ދީބާޖާއަށް ދޭންޖެހޭ ބަދަލުގެ މިންވަރު ކަނޑައަޅަން ސިވިލް ކޯޓަށް މައްސަލަ ފޮނުވައިފި

ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ސަރުކާރުން ދޭންޖެހޭ ގެއްލުމުގެ ބަދަލު ކަނޑައަޅަން، ހައި ކޯޓުން އެ މައްސަލަ ސިވިލް ކޯޓަށް ފޮނުވައިފިއެވެ. މިދިޔަ މަހުގެ ނުވައެއްގައި ސުޕްރީމް ކޯޓުން ވަނީ ދީބާޖާގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ނިންމާފައެވެ. އެހެންކަމުން އެކުންފުންޏަށް ސަރުކާރުން ގެއްލުމުގެ ބަދަލުދޭންޖެހޭ ކަމަށް އެ ކޯޓުން ހުކުމްކުރިއެވެ. އެ ހުކުމުގައި ސުޕްރީމް ކޯޓުން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ މިންވަރު ކަނޑައެޅުމަށް އެ މައްސަލަ ސިވިލް ކޯޓަށް ފޮނުވުމަށް ހައިކޯޓަށް ތަހުވީލުކޮށްފައެވެ. އެހެންކަމުން ހައިކޯޓުން މިއަދު ނެރެފައިވާ ހުކުމުގައި ވަނީ ސުޕްރީމް ކޯޓުގެ އެންގުމުގައިވާ ގޮތުގެ މަތިން، ގެއްލުމުގެ ބަދަލާ ބެހޭ ގޮތުން ގޮތެއް ނިންމުމަށްޓަކައި އެ މައްސަލަ ސިވިލް ކޯޓަށް ފޮނުވަން މައްސަލަ ބެއްލެވި ފަނޑިޔާރު އިއްތިފާގުވެފައިވާ ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ މަސައްކަތް 2010 ވަނަ އަހަރު ހަވާލުކުރި ދީބާޖާ ކުންފުނީގެ އެގްރީމަންޓް ސަރުކާރުން ބާތިލްކުރީ 2013 ވަނަ އަހަރުއެވެ. އެގްރީމެންޓް ބާތިލުކުރުމުން، ދީބާޖާއިން ދައުވާ ކުރީ ގެއްލުުމުގެ ބަދަލުގެ ގޮތުގައި 2.4 ބިލިއަނެއްހާ ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް، ސިވިލް ކޯޓުން ހުކުމް ކުރީ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމް ބާތިލު ކުރިއެވެ. ދީބާޖާއިން ހައިކޯޓުގެ ހުކުމާ މެދު ހިތްހަމަނުޖެހިގެން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ މައްސަލަ މައުޟޫއީ ގޮތުން ނުބަލައި ހައިކޯޓުގެ ހުކުމް ބާތިލު ކަމަށް ނިންމައިފައެވެ. އެއީ ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވި ފަހުން ކަމަށް ބުނެއެވެ. އެގޮތަށް ނިންމީ އެ ކޯޓުގެ ކުރީގެ ބެންޗުންނެވެ. އެ މައްސަލައިގައި ދީބާޖާއަށް ބަދަލު ދޭން މި ސަރުކާރުގައި އެއްބަސްވި ނަމަވެސް ފަހުން ޕްރެޝަރާ ހެދި ސަރުކާރުން ނިންމީ ސުޕްރީމް ކޯޓުގެ ހުކުމް މުރާޖައާ ކުރަން ހުށަހަޅާށެވެ. ދައުލަތުން ހުށަހެޅި މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން ކަނޑައެޅީ އެ ކޯޓުން މީގެކުރިން ނިންމި ނިންމުން ބާތިލް ކުރާށެވެ. އަދި ހައިކޯޓުގެ ހުކުމް އަލުން އިސްތިއުނާފަށް ހުށަހެޅުމަށެވެ. އެގޮތުން މިދިޔަ މަހުގެ ނުވައެއްގައި ސުޕްރީމް ކޯޓުން ނިންމީ ހައިކޯޓުން އެ މައްސަލައިގައި ކުރި ހުކުމާއި ސިވިލް ކޯޓުން މީގެކުރިން ކުރި ހުކުމްގައި ގެއްލުމުގެެ ބަދަލާމެދު ނިންމާފައިވާ ބައި ބާތިލް ކަމަށެވެ. އެގޮތަށް ހުކުމް ކުރީ އެއީ ގާނޫނީ ހަމަތަކާއި އަދުލުއިންސާފުގެ ހަމަތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުންތަކަކަށް ނުވާތީއެވެ. އެ ކޯޓުގެ ހުކުމުގައި ވާގޮތުން ނޯޓިސްއެއް ދިނުމަކާ ނުލައި ދީބާޖާއާ އެކުވެފައިވާ އެއްބަސްވުން ބާތިލްކުރީ ބޮޑުބަޔަކަށް ފެރީގެ ޚިދުމަތް ނުދެވޭ ކަމަށް ބުނެއެވެ. ނަމަވެސް އެއްބަސްވުން ބާތިލްކުރިއިރު ފެރީ ނިޒާމް ބޮޑު ބަޔަކަށް ލިބެމުންދިޔަ ކަމާއި ފެރީ ނިޒާމް ހިނގަމުންދިޔަކަން ޓްރާންސްޕޯޓް މިނިސްޓްރީން ދީބާޖާއަށް ފޮނުވި ސިޓީން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ