ރަޝިޔާއިން ވިޔަފާރި މުއާމަލާތްތަކުގައި އެހެން ގައުމުތަކުގެ ފައިސާ ބޭނުންކުރަން ފަށައިފި

މޮސްކޯ (އޮގަސްޓް 27) : ރަޝިއާއިން ކުރާ ހަތިޔާރުގެ ވިޔަފާރި އެހެން ގައުމުތަކުގެ ފައިސާއިންވެސް ކުރަން ފަށައިފިއެވެ. ރަޝިއާގެ ހަތިޔާރުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ރޮސްއޮބޮރޯން އެކްސްޕޯޓްއިން ބުނީ އެކުންފުނީގެ އުފެދުންތައް ޑޮލަރުގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ ފައިސާއަށްވެސް މިހާރު ވިއްކަން ފަށައިފި ކަމަށާ މިއީ ޑޮލަރު ބައިޕާސްކުރުމަށް ރަޝިއާ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރަން ފެށި ކަމެއް ކަމުގައެވެ. ރިޕޯޓުތައް ބުނާގޮތުން ރޮސްއޮބޮރޯން އެކްސްޕޯޓް ކުންފުނީގެ އުފެއްދުންތައް ވިއްކަން ފަށާފައިވަނީ އެމެރިކާ ޑޮލަރުގެ އިތުރުން ރަޝިއާގެ ފައިސާ ކަމަށްވާ ރޫބްލްއިންނާއި ޗައިނާގެ ޔުއާންއިންނެވެ. މީގެ އިތުރުން ތުރުކީގެ ފައިސާކަމަށްވާ ލީރާއާއި އީރާނުގެ ފައިސާ ކަމަށްވާ ރިޔާލުންވެސް ރޮސްއޮބޮރޯން އެކްސްޕޯޓް ކުންފުނީގެ އުފެއްދުންތައް ގަނެވޭނެ ކަމަށް ރަޝިއާގެ މިޑިއާ ރިޕޯޓުތައް ބުނެއެވެ. ރަޝިއާގެ މަސްއޫލުވެރިއަކު ވަނީ ހަމައެކަނި އެމެރިކާ ޑޮލަރަށް ޑިޕެންޑްވެގެން ރަޝިއާގެ އިގްތިސާދު ކުރިނޭރުވޭނެކަން ބަޔާން ކުރައްވައި، ރަޝިއާގެ ހަތިޔާރާއި އެ ނޫން އުފެއްދުންތައް ދުނިޔޭގެ ގައުމުތަކަށް މިހާރަށްވުރެ ބޮޑަށް ވިއްކުމަށްޓަކައި ޑޮލަރުގެ ބަދަލުގައި އެހެން ފައިސާ ބޭނުންކުރުމުގެ ހުއްދަ އެގައުމުގެ ބައެއް ކުންފުނިތަކަށް ސަރުކާރުން ދީފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ރަޝިއާގައި އުފައްދާ އެންމެ ޒަމާނީ ވައިގެ ދިފާއީ ނިޒާމު ކަމަށްވާ އެސް-200 އާއި އެސް-300 އާއި އެސް-400 މަރުކާގެ އުފެއްދުންތައް އުފައްދަނީ ރޮސްއޮބޮރޯން އެކްސްޕޯޓް ކުންފުނިންނެވެ. މީގެ އިތުރުން ރޮސްއޮބޮރޯން އެކްސްޕޯޓު ކުންފުންޏަކީ ރަޝިޔާގެ ހަތިޔާރު އުފެއްދުމާއި ރީސާޗުކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 700 އަށްވުރެ ގިނަ ކުންފުންޏާ ސީދާ ގޮތެއްގައި ގުޅިފައިވާ ކުންފުންޏެކެވެ. އެމެރިކާ ޑޮލަރުގެ މައްޗަށް ބިނާވެފައިވާ މާލީ ނިޒާމަކީ އެމެރިކާގެ ފުރިހަމަ ކޮންޓްރޯލުގެ ދަށުގައިވާ ނިޒާމެއްކަމުން އެ ނިޒާމު ބޭނުންކޮށްގެން އެމެރިކާ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާތީ އެމެރިކާ ޑޮލަރުގެ މައްޗަށް ބިނާނުވާ ބޭންކިންގް ނިޒާމެއް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ރަޝިއާއާއި ޗައިނާ ވަނީ ދާދި ފަހުން ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އެ ދެ ގައުމު ވަނީ ޔުއާންއާއި ރޫބްލްއިން ވިޔަފާރީގެ މުއާމަލާތްތައް ކުރަން ފަށާފައެވެ. އަދި ޗައިނާ ވަނީ ޑޮލަރުގެ ބަދަލުގައި ޔުއާންއިން ތެލުގެ މުއާމަލާތްތައްވެސް ގަލްފުގެ ގައުމުތަކާއި އީރާނާއެކު ކުރަން ފަށާފައެވެ. ޖަރުމަނުންވެސް ދާދިފަހުންވަނީ އެމެރިކާ ޑޮލަރުގެ މައްޗަށް ބިނާނުވާ ބޭންކިންގް ނިޒާމެއް ޔޫރަޕްގައި ގާއިމުކުރަން ޖެހޭކަމަށް ބުނެފައެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ