ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު އިންތިޚާބުކޮށްފިއެވެ.
އޭނާ ޖޭއެސްސީގެ މެންބަރުކަމަށް އިންތިޚާބުކޮށްފައިވަނީ 91 ފަނޑިޔާރުންގެ ތާއީދާ އެކު، ދަށު ކޯޓުތަކުގެ ތެރެއިން އެ ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރުގެ ގޮތުގައެވެ.
މިއަދު ހެނދުނު 10އިން މެންދުރު 12އަށް ކުރިޔަށް ގެންދިޔަ މި އިންތިޚާބުގައި، 166 ފަނޑިޔާރުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެން ދިޔައެވެ. އޭގެ ތެރެއިން ތިން ފަނޑިޔާރަކު ފިޔަވައި، އެހެން ހުރިހާ ފަނޑިޔާރުން ވޯޓު ދެއްވިއެވެ.
މި އިންތިޚާބުގައި ވާދަ ކުރެއްވި ފަސް ގާޒީންގެ ތެރެއިން، ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު 91 ވޯޓު ލިބިގެން އެންމެ މަތިން ވޯޓު ހޯއްދެވިއެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހްސާނަށެވެ. އޭނާއަށް 71 ވޯޓު ލިބުނެވެ. ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުޙައްމަދަށް އެންމެ ވޯޓެއް ލިބުނު އިރު، އަނެއް ދެ ކެންޑިޑޭޓުންނަށް އެއްވެސް ވޯޓެއް ނުލިބެއެވެ.
މި އިންތިޚާބާ ގުޅިގެން، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި ތަމްސީލުކުރާނެ ފަނޑިޔާރެއްގެ ގޮތުގައި ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު ހޮވިފައިވާކަން ފާހަގަކުރެވެއެވެ.
ޖޭއެސްސީގައި ހިމެނޭ އެހެން މެންބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ މެންބަރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލިހުގެ ރައީސާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ ފަރާތުން ކަނޑައަޅާ ބޭފުޅަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، ބަންޑާރަ ނައިބާއި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އަދި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ބޭފުޅެއް ހިމެނެއެވެ
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ޖޭއެސްސީއަށް އިންތިޚާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ