއްދޭން އެއްބަސްވާ މީހަކަށް ރަށެއްދޫކުރާކަހަލަގޮތަކަށެވެ. ރާއްޖޭގެ ކަންކޮޅުތަކުގައި ތަރައްޤީކުރެވޭ އެއަރޕޯރޓްތައް ނުވަތަ ތަރައްޤީކުރުމަށް ވަޢުދުކުރެވޭ އެއަރޕޯރޓުތައް ދެމެހެއްޓެނިވިގޮތެއްގައި ހިންގޭނެ މަގެއް ނުވަތަ ބެލެހެއްޓޭނެގޮތެއް ޢާއްމުކުރައްވާފައެއް ނުވެއެވެ.         ޑޮލަރުގެ ތަދުކަން މުސްތަޤްބަލުގައި މިހާރަށްވުރެ ވެސް ބޮޑުވާނެއެވެ. ކޮންމެހެން ރާއްޖެ އަށް ވަންނަންޖެހޭ ޑޮލަރު ރާއްޖެ އަށް ނުވަދެގެނެއް ނޫނެވެ. ބޭރުގެ ފަރާތްތަކުން ރާއްޖެއިން ގެންދަންޖެހޭ ޑޮލަރު ގިނަވެގެންނެވެ. ސަރުކާރުން ދަރަންޏަށް ދައްކަންޖެހޭ ޑޮލަރު ގިނަވެގެންނެވެ. ރާއްޖޭގެ ތަފާތު ސަރަޙައްދުތަކުގައި ދިގު މުއްދަތަށާއި ކުރު މުއްދަތަށް ބޭރުގެ ކުންފުނިތަކުން މަސައްކަތްތައްކުރަމުން ގެންދެއެވެ. އެކުންފުނިތަކުންކުރާ މަސައްކަތުގެ އަގު ނުވަތަ ދޭ ޚިދުމަތުގެ އަގު ދައްކަންޖެހޭނީ ބޭރުފައިސާއިންނެވެ. އަޅުގަނޑުމެން ދިވެހި ފައިސާއިން ޚިދުމަތުގެ އަގު ދިންކަމުގައިވިޔަސް އެފައިސާގެ ބޭނުން ބޭރުގެފަރާތްތަކަށް ކުރެވޭނީ ބޭރުފައިސާއަށް ބަދަލުކޮށްގެންނެވެ. ބޭރުފައިސާ އެވަރަކަށް ސަރުކާރަކަށް ނުލިބެއެވެ. އަޅުގަނޑުމެން މި ކުރިމަތިލަނީ ދަރަނިވެރިވާނެ ދިވެހިރާއްޖެއަކާއެވެ. ބޭރުފައިސާ ހޯދުމުގެ ދަތިކަން އޮންނާނެ ދިވެހިރާއްޖެއަކާއެވެ. ތަކެތީގެ އަގު އުފުލިފައި އޮންނާނެ ދިވެހިރާޖެއަކާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ