ވަޒީފާ ގެއްލިފައިވާ މީހުންނަށް ދޭ އިނާޔަތް ހުސްވެ، އެމެރިކާ ރައްޔިތުން ހާސްކަމުގެ ތެރެއަށް

ވަޒީފާ ގެއްލިފައިވާ މީހުންނަށް ދޭ އިނާއަތުގެ ޕެކޭޖް ހުސްވެ، އެމެރިކާގެ ގިނަ ރައްޔިތުންތަކެއް ގޮތް ހުސްވެއްޖެއެވެ.
މިފަދަ ޙާލަތަކަށް އެމެރިކާގެ ރައްޔިތުން ގޮސްފައި ވަނީ އެންމެ ފަހުން އެ ޤައުމުގު ސަރުކާރުން ވަޒީފާ ގެއްލިފައިވާ މީހުންނަށް ދޭ އިނާޔަތުގެ ޕެކޭޖްގެ މުއްދަތު ހޮނިހިރުދުވަހަށް ހަމަވެ، ޤާނޫނު ހަދާ މަޖިލީހުން އަލަށް ފާސްކުރި ރިލީފް ޕެކޭޖަށް ރައީސް ޑޮނާލްޑް ޓްރަމްޕް ރުހުން ނުދިނުމާއި ގުޅިގެންނެވެ.
ޤާނޫނު ހަދާ މަޖިލީހުގައި ގިނަ ބަހުސްތަކަކާއި ދިގު އިންތިޒާރަކަށްފަހު ފާސްކުރި ކޯވިޑްގެ ރިލީފް ޕެކޭޖަކީ އެމެރިކާގެ ރައްޔިތުން ވަރަށް ބޮޑަށް އިންތިޒާރުކުރަމުން ދިޔަ ބިލެކެވެ. މި ބިލް ވެރިކަންކުރާ ރިޕަބްލިކަނުންނާއި އިދިކޮޅު ޑިމޮކްރެޓުންގެ ތާޢީދާއިއެކު ފާސްވުމުން މި ބިލް ފާސްވާނެކަމަށް ބަލާ އެމެރިކާގެ އެއަރލައިންތަކުން ވަކިކުރި މުވައްޒަފުނަށް އަނބުރާ ވަޒީފާދޭންވެސް ވަނީ ފަށާފައެވެ. އެހެންނަމަވެސް، ހީކުރި ގޮތާއި މުޅިން ޚިލާފަށް ރައީސް ޑޮނާލްޑް ޓްރަމްޕް މި ޕެކޭޖަށް ރުހުން ނުދެއްވާނެކަމަށް ވިދާޅުވުން ވެގެން ދިޔައީ މުޅި ޤައުމު ސިއްސުވާލި އަދި މާޔޫސްކުރުވިކަމަކަށެވެ.
ކޯވިޑް ރިލީފް ޕެކޭޖް ފާސްކޮށްފައިވަނީ ރައީސް ޓްރަމްޕް ބޭނުންފުޅުވާ ގޮތަށްކަމަށް މީގެ ކުރިން ވާހަކަދެކެވުނު ނަމަވެސް، ރައީސް ޓްރަމްޕް މި ޕެކޭޖްއަށް ބަދަލުގެނައުމަށް ނިންމުމުން މިކަމާއި ގިނަ ފަރާތްތަކުން ވަނީ ހައިރާވެންފައެވެ.
ކޯވިޑް ރިލީފް ޕެކޭޖަށް ރައީސް ޓްރަމްޕް ބޭނުނުންފުޅުވާ ބަދަލުތައް ނުގެނެސްފިނަމަ މި ބިލް ވީޓޯކުރުމަށް ވިސްނަމުންދާކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. މި ސަބަބަށްޓަކައި ބިލްއަށް ބަދަލު ގެނައުމަށް ބުރާސްފަތިދުވަހު ޤާނޫނު ހަދާ މަޖިލީހުގައި ވަނީ ބަހުސްކޮށްފައެވެ.
ރައީސް ޓްރަމްޕް ގެންނަން ބޭނުންފުޅުވި ބަދަލެއްކަމުގައިވާ ކޯވިޑްގެ އަސަރުކުރި މީހުންނަށް ދޭ އެހީ 600 ޑޮލަރުން 2000 ޑޮލަރަށް އިތުރުކަން ހުށަހެޅި ހުށަހެޅުން އިދިކޮޅު ޑިމޮކްރެޓުން ތާޢީދުކޮށް ވަނީ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްއަށް ހުށަހަޅާފައެވެ. އެހެންނަމަވެސް، މިފަދަ ބަދަލެއް ގެނައުމަށް ޓްރަމްޕް ނިސްބަތްވެވަޑައިގަންވާ ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން ދެކޮޅު ހެއްދެވުމުން މި ބަދަލު ގެނައުމުގައި ވަނީ ނާކާމިޔާބުވެފައެވެ.
މީގެ އިތުރުން ޓްރަޕްގެ އެދިލެއްވުމުގެ މަތިން ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވަނީ މި ޕެކޭޖްގައި ބޭރު ޤައުމުތަކުންދޭ އެހީގެ އަދަދު އިތުރު ކުރުމަށް ހުށަހަޅާފައެވެ. އެހެންނަމަވެސް މިކަން ކުރުމަށް އިދިކޮޅު ޑިމޮކްރެޓުން ދެކޮޅު ހެއްދެވުމުން މި ބަދަލު ގެނައުމުގައިވެސް ވަނީ ނާކާމިޔާބުވެފައެވެ.
މި ބިލަށް ވާނެގޮތެއް ނޭނގި އޮއްވާ މިއަހަރުގެ މެދުތެރޭ ސަރުކާރުން ފާސްކުރި ރިލީފް ޕެކޭޖްގެ އިނާއަތްތަކުގެ މުއްދަތު ހަމަވާން މި ވަނީ ފަށާފައެވެ. މިގޮތުން އެންމެ ފުރަތަމަ މުއްދަތު ހަމަވެފައި މިވަނީ ވަޒީފާ ގެއްލިފައިވާ މީހުންނަށް ދޭ އިނާއަތުގެ ޕެކޭޖުންނެވެ. މި ޕެކޭޖްގެ މުއްދަތު ހަމަވުމުން ގިނަ އަދަދެއްގެ އެމެރިކާ ރައްޔިތުންވަނީ އާމްދަނީއެއް ނުލިބި ގޮތް ހުސްވެފައެވެ. މި ޕެކޭޖްގެ މުއްދަތު ހަމަވުމުން 9.5 މިލިއަން މީހުންނަށް ސީދާ އަސަރުކުރިކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.
މިފަދަ ޙާލަތަކަށް ޤައުމު ގޮސްފައިވާއިރު، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ދަނީ ވީ އެންމެ އަވަހަކަށް ރިލީފް ޕެކޭޖްއަށް ބަދަލުގެނެސްގެންވެސް މި ބިލް ތަސްދީޤުކުރުވުމަށް މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް، މިކަމުގައި އަދިވެސް ވެރިކަންކުރާ ރިޕަބްލިކަނުންނާއި އިދިކޮޅު ޑިމޮކްރެޓުންނަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.
ކޯވިޑްގެ އައު ރިލީފް ޕެކޭޖްއަކީ 892 ބިލިއަން ޑޮލަރުގެ ބޮޑު ރިލީފް ޕެކޭޖްއެކެވެ. މި ޕެކޭޖާއެކު ސަރުކާރުގެ ޚަރަދުކުރުމަށް 1.4 ޓްރިލިއަން ޑޮލަރުގެ އިތުރު ބަޖެޓެއް ހިމަނާފައިވާއިރު މި ޕެކޭޖް ފާސްކުރުމުން މި ޕެކޭޖް ވެގެންދާނީ މިއަހަރުގެ މާރޗް މަހު ފާސްކުރި 2.3 ޓްރިލިއަން ޑޮލަރުގެ އެއިޑް ޕެކޭޖަށް ފަހު އެމެރިކާގެ ތާރިޚުގައިވެސް ފާސްކުރާ އެންމެ ބޮޑު ރިލީފް ޕެކޭޖަށެވެ.
މި ބިލްއަކީ އެމެރިކާގެ ތާރީޚުގައިވެސް އެންމެ ގިނަ ސަފްޙާގެ އެކުލެވޭ ބިލެވެ. އެގޮތުން މި ބިލްގައި ފަސް ހާސް ފަސްސަތޭކަ ނުވަދިހަ ތިން ޞަފްޙާ ހިމެނެއެވެ. މި ޕެކޭޖްގެ ދަށުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ހަފްތާއަކު 300 ޑޮލަރުގެ އިނާޔަތެއް ދޭން ނިންމާފައިވާއިރު، ކޯވިޑްގެ އަސަރު އެންމެ ބޮޑަށް ކުރި ވިޔަފާރިތަކަށް އައު ސަބްސިޑީތަކެއް ތަޢާރަފްކުރުމާއި ސްކޫލްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ޚާއްސަ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ. ކޯވިޑްގެ އައު ރިލީފް ޕެކޭޖް ފާސްކުރުން ލަސްވާވަރަކަށް އެމެރިކާގެ އިޤްތިޞާދަށާއި އާންމު ރައްޔިތުންނަށް ކުރާ އަސަރު ބޮޑުވެ އިޤްތިޞާދީ ބޮޑު އަނދަވަޅަކަށް ވެއްޓިދާނެކަމުގެ ބިރު ތަޖުރިބާކާރުން ދަނީ ފާޅުކުރަމުންނެވެ.
އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ މި ބިލް ފާސްކުރުމަށް ފަހު އަންނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި އިތުރު 1.4 ޓްރިލިއަން ޑޮލަރުގެ ރިލީފް ޕެކޭޖެއް ފާސްކުރުމަށް މަސައްކަތް ފަށާފައިވާކަން ހާމަކޮށްފައެވެ.
ކޯވިޑްގެ ރިލީފް ޕެކޭޖަށް ވާނެގޮތެއް ނޭނގި ހުއްޓިފައިވާއިރު، ރައީސް ޓްރަމްޕް ދާދިފަހުން ވަނީ އަމިއްލަ ޕާޓީގެ މެމްބަރުން ދެކެ ނުރުހުންވެވަޑައިގެން ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށް ތަސްދީޤްކުރުމަށް ފޮނުވި ޑިފެންސް ފަންޑިންގ ބިލް ވީޓޯ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ