މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރުގެ މަގާމު އުވާލުމާ ގުޅިގެން، އޭނާގެ ދަރިފުޅު އަޒާން ޒުހައިރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ގެ ޑިރެކްޓަރުންގެ ބޯޑުން އިސްތިއުފާ ދެއްވައިފިއެވެ.
އަޒާން މި ނިންމުން ނިންމެވީ އޭނާގެ ބައްޕަގެ މަގާމު އުވާލުމުގައި ސަރުކާރުން އަމަލުކުރި ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކުރެއްވުމަށްފަހުއެވެ.
އަހުމަދު ޒުހައިރުގެ މަގާމު އުވާލާފައިވަނީ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައިއިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ)ގެ ކެމްޕެއިން ޖަލްސާއެއްގައި އޭނާ ބައިވެރިވެވަޑައިގެންނެވި ފަހުންނެވެ. މިކަމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
މިކަމާ ގުޅޭގޮތުން އަޒާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭވިއޭޝަން ދާއިރާގެ ތަޖުރިބާ ހުރި އޭނާގެ ބައްޕާފުޅަކީ އަބަދުވެސް އެމްޑީޕީގެ ސަޕޯޓަރެއް ކަމަށާއި، އެ މަގާމަށް އައްޔަންކުރެއްވީ އިންޓަވިއުކޮށްގެން ކަމަށެވެ.
”ޕީއެންސީއަށް ސަޕޯޓުކުރުމަކީ އެއްވެސް އިރެއްގައި އެ މަގާމު ލިބުމުގެ ޝަރުތެއް ނޫން. އެއީ ޝަރުތެއްނަމަ ބައްޕަ އެ މަގާމަށް އެއްބަސްނުވާނެ،“ އަޒާން ވިދާޅުވިއެވެ.
އަޒާން އިތުރަށް ވިދާޅުވީ، އިހުތިރާމުކުރުމުގެ ގޮތުން ވޭތުވެދިޔަ އަހަރު ޒުހައިރު އެމްޑީޕީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައި ނުވާނެ ކަމަށެވެ. ނަމަވެސް ސޯބެގެ ކެމްޕޭނަށް ވަޑައިގެންނެވީ އޭނާއަކީ އާއިލީ ބޭފުޅަކަށް ވާތީ ކަމަށާއި، އެކަމުގެ މައުލޫމާތު 15 ދުވަސް ކުރިން މިނިސްޓްރީއަށް ހިއްސާކޮށްފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޒުހައިރަކީ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅަކަށް ނުވާއިރު، މަގާމު އުވާލައިގެން ވަޒީފާ ގެއްލުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަޒާން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ސަރުކާރުން އެގޮތަށް އަމަލުކުރާތީ ސަރުކާރުގެ މަގާމެއްގައި ދެމިހުންނަން ބޭނުންފުޅުނުވާތީ އޭއައިއޭގެ ބޯޑުގެ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވީ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. ފައްޔާޒު ވިދާޅުވީ އިންތިހާބުން ބަލިވުމުން ބަދަލުހިފުމުގެ ގޮތުން މުވައްޒަފުން ވަކިކުރުމަކީ ތާއީދު އިތުރުވާނެ ކަމެއް ނޫން ކަމަށާއި، ސަރުކާރު ކުންފުނިތައް ޕީއެންސީގެ ޖަގަހަތަކެއްގެ ގޮތުގައި ބޭނުންކޮށްގެން އާއިލާތައް ނިކަމެތިކުރުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.
ޒުހެއިރުގެ މަގާމުން އުވާލުމުން ދަރިފުޅު މަގާމުން އިސްތިއުފާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ