ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިބެ، އުމަރު ޓީމް ގާސިމުގެ ފަހަތަށް!

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޔާމީން އަބްދުލްގައްޔޫމްގެ \"ޓީމް ޔަގީން\" އާއި ވާދަކޮށް ނާކާމިޔާބުވެވަޑައިގެންނެވި އުމާރު ނަސީރުގެ \"ޓީމް އުމަރު\" ޓީމުގެ ހުރިހާ މެމްބަރުން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެނޑީޑޭޓް ގާސިމް އިބްރާހިމްއަށް ތާއީދުކުރައްވަން ނިންމަވާ ގާސިމްގެ ކެމްޕެއިން ޓީމާއި ގުޅިއްޖެއެވެ.
ޖޭޕީން އެޕާޓީގެ މައިޖަގަހަ މ.ކުނޫޒުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ބައިވެރިވެ ވާހަކަ ދައްކަމުން ޕީޕީއެމްގެ ޒުވާނުން ގޮފީގެ ރައީސް އަދި ކައުންސިލް މެމްބަރު މުހައްމަދު ނާޒިމް ވަނީ ޕީޕީއެމްގައި އޭނާ އަދާކުރަމުންދާ ޒުވާނުންގެ ގޮފީގެ ރައީސް ކަމާއި ކައުންސިލް މެމްބަރު ކަމުން އިސްތިއުފާ ދެއްވާ ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޓީމާ ގުޅިފައެވެ. ޖޭޕީގެ ކެމްޕެއިން ޓީމާއި ގުޅިވަޑައިގެން ނާޒިމް ވިދާޅުވީ
"އަޅުގަނޑު ސިޔާސީ ޕާޓީއެއްގައިހުރެ އިތުރު އެހެން ސިޔާސީ ޕާޓީއެއްގެ ޕޯޑިއަމެއްގައި ވާހަކަ ދެއްކުމުގެ ކުރިން އަޅުގަނޑު ކުރަންޖެހޭ ދެ ކަމެއް އެބައޮތް. އެއްކަމަކީ މިރޭގެ މިވަގުތުން ފެށިގެން ޕީޕީއެމްގެ ޒުވާނުން ގޮފީގެ ރައީސް ކަމުންނާއި ޕީޕީއެމްގެ ކައުންސިލް މެމްބަރުންކަމުން އަޅުގަނޑު އިސްތިއުފާދީފިން. ސިޔާސީ ޕާޓީއެއްގެ އިސްމަގާމެއްގައިހުރެ މިއަދު މިޕޯޑިއަމަށް އަޅުގަނޑު އަންނަންޖެހުނު ސަބަބު އަޅުގަނޑު ޕީޕީއެމް މެމްބަރުންނާ ހިއްސާނުކޮށް މިތަނުން ފައިބައިގެން ދިއުމަކީ ޕީޕީއެމްގެ މެމްބަރުންނަށްވެވޭ ބޭއިންސާފެއްކަމަށް ދެކެން. އަޅުގަނޑު މިރޭ މިޕޯޑިއަމަށް އަންނަންޖެހުނު މައިގަނޑު އެއް ސަބަބަކީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ، އަޅުގަނޑު ޒުވާނުން ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތާއި މަޝްވަރާ ކުރަން ބޭނުންވެގެން، ތިން ހަފްތާ ވީއިރު އަޅުގަނޑު ފޯނުން ނުގުޅި، އެސްއެމްއެސްއިން ޖަވާބު ނުލިބުމުން، މިވަރު ބޭފުޅަކު ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރައްޔިތުންނާމެދު އަމަލު ކުރާނެގޮތް އަޅުގަނޑުގެ ހިތަށް ތަސައްވުރުވެ، އެވަރުގެ ބޭފުޅަކާއިއެކު އިތުރަށް ކުރިއަށް ދެވެންނެތުމުން މިއަދު އަޅުގަނޑު މިޕޯޑިއަމަށް އަންނަން މިޖެހުނީ،" ރިޔާސީ ޕްރައިމަރީއަށްފަހުވެސް ޔާމީންއާއެކު މަސައްކަތްކުރައްވާފައިވާ ނާޒިމް ވިދާޅުވިއެވެ.
އިތުރަށް ނާޒިމް ވިދާޅުވީ ޕީޕީއެމްގެ ޒުވާނުންނަށްޓަކައި ވަރަށް މަސައްކަތް ކުރެއްވިންކަމަށާއި މިއަދުވެސް އެގޮތުގެ މަތީގައި ހުންނެވިކަމަށެވެ. އަދި ވީއެންމެއަވަހަކަށް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވުމަށް ޕީޕީއެމްގެ ޒުވާނުންނަށް ނާޒިމް ގޮވާލެއްވިއެވެ.
ޖުމްހޫރީ ޕާޓީގެ މިރޭގެ ޖަލްސާގައި ނާޒިމްގެ އިތުރުން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ސަލީމް (މާޒު ސަލީމް) އާއި ކައުންސިލް މެމްބަރު ނަހުލާ އަލީ ވެސް ޖޭޕީގެ ޖަލްސާއިން ފެނިފައިވެއެވެ. ނަމަވެސް އެބޭފުޅުން ކައުންސިލް މެމްބަރު ކަމުން ވަކިވެ ވަޑައިގެންފައިވާކަން ސީއެންއެމްއަށް ކަށަވަރުވެފައިނުވެއެވެ. ޖަލްސާގައި ވާހަކަ ދައްކަމުން މާޒު ސަލީމް އަދި އެހެނިހެން ބޭފުޅުންވެސް ވިދާޅުވީ ރައީސް ނަޝީދު ވެރިކަމަށް ނާދެވޭނެ ހުރިހާގޮތެއް ހަދަންޖެހޭ ކަމަށާއި ޖޭޕީއާ ވިހާވެސް ގިނަ ބޭފުޅުން ގުޅިވަޑައިގެންނެވުމަށް ގޮވާލައްވާފައިވެއެވެ. އަދި ޖުމްހޫރީ ޕާޓީގެ ގުޅުމަކީ ރައްޔިތުންނަށް ކަންކަން ކޮށްދޭނެ، ތަރައްގީ ގާއިމު ކޮށްދެއްވާނެ ގުޅުންކަމަށާއި ގާސިމް ކަންކަން ކޮށްދެއްވާނެކަން ރައްޔިތުންނަށް ފެންނަން އެބައޮތްކަމަށެވެ.
ޕީޕީއެމްގެ އުމަރު ޓީމުގެ މެމްބަރުން އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޔާމީން އަބްދުލްގައްޔޫމްއަށް ތާއީދު ނުކުރައްވާކަމަށް ވިދާޅުވެ އެބޭފުޅުން ވިދާޅުވަނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ރާއްޖޭގެ ގޭންގް ކުށްތައް ހިންގުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ކޮރަޕްޝަން އިންތިހާއަށް ހުންނަ ބޭފުޅެއް ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ރާއްޖޭގެ ހުރިހާ (ނުބައި) ކަމެއްގެ އަސްލަކީވެސް ޔާމީން ކަމަށް ތުހުމަތު ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ