މަރުވި އެއް ޑައިވަރުގެ ހަށިގަނޑު އިޓަލީއަށް ގެންގޮސްފި

ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި، ފަތުރުވެރިންގެ ތެރެއިން އެކަކު މިއަދު އިޓަލީއަށް ގެންގޮސްފިއެވެ. އެމްއެންޑީއެފުން އިއްޔެ ހާމަކުރި ގޮތުގައި، މި ފަތުރުވެރިން ހޯދުމަށް ހިންގި ޚާއްސަ އޮޕަރޭޝަނުގައި އެ މީހުންގެ ހަށިގަނޑުތައް ލޮކޭޓް ކުރެވިފައި ވަނީ އެ މީހުން ޑައިވްކުރަން ފޭބި ހޮހޮޅައިގެ (ކޭވް) ތެރެއިންނެވެ. އެއީ ވ. އަލިމަތާ ކޭވްއެވެ. އޭގެ ތެރެއިން ދެ މީހުންގެ ހަށިގަނޑު މިހާރު ވަނީ ނަގައިފައެވެ. ބާކީ ރިކަވާ ނުކުރެވި އަދި ދެ ހަށިގަނޑު ވެއެވެ. އިއްޔެ އޮޕަރޭޝަން އަލުން ފެށީ، ޑައިވްގައި ހަރަކާތްތެރިވި ސިފައިންގެ ދައިވަރު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ މަރަށްފަހު އޮޕަރޭޝަން މެދުކަނޑައިލުމަށްފަހު، ކަމުގެ މާހިރުންގެ އެހީ ހޯދަން ނިންމައި، ބޭރުގެ ޑައިވަރުން ރާއްޖެ އައުމާއެކުގައެވެ. https://sun.mv/222207 ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި ދެން އިސްކޮށް ހަރަކާތްތެރިވާނީ އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައިސްފައިވާ ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި، ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން އަމިއްލަ ދެ ކުންފުންޏެއްގެ ޑައިވަރުން ފިންލޭންޑުގެ ތަޖުރިބާކާރުންނަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އިޓަލީއަށް ނިސްބަތްވާ ޖުމްލަ ފަސް ފަތުރުވެރިން ގެއްލިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޑައިވިންއަށް ފޭބިފަހުންނެވެ. އެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށާއި ސިފައިންނަށް ރިޕޯޓުލިބުނީ އެ ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ. ފަސް މީހުންގެ ތެރެއިން އެކަކު ފެނިފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، ގާތްގަނޑަކަށް 60 މީޓަރު އަޑިން ހަމަ އެ ކޭވްއިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ބާކީ ހަތަރު މީހުން ވެސް ވީ 200 ފޫޓު ދިގު އެ ކޭވްގެ ތެރޭގައި ކަމަށް ބެލެވޭކަމަށް އެ ދުވަހު ބުންޏެވެ. އެއާއެކު މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް ދިވެހި ސިފައިންގެ ޑައިވް ޓީމުން ވަނީ އެ ސަރަހައްދުގައި ރިކަވަރީ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ހޮނިހިރު ދުވަހުގެ މެންދުރުފަހު އެ ނުރައްކާތެރި އޮޕަރޭޝަނުގައި ޑައިވްކުރި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވެސް މަރުވުމާއެކު، އިތުރަށް އޮޕަރޭޝަން ކުރިއަށް ނުގެންގޮސް މެދުކަނޑައިލީއެވެ. މި ހާދިސާއަށް މުޅި ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ