އަތޮޅު ކައުންސިލްތައް އުވާލާފައިވަނިކޮށް، އަތޮޅުގެ ތަރައްގީއަށް ހުރިހާ ރަށެއް ބައިވެރިވެގެން މަސައްކަތް ކުރަން ހާއްސަ ބޯޑެއް އެކުލަވާލަން ހދ. އަތޮޅުގެ ރަށްތަކުން ނިންމައިފި އެވެ.
ހދ. އަތޮޅުގެ ރަށްތައް ޝާމިލުވާ ގޮތަށް ބޯޑެއް އެކުލަވާލަން އިސް ނެންގެވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ. އެކަމަށް ތާއިދު ހޯއްދެވުމަށް މޭޔަރު މިއަދު ވަނީ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ކައުންސިލްގެ ރައީސުން ވަނީ މޭޔަރުގެ ހުށަހެޅުމަށް ތާއިދު ކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ނިންމާފައިވަނީ އެ ބޯޑުގެ މަގުސަދުތައް ކަނޑައަޅައި، މަސައްކަތްކުރާނެ ގޮތުގެ އުސޫލެއް މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެކުލަވާލުމަށެވެ.
ހދ. އަތޮޅުގައި މި ވަގުތު މީހުން ދިރިއުޅޭ 12 ރަށް އޮތްއިރު، މިއަދުގެ ބައްދަލުވުމުގައި އެ އަތޮޅު ހަނިމާދޫ އަދި މަކުނުދޫ ފިޔަވައި އެހެން ރަށްރަށުގެ ކައުންސިލުގެ ރައީސުން ބައިވެރިވި އެވެ.
އަތޮޅުގެ ރަށްތައް ޝާމިލުވާ ގޮތަށް ބޯޑެއް އުފައްދަން ހދ. އަތޮޅުން ނިންމާފައިވާއިރު، ސަރުކާރުން ވަނީ ގާނޫނަށް ބަދަލު ގެނެސް އަތޮޅު ކައުންސިލްތައް އުވާލައިފަ އެވެ. އެ ކައުންސިލްތައް އުވާލިއިރު އެ ތަންތަން ހިންގަމުން ދިޔައީ ކައުންސިލްތަކުގެ ރައީސުން ހިމެނޭ ކައުންސިލަކުންނެވެ.
އަތޮޅުގެ ކައުންސިލްތައް އުވާލުމަކީ އަތޮޅުގެ ތަރައްގީއަށް ރަށްތަކުން ގުޅިގެން މަސައްކަތް ކުރުމަށް ހުރަސް އެޅި، ލާމަރުކަޒީ ނިޒާމު ވަރަށް ބޮޑަށް ހީނަރުވެގެންދާ ކަމެއް ކަމަށް ވިދާޅުވެ މޭޔަރު އާތިފް ވަރަށް ބޮޑަށް އެ ނިންމުމަށް ފާޑުވިދާޅުވެފައިވެ އެވެ.
ހދ. އަތޮޅުގެ ރަށްތަކުން ބޯޑެއް އެކުލަވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ