ބާ ކައުންސިލުން އޭޖީ އުނިކުރުމާ ގާސިމް ދެކޮޅު

ބާ ކައުންސިލުގައި ބަންޑާރަ ނައިބު އިންނެވުމަކީ އެތަނުގައި ކުރާ ކަންކަން ގޯސްކޮށް ހިނގާނެ ސަބަބެއް ކަމަށް ބަލައި ނުގަންނަ ކަމަށް ވިދާޅުވެ، ބާ ކައުންސިލުން ބަންޑާރަ ނައިބު ވަކިކުރުމަށް މާމިގިލީި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ދެކޮޅު ހައްދަވައިފި އެވެ.
ގާސިމް މިހެން ވިދާޅުވީ ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ހުސައިން ޝަރީފް ހުށަހެޅުއްވި އިސްލާހުގެ އިބްތިދާއީ ބަހުސް މަރުހަލާގަ އެވެ. ބާ ކައުންސިލުގައި މިވަގުތު ތިބެނީ 9 މެމްބަރުންނެވެ. އެއީ އެއީ ބަންޑާރަ ނައިބާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ރައީސާއި ނައިބު ރައީސްގެ އިތުރުން އިތުރު ހަ ވަކީލެކެވެ.
މި ބިލުގެ ބަހުސްގައި ގާސިމް ވިދާޅުވީ ވެރިކަންކުރާއިރު، ކޮންމެ ދާއިރާއަކުން ވެސް ރައީސުލްޖުމްހޫރިއްޔާ އަށް އަޕްޑޭޓުތައް ލިބުން މުހިންމު ކަމަށެވެ. އޭނާ ވިދާޅުވީ ބަންޑަރަ ނައިބު ބާ ކައުންސިލްގައި އިންނެވުމަކީ އެއީ އެތަނަށް ނުފޫޒެއް ފޯރާނެ ސަބަބެއް ނޫން ކަމަށެވެ. އެގޮތުން އެގްޒެކެޓިވް ކޮމިޓީއެއް އޮންނައިރު، އޭގެ ތެރެއިން ހަމައެކަނި ބަންޑާރަ ނައިބު ދެއްވާ ވޯޓަކުން މައްސަލަތަކުގައި ގޮތް ނުނިންމޭނެ ކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ބާ ކައުންސިލުން އޭޖީ އުނިކޮށްލައިގެން އަދުލު އިންސާފު ގާއިމްކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ގާސިމް ވިދާޅުވީ ވަކީލުންގެ ތެރެއިންނާއި އަދި އެހެނިހެން ވެސް ގޮތްތަކަށް ބާ ކައުންސިލްގައި ތިއްބަވާ މެމްބަރުންނެކޭ އެއް ފަދައިން ބަންޑަރަ ނައިބަކީ ވެސް އިންސާނެއް ކަމަށެވެ. އަދި މަސައްކަތުގައި މުހިންމީ އިހުލާސްތެރިކަން ކަމަށާއި، އިހުލާސްތެރިކަމެއް ނެތް ނަމަ އެ މަގާމުގައި ކޮންމެ މީހަކު ބޭންދި ނަމަވެސް އެކަމުން ވާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ ފަނޑިޔާރުން ކުރާ ކަންތައްތަކަކީ ވެސް ނުފޫޒު ފޯރުވައިގެން ކުރާ ކަންތައްތަކެއް ކަމަށް އަޅުގަނޑުމެން ދެކޭ ކަމަށްވަންޏާ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. ވެރިންނާ ފަނޑިޔާރުންނަކީ އިހުލާސްތެރި ތެދުވެރި ބަޔަކަށް ވުން ގާނޫނުން ލާޒިމްކުރާ ކަމަށެވެ.
ގާސިމް ވިދާޅުވީ މެމްބަރު ހުސައިން ހުށަހެޅުއްވި އިސްލާހުތަކުގެ ތެރެއިން ބަންޑާރަ ނައިބު އުނި ކުރުން ފިޔަވާ އެހެން ހުރިހާ ކަމަކަށް ތާއިދުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ