ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުން މިދިޔަ ތިން އަހަރު ތެރޭގައި 70،000 އަށްވުރެ ގިނަ މީހުން ނަފްސާނީ ބަލީގެ ޑޮކްޓަރުންނަށް ދައްކާފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ގީލާ ވިދާޅުވީ 2023 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް 70،000 އަށްވުރެ ގިނަ މީހުން ނަފްސާނީ ބަލީގެ ޑޮކްޓަރުންނަށް ދައްކާފައިވާ ކަމަށާއި އޭގެ ތެރެއިން 45،000 މީހުން ޑޮކްޓަރަށް ދެއްކީ މާލެ ސަރަހައްދުން ކަމަށެވެ.
"ރާއްޖޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރުން ފެށިގެން 25 ގެ ނިޔަލަށް ތިން އަހަރުގެ ތެރޭގައި 70،000 އަށްވުރެ ގިނަ ފަރާތެއް ސައިކޭޓްރިސްޓް އެހީތެރިކަން ހޯދާފައިވޭ. ސައިކޭޓްރިސްޓް ކޮންސަލްޓޭޝަންސް ހޯދާފައިވާ ވާހަކަ އަޅުގަނޑު މިދަންނަވާލީ. މީގެތެރެއިން 45،000 މީހުން ސިއްހީ ފަރުވާ ހޯދާފައިވަނީ މާލެ ސަރަހައްދުން،" ގީލާ ވިދާލުވި އެވެ.
ގީލާ ވިދާޅުވީ ނަފްސާނީ ބަލި މީހުންނަށް އެހީތެރިވާ ހެލްޕް ލައިން ނަންބަރު 1484 އަށް މިދިޔަ އަހަރު އެކަނިވެސް 10،000 އަށްވުރެ ގިނަ މީހުން ގުޅައި އެހީތެރިކަން ހޯދާފައިވާ ކަމަށެވެ.
މެންޓަލް ހެލްތު ހޮސްޕިޓަލް އަޅަން ހަމަޖެހިފައިވަނީ ހުޅުމާލޭގައި ފާހަގަކުރައްވާ ގީލާ ވިދާޅުވީ އެކަމަށް 10،000 އަކަ ފޫޓުގެ ބިމެއް ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ހޮސްޕިޓަލް ގާއިމުކުރާނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކުގައި ކަމަށެވެ.
ސައިކޭޓްރިސްޓް ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ ހދ. ކުޅުދުއްފުށި، ރ. އުނގޫފާރު، ލ. ގަން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް، ގދ. ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގަ އެވެ.
މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގައި އިމާރާތްކުރާ މެންޓަލް ހެލްތު ހޮސްޕިޓަލު ޕްރޮޖެކްޓު ފަށާނީ ސަރުކާރުން މި އަހަރުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސް ބަޖެޓުގެ ތެރެއިން ފައިސާ ނަގައިގެން ކަމަށެވެ.
މި ޕްރޮޖެކްޓަށް ހަރަދު ވާނެ ސީދާ ވަރެއް ނުބުނި ނަމަވެސް މުއިއްޒު ވަނީ ގަމުގައި އަޅަން އުޅުނު ހޮސްޕިޓަލަކީ 18 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށް ފާހަގަކުރައްވައި، މި ޕްރޮޖެކްޓު އެއަށް ވުރެ އަގުހެޔޮ ވާނެ ކަމަށް ވިދާޅުވެފަ އެވެ.
ތިން އަހަރު ތެރޭގައި 70،000 މީހުން ނަފްސާނީ ބަލީގެ ޑޮކްޓަރުންނަށް ދެއްކި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ