ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ގާޒީ ޖަމީލާއި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝަހީދު އައްޔަންކުރަން ނިންމައިފި

ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އާއި ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިކަން ނިންމާފައިވަނީ 2025 ޖުލައި 30 ވަނަ ދުވަހުގެ ރޭ ބޭއްވި ކޮމިޝަންގެ 27 ވަނަ ބައްދަލުވުމުގައެވެ. މިއީ ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން، ކުރިމަތިލި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ނިންމި ނިންމުމެކެވެ.
ލ.މާވަށް ނަލަމަލަ އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ އަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލްކޮށްފައިވާ ބޭފުޅެކެވެ. 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަމުގައި ޚިދުމަތްކޮށްފައިވާ ޖަމީލް، ލ.ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ސިވިލް ކޯޓުގެ ޤާޟީގެ މަޤާމު ފުރުއްވާފައިވެއެވެ.
ޏ.ފުވައްމުލައް ދޫޑިގަން ގޯލްޑަންގޭޓް އަލްއުސްތާޛު މުޙައްމަދު ޝަހީދަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލްކޮށްފައިވާ ބޭފުޅެކެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން ޝަހީދު ހުންނެވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައެވެ.
މީގެ އިތުރުން ޝަހީދު ވަނީ ހަނީ ވެލްޑްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 2018 ޖުލައި މަހުން ފެށިގެން 2023 ޑިސެންބަރު މަހާ ހަމައަށް މަސައްކަތްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ