ރިސޯޓް ލީގުގެ އަރި ޒޯންގެ ރަސްކަން ކޮންރަޑުން ދަމަހައްޓައިފި

ރާއްޖޭގައި ކުރިއަށްދާ އެންމެ ފޯރިގަދަ ރިސޯޓް ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ އަރި ޒޯނުގެ ފައިނަލުގައި މެލިއާ ވޭލް ލެގޫން 7-5 އިން ބަލިކޮށް، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑުން މި ޒޯނުގެ ތަށި ދިފާއުކޮށްފި އެވެ.
މިއީ، ކޮންރަޑުން މި ތަށި އުފުލާލި ނުވަ ވަަނަ ފަހަރެެވެ. މި ފަހަރުގެ ޒޯން ތަށި ދިފާއުކޮށް، ކޮންރަޑުން މި ވަނީ ރިސޯޓް ސުޕަ ލީގުގެ ތަށި ދިފާއުކުރުމުގެ ފުރުސަތު ވެސް ހޯދައިފަ އެވެ. 
ފައިނަލް މެޗުގެ ފުރިހަމަ ވަގުުތު ހަމަވިއިރު ދެ ޓީމު އޮތީ 3-3 އިން އެއްވަރުވެފަ އެވެ. ކޮންރަޑުގެ ލަނޑުތައް ޖެހީ، އަބްދުﷲ އަޒީމް ދެ ގޯލުގެ އިތުރުން، އަހުމަދު ޝާހީން އެވެ. މެލިއާގެ ގޯލުތައް ޖެހީ، އަހުމަދު މައިސޫން، މުހައްމަދު އާދަމް އަދި މާއިން މުހައްމަދު އެވެ. 
ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، މެލިއާ އަށް ހަތަރު ޕެނަލްޓީގެ ތެރެއިން ވައްދާލެވުނީ ދެ ޕެނަލްޓީ އެވެ. އެ ގޮތުން، މެލިއާގެ މަައިސޫން އާއި މުހައްމަދު މަމްދޫހު ޕެނަލްޓީތައް ކާމިޔާބުކުރިއިރު، އެ ޓީމުގެ މާއިން އާއި މުހައްމަދު ހާމް ޝަވީރު އަތުން ޕެނަލްޓީ ނާކާމިޔާބުވި އެވެ. ކޮންރަޑުން ފޮނުވާލި ހަތަރު ޕެނަލްޓީ ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. އެ ޓީމުގެ ޕެނަލްޓީތައް ފޮނުވާލީ އާދަމް އާޒިމް، މުހައްމަަދު އަޝްރަފް، ޔާމީން މުހައްމަދު އަދި އަޒީމް އެވެ. 
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި މި ޒޯނުގެ މޮޅު ކުޅުންތެރިއަކީ، ކޮންރަޑްގެ އަޒީމް އެވެ.
އެންމެ ގިނަ ގޯލު ޖެހީ މެލިއާގެ މައިސޫން އެވެ. އޭނާ ވަނީ 10 ލަނޑު ޖަހައިފަަ އެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، ކޮންރަޑްގެ ހުސެއިން ޝިފާހު (ޝިފަޓީ)، އަހުމަދު ސައީދު އަދި އަހުމަދު ޝާހީންގެ އިތުރުން، މެލިއާގެ މާއިން އާއި މައިސޫން އެވެ. މި ޒޯނުގެ އެންމެ މޮޅު ކޯޗުގެ މަގާމު ލިބިފައިވަނީ، ގިނަ ފަހަރުތަކެއްގެ މަތިން މި ޓްރޮފީ ހާސިލްކޮށްފައިވާ ކޮންރަޑްގެ އަލީ އުމެއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ