ކައުންސިލްތައް ފިޔަވާ ސަރުކާރުގެ އެއްވެސް އިދާރާއަކުން ފައިސާގެ އެއްވެސް މުއާމަލާތަކަށް ލުއިތަކެއް ހޯދާނަމަ އެކަން ކުރަން ޖެހޭނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު ކަމުގައި ކަނޑައަޅައި އުސޫލެއް އާންމުކޮށްފިއެވެ.
"ދައުލަތުގެ އޮފީސްތަކާއެކު އެކި ފަރާތްތަކުން ކޮށްފައިވާ މުއާމަލާތްތަކާ ގުޅިގެން ލުއި ދިނުމާއި މަންފާ ހޯދައިދިނުމާއި، ފައިސާ މައާފުކޮށްދިނުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ފިނޭންސް މިނިސްޓްރީން މިއަދު ވަނީ އާންމު ކޮށްފައެވެ.
މި އުސޫލުގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ އޮފީސްތަކުންނާއި ކައުންސިލްތަކުން ހިންގާ މުއާމަލާތްތަކާ ގުޅިގެން އެއްވެސް ލުޔެއް ނުވަތަ މަންފާއެއް ހޯދައިދިނުން ނުވަތަ ދައުލަތަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް މައާފުކޮށްދިނުމުގެ ސަބަބުން މާލިއްޔާތަށް ކުރިމަތިވެދާނެ ހިރާސްތަކާއި ނުރަނގަޅު އަސަރުތައް ދެނެގަތުމަށް ބާރު އެޅުމެވެ.
އަދި، ދައުލަތުގެ މާލިއްޔާތާމެދު އިތުބާރު ދެމެހެއްޓުމަށް އާމްދަނީ އާއި މުދަލާއި އެ ނޫންވެސް ވަސީލަތްތައް ޒިންމާދާރު ގޮތުގައި މެނޭޖު ކުރެވޭނެކަން ކަށަވަރު ކުރުން ވެސް ހިމެނެއެވެ.
ދައުލަތުގެ އޮފީސްތަކުންނާއި ކައުންސިލުތަކުން ހިންގާ ފައިސާގެ މުއާމަލާތްތަކާއި ގުޅިގެން އެއްވެސް ލުޔެއް ނުވަތަ މަންފާއެއް އެއްވެސް މީހަކަށް ދެވޭނީ އެ ގަވާއިދުގެ ދަށުންނެވެ.
މި އުސޫލުގައިވާ ގޮތުން ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެހެން އޮފީސްތަކުން މުއާމަލާތެއްގައި މީހަކަށް ލުޔެއް، މަންފާއެއް ނުވަތަ މާފު ދިނުމަށް ހުށަހަޅާ ހާލަތްތަކުގައި އެ ކަމުގައި ލުޔެއް ދޭން ނުވަތަ މާފު ދޭން ބަންޑާރަ ނައިބުގެ އޮފީހުން ދެކޭ ގޮތް ހޯދައި, ހުށަހަޅާފައިވާ ލިޔެކިޔުންތަކާ އެކު، ބަންޑާރަ ނައިބުގެ އޮފީހުން ދެކޭ ގޮތް ބަޔާންކޮށް ފޮނުވާ ލިޔުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ.
ދޭ ލުޔެއް ނުވަތަ މާފު ނުދޭން ފިނޭންސް މިނިސްޓަރަށް ނިންމިދާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ލުއި ދޭން ނުވަތަ މާފު ދޭން މިނިސްޓަރަށް ފެންނަ ހާލަތުގައި ރައީސްގެ ހުއްދަ ހޯދަން ޖެހެއެވެ. ރައީސް ހުއްދަ ނުދޭ ހާލަތުގައި އެކަން ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ރައީސް ދެއްވާ އިރުޝާދެއްގެ ދަށުން ފިނޭންސް މިނިސްޓަރެވެ.
މީގެއިތުރުން, ޓޫރިޒަމާ ގުޅުން ހުރި މިފަދަ ފައިސާގެ މުއާމަލާތްތަކުގައި ލުއި ދެވޭނީ ފުރަތަމަ ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކައި ހަލާސްކުރުމުން ކަމަށާއި, އެ ފައިސާ ދައްކަން މިނިސްޓްރީން އަންގާތާ 45 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރުމުން މެނުވީ ލުއި ނުވަތަ މާފު ނުދެވޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.
ނަމަވެސް ލޯކަލް ކައުންސިލްތަކަށް ކައުންސިލެއްގެ މެންބަރުން ހާޒިރުވާ ޖަލްސާއަކުން ފާސްކޮށްގެން ލުއި ދޭން ނުވަތަ މާފު ދޭން ނިންމޭނެ ކަމަށް އުސޫލުގައި ވެއެވެ. އެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ލުއި ދޭން ނުވަތަ މާފު ދޭން ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާ ކައުންސިލަށް އެ ކަމާ ގުޅޭ ލިޔެކިޔުންތައް ހަމަކޮށް ހުށަހަޅަން ޖެހޭއިރު, ލުއި ދޭން ނުވަތަ މާފު ދޭން ކައުންސިލަކުން ފާސްކޮށްފި ނަމަ، ފާސްކުރާތާ ހަތް ދުވަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީއާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށް އެނިންމުމެއް އަންގަން ޖެހެއެވެ.
ރައީސްގެ ހުއްދަ ހޯދައިގެން މެނުވީ މާލީ ލުޔެއް ނުދެވޭނެ އުސޫލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ