ހިއުމަން ޓްރެފިކިން މާނަކުރާ ގޮތް ފުޅާކޮށް، އެ ކުށް ކޮށްގެން މީހުން ހޯދާ ފައިސާ ދައުލަތަށް ނެގޭ ގޮތަށް ގާނޫނު ބަދަލުކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން ހިންވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ހުށަހެޅުއްވި ބިލުގެ އިބްތިދާއީ ބަހުސް މިއަދު ފެށި އިރު އެ ބިލުގައި އެެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ހިއުމަން ޓްރެެފިކިން މާނަކުރާ ގޮތަށް ގެންނަ ބަދަލެވެ. ރާއްޖޭގައި އެ ކުށް މާނަކުރުން މީގެ ކުރިން އޮތް ގޮތުން، ފައިސާ ނަގާފައި އޮޅުވާލައިގެން މީހުން ގެނެސް އެ މީހުންނަށް އުޖޫރަނުދީ މަސައްކަތްކުރުވުން ފަދަ ކަންތައްތައް ކުރާ މީހުންނާ ދެކޮޅަށް ދައުވާ ކުރަން އުނދަގުލެވެ. ނަމަވެސް މިހާރު ވަނީ ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި އެ މީހުންނަށް އޮޅުވާލައި ނަހަމަ ފައިދާ ނެގުމަކީ ހިއުމަން ޓްރެފިކިންގެ ކުށުގެ އަމަލެއް ކަަމަށް ސާފުކޮށް ކަނޑައަޅައިފަ އެވެ.
ބިލުގައިވާ ގޮތުން އެ ގާނޫނުގެ 12 ވަނަ މާއްދާ މިހާރަށް ވުރެ ފުޅާކޮށް، ރާއްޖެއަށް މީހުން އެތެރެކުރުމުގައި މިހާރު ހަދާ ގިނަ ގޯސްތައް މީހުން ޓްރެފިކްކުރުމުގެ ކުށުގެ ތެރެއަށް ވައްދާނެ އެވެ.
މީހުން ޓްރެފިކް ކުރުން ކަމަށް ބަލަން ހުށަހެޅި ކަންތައްތައް
ބިލުގައި ބުނެފައިވާ ގޮތުން، ބާރުގެ ބޭނުންކޮށްގެން ނުވަތަ ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރުދައްކައިގެންނާއި އޮޅުވާލައިގެން އަދި މަގާމުގެ ނަހަމަ ބޭނުންކޮށްގެން ނުވަތަ އެ މީހާގެ މައްޗަށް ބާރު ހިންގޭ މީހަކަށް ފައިސާ ދީގެން ކުރާ ނަަމަ ތިރީގައި އެ ވާ ކަންކަން ފެތޭނީ ހިއުމަން ޓްރެފިކިންއަށެވެ. އެއީ؛
- ބޭރުގައުމަކުން ރާއްޖެއަށް ގެނައުުން ނުވަތަ ބަދަލުކުރުން އަދި ރާއްްޖޭން އެހެން ގައުމަކަަށް ވެސް މީހަކު ގެންދިއުން ނުވަތަ ބަދަލުކުރުން.
- ރާއްޖޭގެ އެއްތަނުން އަނެއް ތަނަށް ގެންދިއުން ނުވަތަ ބަދަލުކުރުން.
- އެގޮތަށް ގެންނަ މީހަކާ ހަވާލުވުން ނުވަތަ ބެހެއްޓުން.
- ވަޒީފާއަށް ނުވަތަ މަސައްކަތަށް ރެކްރޫޓްކުރުން.
މީހަކާ މެދު އެގޮތަށް އަމަލުކުރަނީ މީހާގެ ރުހުމާ އެކުގައި ކަމަށް ވިޔަސްް ރުހުން ހޯދީ ބާރުގެ ބޭނުންކޮށްގެން ނުވަތަ އޮޅުވާލައިގެން ކަމަށް ވާ ނަމަ ޓްްރެފިކިންގެ ކުށުގެ އަމަލަކަށް އެކަން ވާގޮތަށް ބަދަލުކުރަން ވެސް ބިލުގައި ހުށަހަޅާފައިވެ އެވެ.
ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުން
މީހުން ޓްރެފިކް ކުރުމުގެ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭގޮތް ހަދަން ގާނޫނުގެ 59 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުުކުރަން ބިލުގައި ހުށަހަޅާފައި ވެ އެވެ. އެމާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި މީހުން ޓްރެފިކް ކުރުމުގެ ގާނޫނުގައިވާ ކުށެއް ކޮށްްގެން ހޯދާ ފައިސާ ނުވަތަ ކުށެއް ކުރުުމަށް ބޭނުންކުރާ މުދަލާއި ފައިސާ ވެސް ދައުލަތަށް ނެގޭނެ އެވެ.
މުދަލާއި ފައިސާ ނަގާނީ، ބިލުގައިވާ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ އުސޫލުތަކާއި އެއްގޮތަށެވެ.
އެ މާއްދާގެ (ނ) ގައި ބުނެފައިއޮތީ ކުށްކޮށްގެން ހޯދާ ފައިސާ ހަރަދުކުރާނެ ގޮތެވެ. އެ ފައިސާ ހަރަދުކުރާނީ ޓްރެފިކް ކުރެވޭ ނުވަތަ ޓްރެފިކް ކުރެވޭ ކަމަށް ބެލެވޭ މީހުންނަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ އެހީތެެރިކަން ފޯރުކޮށްދިނުމަށެވެ.
މީހުން ޓްރެފިކް ކުރުމުގެ ގާނޫނަށް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ އަނެއް ބަދަލަކީ "އެކްސްޕްލޮއިޓޭޝަން" ނުވަތަ މީހުންގެ ނާޖާއިޒް ފައިދާ ނެގުން މާނަކުރާ ގޮތެވެ. ރާއްޖޭގައި އާއްމުކޮށް ކުރާ ކަމަށް އަޑުފެތުރިފައިވާ ޕާސްޕޯޓް ހިފެހެއްޓުމަކީ ވެސް މީހުން އެކްސްޕްލޮއިޓްކުރުމުގެ އަމަލެއް ކަމަށް ބިލުގައި މާނަކޮށްފައިވެ އެވެ.
ބިލު ހުށަހަޅުއްވަމުން ޖީހާން ވިދާޅުވީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު މިހާރު އޮތް ގޮތުން، އެ އަމަލުގެ ތެރެއިން ގެންނަ މީހުންނާއި ހަވާލުވުމާއި އެ މީހުން ގެންގުޅުން އަދި ރެކްރޫޓް ކުރުމަކީ ގާނޫނީ ކުށަކަށް ނުހެދޭ ކަމަށެވެ.
"އެހެންކަމުން މިއަމަލުތައް މިދަނީ އިއްޒަތްތެރި ރައީސް، އަޅުގަނޑުމެންގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން، މިފަދަ އަމަލުތައް ހިންގާ މީހުން ގާނޫނީ ގޮތުން އަދި ޖިނާއީ ގޮތުުން ޒިންމާދާރުނުކުރެވި،" ޖީހާން ވިދާޅުވި އެވެ.
މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނު އިސްލާހުކުރުމުގައި ސަރުކާރުގެ މަގުސަދަކީ މީހުންނާއި ކުޑަކުދިން ޓްރެފިކްކުރުން މާނަކޮށްފައިވާ ގޮތާއި މީހުންގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމުގައި އަމަލުކުރާ ގޮތް އދ.ގެ ކަމާ ބެހޭ މުއާހަދާއާ އެއްގޮތް ކުރުން ކަމަށް ޖީހާން ވިދާޅުވި އެވެ. މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ބައެއް އޮންނަނީ "ޔޫއެން ކޮންވެންޝަން އޮން އޯގަނައިޒްޑް ކްރައިމް"ގެ ނަމުގައި ގާއިމްކޮށްފައިވާ މުއާހަދާގަ އެވެ. ރާއްޖޭން ސޮއިކޮށްފައިވާ އެ މުއާހަދާގައި މީހުން ޓްރެފިކް ކުރުން ހުއްޓުވުމާ ބެހޭ ހާއްސަ ޕްރޮޓޮކޯލެއް އޮވެ އެވެ.
ޖީހާން ވިދާޅުވި ގޮތުގައި، ސަރުކާރުން ބިލު ހުށަހެޅީ މީހުން ޓްރެފިކްކުރުން ރާއްްޖޭގައި ގާނޫނީ ގޮތުން މާނަކުރާ ގޮތް އެ ޕްރޮޓޮކޯލާ އެއްގޮތްކުރަން ކަމަށެވެ. އެ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގައި، ކުށުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިވުމަށް އެ ފައިސާ ބޭނުންކުރެވޭނެ ގޮތް ހެދުމަކީ ވެސް ބިލު ހުށަހެޅުމުގެ މަގުސަދުގަ އެވެ.
ހިއުމަން ޓްރެފިކިން މާނަ ފުޅާކޮށް، އެ ކުށުން ހޯދާ ފައިސާ ދައުލަތަށް ނެގޭގޮތް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ