ކަރަންޓު ކެނޑެން ފެށިތާ ތިން ދުވަސްފަހުން މުޅި މަޑަވެއްޔަށް ކަރަންޓު ދެނީ

ގދ. މަޑަވެއްޔަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުންދާ ޖަނަރޭޓަރެއް ހަލާކުވެ މުޅި ރަށުން ކަރަންޓު ކެނޑިފައިވާތާ ތިން ދުވަސް ފަހުން އެރަށަށް މިއަދު ކަރަންޓު ފޯރުކޮށްދެވޭވަރުވާނެ ކަމަށް މަޑަވެލީ ކައުންސިލުގެ ނައިބް ރައީސް އަޒަމް މުހައްމަދު ވިދާޅުވެއްޖެއެވެ.
އަޒަމް ވިދާޅުވީ، މިއަދުގެ ހެނދުނު 8:50 ހާއިރު އެރަށަށް އާ ދެ ޖަނަރޭޓަރު ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެރަށަށް ގެންގޮސްފައިވާ 160 ކިލޯވޮޓްގެ ދެ ޖަނަރޭޓަރު ކަމަށާއި މިހާރު އެދެ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އަޒަމް ވިދާޅުވިއެވެ. އަދި މިރޭ 12:00 ގެ ކުރިން އެރަށަށް އަލުން ކަރަންޓު ފޯރުކޮށްދެވޭވަރު ވާނެ ކަމަށް ވެސް އަޒަމް ވިދާޅުވިއެވެ.
އާބާދީގައި 2000 މީހުން ދިރިއުޅެމުން އަންނަ މަޑަވެއްޔަށް ކަރަންޓު ދިނުމަށް މީގެކުރިން ބޭނުންކުރަމުން އައީ 250 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި 180 ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ. ރަށުގެ ބޮޑު ބައެއް ކަނު އަނދިރީގައި ތިން ދުވަސް ހޭދަކުރަން ޖެހުނީ އޭގެ ތެރެއިން 250 ކިލޯވޮޓްގެ ޖަނަރޭޓަރު ގޮވާއި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމާއި ގުޅިގެންނެވެ.
ރޭގެ ވަގުތެއްގައި ވީއެއްޕީއާ ވާހަކަ ދައްކަމުން އަޒަމް ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު އިންޖީނެއް ހަލާކުވެ ކަރަންޓު ކެނޑުނު ގޮތަށް ރަށުގެ އަވަށްތައް ބަހާލައިގެން އިންޖީނުގެއިން ކަރަންޓު ދެމުން ގެންދާތާ ތިން ރޭ ހޭދަ ކުރަން ޖެހިފައިވާއިރު އެރަށުގެ ރައްޔިތުން އުޅެމުން ދަނީ ވަރަށް ދަތި ހާލުގައި ކަމަށެވެ.
"ކައިރީ ހޯޑެއްދޫއާއި ތިނަދޫއަށް ވެސް ބައެއް މީހުން އެބަދޭ ދަރިން ނިންދަވަން އެމީހުން ނިދަން. ކަރަންޓު ނުލިބޭތީ ގޭގޭގައި ހުރި މަސް ފަދަ ތަކެތި ހަލާކުވެއްޖެ، ސަރުކާރުން މިވަނީ އިހުމާލުވެފައި. ތިން ރޭ ކަނު އަދިރީގައި ތިބެން ޖެހުމަކީ އެކަމުގެ ދަލީލެއް. އަޅުގަނޑުމެން ހިތާމަ ކުރަން ރައްޔިތުންތަކެއް މިހާ ދަތިކޮށް އުޅެން ޖެހިފައި އޮތް އިރު ކަރަންޓު ޔަގީން ނަމުގައި ޖަލްސާ ބާއްވާ ހަވާ އަރުވާތީ،" އަޒަމް ވިދާޅުވިއެވެ. " އަޒަމް ވިދާޅުވިއެވެ.
މަޑަވެއްޔަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އެހެންނަމަވެސް މިހަބަރާއި ގުޅިގެން ފެނަކައިގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ