ނަޝީދު ވިދާޅުވަނީ ޖެނުއަރީން ފެށިގެން މެންބަރުކަމުގެ މުސާރަ ނުނަންގަވާ ކަމަށް

ސީވީއެފްގެ އަމީންއާންމުގެ މަގާމު ފުރުއްވުމަށްޓަކައި މި އަހަރުގެ ކުރީކޮޅު ގާނާ އަށް ބަދަލުވެވަޑައިގަތް ފަހުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މުސާރަ ނުނަންގަވާ ކަމަށް، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލަންކާގެ 'ދަ މޯނިން' ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ނަޝީދު ވިދާޅުވީ، ސީވީއެފްގެ އަމީންއާންމުގެ ގޮތުގައި އެމަނިކުފާނު ރަސްމީކޮށް މަސައްކަތްކުރައްވަން ފެށްޓެވީ މިދިޔަ ފެބްރުއަރީ މަހު ކަމަށާއި، ޖެނުއަރީން ފެށިގެން މެންބަރަކަށް ލިބޭ މަހު މުސާރަ ނެންގެވުން ހުއްޓާލައްވައިފައިވާނެ ކަމަށެވެ.
ނަމަވެސް، މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހު އެމަނިކުފާނު މަޖިލީހުގެ އިދާރާ އަށް ފޮނުއްވި ސިޓީގައި ވަނީ މިދިޔަ އޭޕްރިލް މަހާއި މި މަހުގެ މުސާރަ އުނިކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އެ ސިޓީގައި ނަޝީދު ވަނީ، ސީވީއެފްގެ އަމީންއާންމުގެ ހައިސިއްޔަތުން ކުރަން ޖެހޭ މަސައްކަތްތައް ކުރެއްވުމަށް އެ މަނިކުފާނު ހުންނެވީ ގާނާގައި ކަމަށް ވިދާޅުވެ، އެއިން ކޮންމެ ކަމެއްގައި ރަސްމީކޮށް ކަންކަން ހިންގުމަށް ވަގުތު ނަގާކަން ފާހަގަކުރައްވައިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ނަޝީދު އެ ސިޓީ ފޮނުއްވީ 19 ވަނަ މަޖިލީހުގެ ފަހު ދައުރު ނިމެން ދެ މަހަށް ވެފައި އޮއްވައެވެ. 19 ވަނަ މަޖިލީހުގެ ފަހު ދުވަހަކީ މާދަމާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ