އަޅުގަނޑަކީ އެންމެ ކުޑައިރުންސުރެ ދިރިއުޅުމުގެ ކަންކަން ވަކިގޮތަކަށް ގެންގުޅެން ވިސްނަމުން އައި އަންހެނަކީމެވެ. އެއިގެ ތެރެއިން އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ފާހަގަކުރަމުން އައީ ކައިވެނިކުރެވޭމީހަކަށް ވަރަށް ހެޔޮކޮށް ހިތައި ޢުމުރަށް އެކުގައި އުޅުމެވެ. ދެވަނަ މީހަކާއި ކައިވެނިނުކޮށް ފުރަތަމަ ކައިވެނިމަތީގައި ޢުމުރު ހޭދަކުރުމެވެ.
އެ ނިޔަތުގައި ހުއްޓައި ބައްދަލުވި ފިރިހެނަކު ވަރަށްބޮޑަށް ލޯބިވާކަމަށް ބުނެ ކައިވެނިކުރަން އެތައް ފަހަރަކު އެދުނު ފަހުން އެއްބަސްވެ ކައިވެނިކުރީމެވެ. ފުރަތަމަ ދުވަހުން ފެށިގެން ގަދައަޅައި މަސައްކަތްކުރަމުން އައީ އަޅުގަނޑުގެ ފަރާތުން ކިތަންމެ ކުޑަކުށެއް ނަމަވެސް ނުދެއްކުމަށެވެ. އެފަދަ ކަމެއް ފެނުނަނަ ނުދިނުމަށެވެ.
ކައިވެނީގެ ފުރަތަމަ 2 އަހަރު ހޭދަވެގެންދިއައީ ވަރަށް ރަނގަޅަށެވެ. ނަމަވެސް 3 ވަނަ އަހަރު ތަފާތު މައްސަލަތައް ކުރިމަތިވާން ފަށައިފިއެވެ. މަޑުމަޑުން އަޅުގަނޑާއި ދުރުހެލިވަމުން ގޮސް ވާހަކަވެސް ނުދައްކައި އުޅެންފަށައިފިއެވެ. އެހައި ބޮޑު ބަދަލެއް އައި ސަބަބަކާއިމެދު ސުވާލުކުރުމުން އެއްވެސް ޖަވާބެއް ނުދެއެވެ.
އެފަދަ ގޮތަކަށް މަސް، ދެމަސްވެގެންދިއައިރު އެކަމަށް ހޭނިއްޖެއެވެ. އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ސުވާލެއްވެސް ނުކުރަމެވެ. އެހެން ހުއްޓައި ފިރިމީހާ އެއްދުވަހު ހަވީރު ސައިބޯން ވަރަށް ހަމަޖެހިލައިގެން އިނދެފައި ބުނީ އަޅުގަނޑު ދެކެ ވަރަށް ފޫހިވެއްޖެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ދެމީހުން ޞުލްޙައިގައި ވަކިވުން ކަމަށެވެ. ފޫހިވާންޖެހުނު ސަބަބާއިމެދު ސުވާލުކުރުމުން ސަބަބު ބުނެއެއް ނުދެވުނެވެ. ބުނީ ހަމަ ފޫހިވަނީ ކަމަށެވެ.
ދެންވެސް އަޅައެއް ނުލަމެވެ. ކެތްތެރިވެލައިގެން އިނީއެވެ. އެހެން އިންދައި އަމިއްލަ ނިދާއެނދު ވަކިކޮށް ވަކިން ނިދަން ފަށައިފިއެވެ. އެކަމަކަށްވެސް އެއްޗެއް ނުބުނަމެވެ. ދުވަސްކޮޅަކުން އެއްދުވަހު މިއުޅެނީ ވަރިކޮށްފައި ގެއިން ނުކުމެގެންދާން ކަމަށް ބުނުމުން ވަރަށް ދެރަވިއެވެ. އެއީ ކުޑައިރުންސުރެ ކުރަމުން އައި އުންމީދު ޙާޞިލުނުކުރެވުނީތީއެވެ. ކައިވެނި ރޫޅޭތީއެވެ.
އަޅުގަނޑު ބުނީ އެންމެ ވާހަކައެކެވެ. "މިއީ އަހަރެންގެ ގެއެވެ. އެކަމަކުވެސް ހެދިހާ ގޮތަކަށް މިއިނީ ފުދިގެންނެވެ. ކަލޭ އަހަރެންނަށް ކުރި ހޭދައަށްވުރެ ބޮޑުވާނީ އަހަރެން ކަލެއަށް ކުރި ހޭދައެވެ. އެކަމަކުވެސް އަހަރެންގެ އާދޭސް ޤަބޫލުނުކޮށް އަހަރެން ދޫކޮށްލާފައި ތިއަދަނީއެވެ. އެގޮތަށް ކަންކަން ކުރުމަށްފަހު ފަހުން ހޯދަން ނައުން އެދެމެވެ. ގުޅައިގެންވެސް ނުވާނެއެވެ. އަހަރެންވެސް ކަލެއަކަށް އުނދަގުލެއް ނުކުރާނަމެވެ." އެހެން ބުނުމުންވެސް އެއްވެސް ޖަވާބެއް ނުދީ އިރުކޮޅކު ހުރެފައި ނުކުމެގެންދިއައީއެވެ. އެވަޤުތު ވަރަށް އަސަރުވެސް ކުރިއެވެ. އެކަމަކު އަސަރުކުރިކަން އޭނާއަކަށް ނުއަންގަމެވެ.
ގެއިން ދިއަތާ 4 މަސްނުވަނީސް ހުކުރު ދުވަހަކު ނިދައި ހޭލެވުނީ އޭނާ ގުޅުމުންނެވެ. އެވަގުތު ގުޅުމުން ބޮޑުކަމެއް ޖެހުނީކަމަށް ހީކޮށް ޙާލު އެހުމުން ބުނީ ޙާލު ރަނގަޅު ކަމަށެވެ. ނަމަވެސް އަޅުގަނޑުމަތިން ހަނދާންވާތީ ނުނިދޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. ވީމާ މާފުކޮށްފައި އަލުން ގުޅެން އެދޭ ކަމަށެވެ.
އަޅުގަނޑު ބުނީ އެއްވެސް ވާހަކައެއް އިތުރަށް ދައްކާނީ އަޅުގަނޑާއިމެދު އެގޮތަށް ކަންކަން ކުރި ސަބަބު ކިޔައިދިނުމުން ކަމަށެވެ. އޭނާ ކިޔައިދިނެވެ. "އޮފީހުގައި އުޅޭ ކުއްޖަކު ދެކެ ލޯބިވެވުނީއެވެ. އޭނާގެ ބަސް ޤަބޫލުކުރެވުނީއެވެ. އޭނާގެ ޙަޤީޤަތް އެނގުނީ ކައިވެނިކުރަން އުޅުމުންނެވެ. 24 އަހަރުވީއިރު 4 ކައިވެނި ވަނީކޮށްފައެވެ. ކޮންމެ ފިރިއަކުވެސް އޭނާ ވަރިކުރީ ޚަރަދުބޮޑުކަމުން ކެތްނުކުރެވިގެންނެވެ. ވީމާ އެކަންކަން އެނގުމުން އޭނާ އާއި ވަކިވީއެވެ. އެއީ ވިސްނާނުލައި ކުރެވުނު ވަރަށް ބޮޑު ކުށެއް ކަމަށް ޤަބޫލުކުރަމެވެ."
ޖަވާބުގައި އަޅުގަނޑު ބުނީމެވެ. "އަހަރެން މިހާރު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެއްވެސް ފިރިހެނަކަށް އެއްވެސް ދުލެއްދީގެން އުޅޭކަށް ބޭނުމެއް ނޫނެވެ. ކުރިން އުޅުނު ގޮތަށް ފިރިމީހާގެ އަޅަކަށްވެގެން އުޅޭކަށް ބޭނުމެއް ނޫނެވެ. މިހާރު ބޭނުންވަނީ ފިރިމީހާގެ ދަށުގައި ހުރެގެން އުޅޭކަސް ނޫނެވެ. ފިރިމީހާއަށްވުރެ މަތީގައި ހުރެގެން އުޅޭށެވެ. ކައިވެނިކުރާނީ އެގޮތަށް އެކުގައި އުޅޭނެ މީހަކު ލިބުނު ދުވަހަކުންނެވެ."
އަޅުގަނޑު އެގޮތަށް ވާހަކަދެއްކީ ކޮންމެހެން އެހެން ބޭނުންވާތީއެއް ނޫނެވެ. ނަމަވެސް ހެދިހާ ގޮތަކަށް ފުދިގެން އިންނަން ބޭނުންނުވާކަން ހާމަކުރާށެވެ. އޭނާ ބުނީ އެހުރިހާ ކަމަކަށްވެސް ޤަބޫލުކުރުމަށެވެ. ބޭނުންވަނީ އަލުން ކައިވެނިކުރަން ކަމަށެވެ. ވިސްނާލާފައި ގުޅާނެ ކަމަށް ބުނެފައި ފޯނުކަނޑައިލީއެވެ.
އެއިގެ ފަހުން މިހާރު 3 މަސްވެއްޖެއެވެ. ނުގުޅަމެވެ. އޭނާ ކޮންމެ ދުވަހަކުވެސް 2،3 ފަހަރު ގުޅައެވެ. ފޯނެއް ނުނަގަމެވެ. މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުން އަހައިލަން ބޭނުންވަނީ މިޙާލަތުގައި ތިއަބޭފުޅުން ކަންކުރައްވާނީ ކިހިނަކުންތޯއެވެ؟ އަޅުގަނޑަށް މިއުޅެނީ ގޮތެއް ނިންމަން އުނދަގޫވެގެންނެވެ.
- ސާމިޔާ / މިއަދުހޫގެ ކިޔުންތެރިއެއް
ޙަޤީޤީ ޙާދިސާ: ކިޔުންތެރިންގެ ގާތުގަ އަހާލަން ބޭނުންވަނީ އަޅުގަނޑަށް މެދުވެރިވި ގޮތަށް ކަންތައް މެދުވރިވެއްޖެނަމަ ތިއަބޭފުޅުން ކަންތައް ކުރައްވާނީ ކިހިނަކުންތޯއެވެ؟: ސާމިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ