ސަރުކާރާ މިހާރު ޖެހިގެން އުޅޭ މައްސަލަތައް ސުލްހަވެރިކޮށް ހައްލުކޮށް، ސަރުކާރާ އެކު އެއް މޭޒުގެ ދޮށަށް ދިޔުމަށް ތައްޔާރަށް ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އޭނާގެ އަމިއްލަ ޓީވީ، ވިލާ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ވިލާ ގްރޫޕުން 100 މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް އެންގި މައްސަލައިގައި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ރައީސް އަބްދުﷲ ޔާމީން ވިދާޅުވާ ތަނަކަށް ގޮސް މަޝްވަރާކޮށްގެން ކަންކަން ހައްލު ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ ގޮތުން ވަކި މީހަކު ވެރިކަމަށް ގެންނަން އޭނާ މަސައްކަތް ނުކުރައްވާ ކަމަށާއި އެކަކު އަނެކަކަށް ތަންތަނުގައި އެއްޗިިހި ކިޔައިގެން މި މައްސަލަތައް ހައްލުވާން ނެތް ކަމަށެވެ.
"މިކަން މަޝްވަރާކޮށްގެން ހައްލު ކުރަން އަޅުގަނޑު އޮންނާނީ ދަންނަވާފައި، ނަމަވެސް އަދި ރައީސްގެވެސް އަދީބުގެ ވެސް އެޕޮއިންޓްމަންޓެއް އަޅުގަނޑަކަށް ނުލިބޭ. އެބޭފުޅުން ވިދާޅުވާ ތަނަކަށް ގޮސްގެން މި ކަންކަން ހައްލު ކުރަން އަޅުގަނޑު މި ހުރީ ތައްޔާރަށް. އެއްޗިހި ކިޔައިގެން މިކަންކަން ހައްލެއް ނުވާނެ،" ގާސިމް ވިދާޅުވި އެވެ.
ދައުލަތަށް 100 މިލިއަން ޑޮލަރު ދައްކަން ނުޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގާސިމް ވިދާޅުވީ މި މަހުގެ ތެރޭގައި މީރާއިން ވިލާގެ އެކައުންޓްތައް ފްރީޒް ކުރަން ނޯޓިސް ފޮނުވާފައި އޮތް ކަމަށެވެ. ނަމަވެސް އެކަން ކޮށްފި ނަމަ، އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި ވަރަށް ގިނަ އާއިލާތައް ބިކަވެގެން ދާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ވެސް އޭނާ ބޭނުންފުޅު ވަނީ ރައްޔިތުންގެ ހައްގުގަ އެވެ.
"މީރާގެ ބޭފުޅުންނަށް ވެސް އަޅުގަނޑު ދަންނަވާލަން އޮތީ ތިބޭފުޅުން ވެސް ރަނގަޅަށް މިކަން ބައްލަވާށޭ. ހަމަ ކުއްލިއަކަށް އެވަރުގެ ފައިންއެއް އަޅުގަނޑުމެން ދައްކާކަށް ނުޖެހޭނޭ. އެބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވަން ޖެހޭނެ އިދާރީ ފިޔަވަޅެއް އަޅުއްވާ އިރުވެސް އަދުލުންކަން ފިޔަވަޅު އަޅުއްވަން ޖެހޭނީ. މިއީ އަޅުގަނޑުމެންނަށް ދައްކަން ޖެހޭނެ ފައިސާއެއް ނޫން،" ގާސިމް ވިދާޅުވި އެވެ.
އެއްވެސް އެއްޗެއް ނުހައްގުން އަތުލަން މަސައްކަތް ނުކުރައްވާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، ކޯޓުގައި މިހާރު ހިނގާ މައްސަަލައިގެ ތެރެއިން ވަރަށް ގިނަ ކަންކަން އާންމުންނަށް ތިލަވާނެ ކަމަށެވެ. އަދި އޭނާއަށް ދައުލަތުން ދައްކަން ޖެހޭ ފައިސާތަކެއްގެ ބަދަލުގައި ދީފައިވާ ރަށްތަކެއް އަތުލެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކާޑެއްދޫ އެއާޕޯޓް ނެގުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ އެއާޕޯޓާ ގުޅިގެން ލިބެންޖެހޭ ރަށް ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ވިލާއަށް 40 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ވަނީ ލިބިފަ އެވެ.
"އެންމެ ފަހުން ސަރުކާރުން މި އަންގަވަނީ އެތަން ވެސް ނަގަން. މިކަހަލަ ކަންކަން އަޅުގަނޑުގެ އެއްވެސް ކުށެއް ނެތި ހިނގާތީ އެކަމާ އަޅުގަނޑު މަޝްވަރާ ކުރަން ސަރުކާރާ އެއްމޭޒަކަށް ދާން މިހިރީ ތައްޔާރަށް. މަޝްވަރާކުރުމަކީ މީގައި އޮތްކަމެއް ކަމަށް އަޅުގަނޑަށް ފެންނަނީ،" ގާސިމް ވިދާޅުވި އެވެ.
ކޯޓަށް ގޮސްގެން އުޅެނީ ވެސް ނަހައްގުން އެއްޗިހިތަކެއް ހޯދަން ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ އެކަން ކުރީ ނުހަމަ ގޮތުގައި ފިޔަވަޅުތަކެއް އަޅާތީ އިންސާފް ހޯދުމަށެވެ. އަދި އޭނާ އަކީ ދައުލަތުން އެއްޗިހި ތަކެއް ހޯދައިގެން އުޅޭ މީހެއް ނޫން ކަމަށާއި މުއްސަދިކަން ހޯއްދެވީ އަމިއްލަ މަސައްކަތުން ކަމަށް ވެސް ވިދާޅުވި އެވެ. މިހާރު ޖެހިގެން އުޅޭ މައްސަލަ ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް، އޭނާ ގައުމަށް ޓަކައި ހިދުމަތުގެ ވާހަކަތައް ގައުމުން ފުހެ ނުލެވޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ސަރުކާރާ އެއް މޭޒެއްގެ ދޮށަށް އައުމަށް އަޅުގަނޑު ތައްޔާރު: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ