އިންތިޚާބުވި މެންބަރުން ޕާޓީއަކާއި ގުޅުމަށް ޤާނޫނީ ހުރަހެއް ނެތް، އެފުރުޞަތު އޮންނާނެ!

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރުން ސިޔާސީ ޕާޓީއަކާއި ގުޅުމަށް ޤާނޫނީ ހުރަހެއް ނެތްކަމަށް ޤާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.
ޤާނޫނީ ވަކީލުން މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހަށް އަމިއްލަގޮތުން އިންތިހާބުވެވަޑައިގެންނެވި ބައެއް މެމްބަރުން ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާތީއެވެ.
މިގޮތުން އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަދި ޤާނޫނީ ވަކީލް އިސްމާޢީލް ޙަބީބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު، ވެރިކަން ކުރާ ޕާޓީ، ޕީއެންސީއާއި ގުޅިވަޑައިގެންނެވި މެންބަރުންގެ ގާނޫނުއަސާސީގައި ބުނާ ޝަރުތު އުނި ނުވާ ކަމަށާއި، އެ މެންބަރުން އެންޓި-ޑިފެކްޝަންގެ ގާނޫނާވެސް ޚިލާފުނުވާކަމަށެވެ.
ޙަބީބު ވިދާޅުވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ އެއްވެސް ޝަރުތެއްވެސް މަޖިލީހަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ޕީއެންސީއާއި ގުޅިވަޑައިގެންނެވި 6 މެންބަރުންގެ އުނި ނުވާކަމަށެވެ. ޤާނޫނު އަސާސީގެ އެ މާއްދާފައި ބަޔާންކުރާގޮތުން ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަބަރަކު، މަޖިލީހުގެ މެންބަރުކަމުން ވަކިވާނީ، ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައިވުންކަމަށެވެ. އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވާނަމަވެސް މެންބަރުކަމުން ވަކިވާނެކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ހަބީބު ވަނީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އެއްވެސް ހައްގެއް ގާނޫނަކުން އުނި ނުކުރެވޭނެކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ މެންބަރަކު އިންތިޚާބުވި ޕާޓީ ބަދަލުކޮށްފިނަމަ އަމިއްލައަށް އިސްތިއުފާ ދޭންޖެހޭގޮތަށް އެންޓި-ޑިފެކްޝަންގެ ޤާނޫނު ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އެމްޑީޕީގެ އަޣްލަބިއްޔަތުން ފާސްކުރީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ނަމަވެސް އެ ޤާނޫނުގައި ހުރި ވަރަށް ގިނަ މައްސަލަތައް ޤާނޫނީ ބޭފުޅުންދަނީ ފާހަގަކުރައްވަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލިހުގެ މެންބަރެއްގެ އުނިވާނެ ޝަރުތުތައް ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވަނިކޮށް، ގާނޫނުއަސާސީގައި ނެތް ޝަރުތުތަކެއް ގާނޫނުގައި ހިމަނާފައިވުމުން ޤާނޫނީ ބޭފުޅުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ