ރައްޔިތުންގެ އުންމީދުތައް ހާސިލްވާނީ ޤައުމު މިނިވަންކަންމަތީ އޮވެގެން: ނައިބު ރައީސް

މިނިވަންކަމަކީ ޤައުމަކަށް ލިބޭނެ އެންމެބޮޑު ނިޢުމަތްކަމަށާއި، ޤައުމެއްގެ ރައްޔިތުންގެ އުންމީދުތައް ހާސިލްވާނީ ވެސް މިނިވަންކަން އޮވެގެންކަމުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދަކީ ރާއްޖެ، އިނގިރޭސިންގެ ދަށުން މިނިވަންކަން ލިބުނުތާ 59 އަހަރު ފުރޭ ރާއްޖޭގެ މިނިވަން ދުވަހެވެ.
މިއަދުގެ މުނާސަބާގައި ނައިބު ރައީސް ވަނީ ޚާއްޞަ ވީޑިއޯ މެސެޖެއް ދެއްވާފައެވެ. މި މެސެޖުގައި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ރައްކާތެރިކޮށް، ޤައުމުގެ ސުލްޙަވެރިކަމާ އެއްބައިވަންތަކަން ދެމެހެއްޓެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުގައި، ބައިވެރިވެވަޑައިގެންނެވުމަށް ދެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން ނައިބު ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.
ނައިބު ރައީސްގެ މެސެޖުގައި ރާއްޖޭގެ މިނިވަންދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައިވާއިރު، ރާއްޖެއަކީ މިނިވަންކަމުގެ ދިގު މާޒީއެއް އޮތް ޤައުމެއްކަން ވަނީ ފާހަގަކުރަށްވާފައެވެ.
ރާއްޖޭގެ މިނިވަންކަމަށް ބަޔަކު އަތްގަދަކުރާ ކޮންމެ ފަހަރަކު ހިތްވަރުގަދަ ދިވެހި ދަރީންތަކެއް ނުކުމެ ޤައުމު ސަލާމަތްކޮށްދޭކަމުގައި ވިދާޅުވެ، ނައިބު ރައީސް ހުސެންގެ މެސެޖުގައި ވަނީ ދިވެހި މިނިވަންކަމުގެ ޙައްޤުގައި ޖިހާދުކުރެއްވި ވަރުގަދަ ބަޠަލުންގެ ޒިކުރާ އާކުރައްވައި ކާބަފައިންވީ ގުރުބާނީގެ ހަނދާން އައުކުރަށްވާފައެވެ.
އިނގިރޭސިންގެ އަތް ދަށުގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށްފަހު ރާއްޖެއަށް މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ