ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް އެންމެ މުހިންމީ ދާއިރާގެ އުމްރާނީ ތަރައްގީ: ނާޒިމް

ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް އެންމެ މުހިންމީ އުމްރާނީ ގޮތުން ސިއްހީ ދާއިރާ ހަރުދަނާ ކުރުންކަމަށް ހެލްތު މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
10 ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަން އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރަށްރަށުގެ ސިއްހީ ނިޒާމުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ، ބޭނުންވާ މަރާމާތުތައް ނުކޮށް ހުރިކަންކަމަށެވެ.
ތަރައްގީގެ މަސައްކަތްތައް ސިއްހީ ދާއިރާގައި ކުރެވިފައި ނެތްކަމަށާއި، ސިއްހީ ހިދުމަތް ދޭ ތަންތަންވެސް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިފައިނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހާރު ސިއްހީ ހިދުމަތްތައް ދެމުން އަންނަނީ ވީރާނާވެފައިވާ އިމާރާތްތަކެއްގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން ސިއްހީ ހިދުމަތް ދޭ ތަންތަން ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަސައްކަތްތައް ނިމޭއިރު، ރާއްޖޭގެ ސިއްހީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާނެކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ހާއްސަކޮށް މި މަޝްރޫއުތައް ހިންގާ ރަށްރަށުގެ ރައްޔިތުންނަށް ފައިދާ ކުރާނެކަމަށެވެ.
ސަރުކާރުން ސިއްހީ މަރުކަޒުތައް ތަރައްގީކުރަން ހަވާލުކޮށްފައިވާ ރަށްތަކަކީ ބ. ކުޑަރިކިލު، ގއ. ކޮންޑޭ، ގދ، ނަޑެއްލާ، ހދ. ނެއްލައިދޫ އަދި އދ. ފެންފުށި ށ. މިލަންދޫ، ކ. ތުލުސްދޫ، އއ. ރަސްދޫ، ގއ. ވިލިނގިލި އަދި ނ. ވެލިދޫއެވެެ. ރޭގެ ރަސްމިއްޔާތުގައި މި މަޝްރޫއުތައް މިހާރު ވަނީ ކުންފުނިތަކާއި ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ