އެކި މީސްމީހުން ނަމުގައި ވަގު ފޯމު ހަދައިގެން، ޕީއެންސީއަށް ވައްދާފައިވާ މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ވަގު ފޯމުތަކެއް ފުރައިގެން ޕީއެންސީއަށް މީހުން ވައްދާފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅު ކުރަމުންދާ މި ދަނޑިވަޅުގައި އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އިބޫ ވިދާޅުވީ، އާންމު އެތައް ރައްޔިތެއްގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް އޮޅުވާލައިގެން ޕީއެންސީއަށް ވައްދަމުންދާ ކަމަށެވެ.
އަދި އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުވެސް އޮޅުވާލައިގެން ޕީއެންސީއަށް ވައްދާފައިވާކަން ފާހަގަ ކުރައްވާ އިބޫ ވަނީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ޒިންމާ ފުރިހަމައަަށް އަދާ ކުރަމުންދޭތޯ ސުވާލު އުފައްދަވާފައެވެ. "ސުވާލަކީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ޒިންމާ ފުރިހަމައަަށް އެބަ އަދާ ކުރޭ ބާވައެވެ؟" އިބޫ އެކްސްގައި ހިއްސާ ކުރެއްވީ ޕޯސްޓުގައި ވެއެވެ.
އިލެކްޝަންސް ކޮމިޝަނަކީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ވާންޖެހޭ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ވަގު ފޯމުތަކެއް ފުރައިގެން ޕީއެންސީއަށް މީހުން ވައްދާފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް އިދިކޮޅު އެމްޑީޕީން ވަނީ މިދިޔަ ހަފުތާގައި އިލެކްޝަންސް ކޮމިޝަނާ ވެސް ހިއްސާކޮށްފައެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮންގްރެސް ޕާޓީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެ ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ކޮންގްރެސް ޕާޓީގައި ހިމަނާފައިވާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ކޮންގްރެސް ޕާޓީއަށް އެއް ލައްކަ މެމްބަރުން ހަމަކުރަން ކަމަށް ބުނެ، މީހުންގެ ސޮއި ފޯޖުކޮށްގެން ހުށަހަޅަމުންދާ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓާލުމަށް ވެސް އީސީގައި އެދިފައިވާނެކަމަށްވެސް އެ ޕާޓީން ނެރުނު ބަޔާނުގައި ވެއެވެ.
މި މައްސަލައާ ގުޅިގެން ޕީއެންސީން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވާއިރު އެކި އެކި އާންމުންވެސް ދަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އީސީގެ ގާނޫނީ ޒިންމާ އަދާކުރެވޭ މިންވަރާމެދު ސޯލިހު ސުވާލު އުފައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ