އަބްދުﷲ ޝާހިދު ހައްޔަރުކުރަން ޕީޕީއެމްއިން ގޮވާލައިފި
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ވެރިކަން ކުރާ ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވައިފިއެވެ. އިންޑިއާގެ އެންޑީޓީވީން މިދިޔަ ބުދަ ދުވަހު ފޮނުވި "ލެފްޓް ރައިޓް އެންޑް ސެންޓާ: ކްރައިސިސް އިން މޯލްޑިވްސް" ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސްކަން ވެސް ކުރެއްވި އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވި އިރު، އޭނާ ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލާމަތާއި ސުލްހަ ދެމެހެއްޓުމަށް އިންޑިއާގެ ދައުރު ބޮޑު ކަމަށެވެ. ކުއްލި ހާލަތު އިއުލާން ކޮށްފައި ވަނިކޮށް އިންޑިއާގެ މަންދޫބެއް ރާއްޖެ ފޮނުވާފައި ނުވާތީ ނުރުހުން ފާޅުކުރައްވަމުން، ޝާހިދު ވިދާޅުވީ މަންދޫބެއް ފޮނުވައިފި ނަމަ ރާއްޖޭގެ ހާލަތު އިންޑިއާއަށް ފަސޭހައިން ބެލޭނެ ކަމަށެވެ. ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އަބްދުﷲ ޝާހިދު ވަނީ ރާއްޖެއިން ބޭރުގެ ސިފައިން އައިސް، ސަރުކާރު ބަދަލުކުރުމަށް ގޮވާލާފައި ކަމަށެވެ. "ބަޣާވާތް ކުރުމަކީ ހަމައެކަނި ކަނޑިބަޑި ހިފަައިގެން އަރައި، މީހުން މެރުމެއް ނޫން. މިއީވެސް ބަޣާވާތުގެ ވައްތަރެއް،" އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާތެރި މީހެއްގެ ގޮތުގައި "ވީހާވެސް އަވަހަކަށް" ޝާހިދު ހައްޔަރުކުރަން ޖެހޭ ކަމަށާއި، އެކަމަށް ދިވެހި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ޕީޕީއެމްގެ ފަރާތުން ގޮވާލާ ކަމަށެވެ. ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ (ކ) އަދި ނިހާން (ވ) --- ސަން ފޮޓޯ/ ފަޔާޒު މޫސާ "މިއީ ދިވެހިންގެ ތެރޭގައި އުޅެވިގެން ވާނެ ބައެއް ނޫން. ކޮންމެ ފިކުރަކާއި ވިސްނުމެއްގައި ހުއްޓަސް ދިވެހި ގައުމުދެކެ ލޯބިވާން ޖެހޭނެ. ގައުމިއްޔަތާއި މިނިވަންކަމާ ދޭތެރޭ ވިސްނަން ޖެހޭ،" އޭނާ ވިދާޅުވިއެވެ. މިކަމާ ގުޅިގެން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު "ސަން"އަށް ވިދާޅުވީ އެންޑީޓީވީ ނުވަތަ އެހެން ތަނެއްގައިވެސް ބޭރުގެ ސިފައިން ރާއްޖެއަށް އެރުމަށް އޭނާ ގޮވާލާފައި ނުވާނެ ކަމަށެވެ. "އަޅުގަނޑަކީ ބޭރުގެ ސިފައިން ރާއްޖެ އައުމަށް ތާއީދުކުރާ މީހެއް ނޫން،" ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވި ގޮތުގައި، އެންޑީޓީވީގައި އޭނާ އިނގިރޭސި ބަހުން ދެއްކެވި ވާހަކަފުޅު ބައެއް ފަރާތްތަކަށް ރަނގަޅަށް ނަގައިނުގެނެވުނީ ކަމަށް ވެދަނެއެވެ. "އަޅުގަނޑު ދެންނެވީ ބައިނަލްއަގުވާމީ ކޮންފްލިކްޓްތަކުގައި ފޯސް ބޭނުންކުރުމަކީ އެންމެ ފަހު ގޮތޭ. އެއީކީ އެއްވެސް ގޮތަކަށް ރާއްޖޭގެ ވާހަކައެއް ނޫން،" ޝާހިދު ވިދާޅުވިއެވެ. "ކުއްލި ހާލަތު އިއުލާނުކޮށްފައި އޮތަކަސް، ދައުލަތުގެ އަމަން ބަލަހައްޓާ ބާރުތަކުން ހިތުހުރިހާ މީހަކު ހައްޔަރުު ކުރާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވިއެވެ. މިއަދު ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، އަބްދުﷲ ޝާހިދަކީ ކޮލީގެއް ކަމުގައި ވިއަސް، މިހާރު ރަހުމަތްތެރިކަން ކެނޑިފައިވާ ކަމަށެވެ. "އެންޑީޓީވީ ޕްރޮގްރާމުގައި ބައިވެރިވެ، ރާއްޖެއަށް ބޭރުގެ ސިފައިން އެރުމަށް ތާއީދުކޮށްގެން އަބްދުﷲ ޝާހިދު ހުންނެވި ވަގުތުން ފެށިގެން އަޅުގަނޑުމެންނާ ރަހުމަތްތެރިކަން އެ ކެނޑުނީ،" ނިހާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ