ޝަރުއީ ދާއިރާގެ ބަޖެޓު ކުޑަވުމުން ބައެއް މެމްބަރުން ޝަކުވާކޮށްފި

އަންނަ އަހަރަށް ދައުލަތުން ލަފާކޮށްފައިވާ 27.457 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޝަރުއީ ދާއިރާއަށް ލިބިފައި ވަނީ އެ ދާއިރާއަށް އެކަށީގެންވާ ބަޖެޓެއް ނޫން ކަމަށް ބަޖެޓު ދިރާސާ ކުރާ ބަޖެޓު ކޮމެޓީގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ. މިއަދު މެންދުރުފަހު ބޭއްވި ބަޖެޓު ކޮމެޓީގެ ބައްދަލުވުމެއްގައި މެމްބަރުން ވަނީ މިނިވަން މުއައްސަސާތަކުން އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ބަޖެޓު ކޮމެޓީއަށް ލިޔުމުން ޖަވާބުދާރީ ވެފައިވާ ކަންތައްތަކާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވާފަ އެވެ. އެގޮތުން ބަޖެޓު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ އަންނަ އަހަރަށް ޖުޑީޝަލް އެޑްމިނިސްޓުރޭޝަނުން ދިނުމަށް އެ މުއައްސަސާއިން އެދިފައިވާ ބަޖެޓު އެ މުއައްސަސާއަށް ދީފައިނުވާ ކަމަށެވެ. ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑް މިނިސްޓުރޭޝަނުން (ޑީޖީއޭ) ވަނީ 973 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ހުށަހަޅާފަ އެވެ. ނަމަވެސް ފިނޭންސް މިނިސްޓުރީން އެ މުއައްސަސާއަށް އަންނަ އަހަރު ދީފައި ވަނީ 461 މިލިއަން ރުފިޔާ އެވެ. ރިޔާޒު ވިދާޅުވީ މިއަހަރު ޑީޖީއޭ އަށް ދީފައިވާ ބަޖެޓާ އަޅާ ބަލާއިރު އަންނަ އަހަރު އެ މުއައްސަސާއަށް ދިނުމަށް ނިންމާފައިވާ ބަޖެޓާ ގުޅޭގޮތުން ޕީޕީއެމްގެ މެމްބަރުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. މިއަހަރު ޑީޖީއޭ އަށް ދީފައިވާ ބަޖެޓަކީ 965 މިލިއަން ރުފިޔާ އެވެ. "ރައީސް ޔާމީން ވަރަށް ބޮޑަށް ބޭނުންފުޅުވޭ ޖުޑިޝަރީގައި ހުރި މައްސަލަތައް ހައްލު ކުރުމަށް. އަނެއްކާ އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ޑީޖީއޭގެ ކަންބޮޑުވުން އެބައޮތް ހިއްސާ ކުރައްވާފައި. އެހެންވީމަ އެކަމާ ގުޅޭގޮތުން ޑިސްކަސް ކުރުމަށް ޓައިމް ބޭނުންވާނެ. އަދި ޕީޕީއެމް އިން ހާއްސަކޮށް ބޭނުންވޭ ޖުޑިޝަރީގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން،" ރިޔާޒު ވިދާޅުވި އެވެ. ރިޔާޒު ދެއްކެވި ވާހަކަފުޅަށް ތާއީދު ކުރައްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ޖުޑީޝަރީގައި ހުރި މައްސަލަތަކުގެ ވާހަކަތައް އޭނާ އަބަދުވެސް ދައްކަވަމުން ދަނީ އެއްވެސް ސަރުކާރަކުން އެތަނުގައި ހުންނަ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ނުކުރާ ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ފަނޑިޔާރުންގެ އިތުރުން އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ދޭންޖެހޭ ޓުރެއިނިންތައް ހުންނަނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. "ކޯޓު ރޫމުތަކަކީ ގާނޫނު އަސާސީ ބުނާ ގޮތުން ޕަބްލިކަށް ވަދެވޭ ގޮތަށް ހުންނަންޖެހޭ ތަންތަން. އެކަަމަކު އެތަންތަނެކޭ ކުޑަ ކުޑަ ކޮތަރަ ކޮށިގަނޑެކޭ އެއްގޮތް. ފަނޑިޔާރު އިށީންދެފައި ހަ މީހުންނަށް އެތަނުގައި ނުތިބެވޭ. އެހެންވީމަ އެތަނަށް މީހުންނަށް ވަދެވޭ ގޮތަށް ކޯޓު ރޫމުތައް ވެސް ހުންނަންވާނީ،" ގާސިމް ވިދާޅުވި އެވެ. އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ޝަރުއީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓު ކުޑަވެފައިވާ މައްސަލާގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ މެމްބަރު ކުޅުދުއްފުށި އުތުރު ދާއިރާގެ އަބްދުލްގަފޫރު މޫސާ ވިދާޅުވީ ޝަރުއީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓު ކުޑަކަމުން އެކަމުގެ ޝަކުވާ އެފަރާތުން ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަޖެޓު ކޮމެޓީން ބަލަންޖެހޭނެ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިނިވަން މުއައްސަސާތަކުން ބަޖެޓާ ގުޅޭގޮތުން ހުށަހަޅާފައިވާ ކަންބޮޑުވުންތައް ބަޖެޓު ކޮމެޓީން އަޑު އަހަންޖެހޭނެ ކަމަށާއި އެ މުއައްސަސާތަކަށް ހައްލު ހޯދުމަށް ވެސް މަސައްކަތް ކުރައްވަންޖެހޭނެ ކަމަށް ވެސް ގަފޫރު ވިދާޅުވި އެވެ. މިއަދުގެ ބަޖެޓު ކޮމެޓީ ނިންމާލައްވަމުން ކޮމެޓީގެ މުގައްރިރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ ކޮމެޓީގެ ބައްދަލުވުމެއް މިރޭ ބާއްވަން ޖެހިދާނެ ކަމަށާއި އެކަން މެމްބަރުންނަށް އެސްއެމްއެސްއަކުން އަންގަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ