ބޭރު މީހުން ގިނަވުމާއި އޭގެ ސަބަބުން އުފެދޭ މައްސަލަތަކަކީ ވެސް މާލެސިޓީގެ ހިމޭންކަން ނަގައިލާ ކަމެއް ކަމަށާއި، އެފަދަ ޒިންމާތަކެއް ކައުންސިލްގައި އޮންނަ އިރު، ކައުންސިލްގެ ހިންގުން ޒަމާނީ ޓެކްނޮލޮޖީގެ ތެރެއަށް ގެންނަން ޖެހޭނެ ކަމަށް ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެއެވެ.
ޕީއެންސީން ބޭއްވި ކެމްޕެއިން ޖަލްސާގައި މާލޭގައި ބޭރު މީހުން ގިނަވުމާއި އޭގެ ސަބަބުން އުފެދޭ މައްސަލަތަކަކީ ވެސް މާލެސިޓީގެ ހިމޭންކަން ނަގައިލާ ކަމެއް ކަން ފާހަގަކުރައްވާފައެވެ. މޫސާ އަލީ ޖަލީލް ވިދާޅުވީ ބޭރު މީހުންކުރެ ގިނަ ބަޔަކީ ޚިދުމަތްކުރަން ރާއްޖެ ގެންނަ، ނުވަތަ އެ މީހުން އަމިއްލައަށް އަންނަ ބައެއް ނަމަވެސް ގަވާއިދާ އުސޫލުތަކާ ޚިލާފަށް އުޅޭ މީހުން ގިނަކަން އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. މިކަމުގައި ހައްދު ފަހަނައަޅައިގޮސްފައި ވަނިކޮށް، ޢިއްޒަތްތެރި ރައީސް މުޢިއްޒުގެ ސަރުކާރުން މިހާރު ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވައިފައިވާ ކަމަށް ވަނީ ބުނެފައެވެ.
ސަރުކާރުން މި ކަމަށް ހައްލުތަކެއް ގެންނެސްފައިވާ ކަމަށާއި އެހެން ނަމަވެސް، އަދިވެސް މި ކަމުގައި ފާހަގަކުރެވޭ ކަންތައްތަކެއް ހުރިކަން ވަނީ ފާހަގަކުރައްވާފައެވެ. މޫސާ އަލީ ޖަލީލް ވިދާޅުވީ މާލެ ސިޓީ ކައުންސިލަކީ ހަމަ އެހެންމެ މާލޭގެ މޭޔަރަކީ މި ކަމުގައި ވަރަށް ބޮޑު ޒިންމާއެއް އުފުލަން ޖެހޭ ދެ ފަރާތް ކަމަށާއި އެއީ މިކަމަކީ ރައްޔިތުންނަށް ބޭނުންވާ ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށެވެ. މޫސާ އަލީ ޖަލީލް ވިދާޅުވީ ބައެއް ފަހަރު ފައިސާގެ މައްސަލަތައް ދިމާވާ ކަމަށާއި ބައެއް ފަހަރު މަސްތުވާތަކެތީގެ މައްސަލަތައްވެސް ދިމާވާ ކަމަށެވެ.
”ބައެއް ފަހަރު ބަދުއަޚްލާޤީ މައްސަލަތައް ގަވައިދާ ޚިލާފަށް އުޅޭ ބޭރުމީހުންގެ ފަރާތުން ފެންމަތިވަމުންދޭ. ވީމާ މިއީ މައްސަލައެއްކަމަށް ދެކިގެން، ރައްޔިތުން މި ކަންކަމުން ސަލާމަތްކޮށްދޭން ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ޖެހޭނީ އަނެއްކާ ވެސް ދަންނަވަން ޖެހެނީ ހަމަ މާލެސިޓީ ކައުންސިލްކަމަށް. އެކަމުގައި އިސްވެ ހުންނަން ޖެހޭނީ މޭޔަރުކަމަށް. އެހެންވީމާ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަމަލުތަކުން މާލެސިޓީގެ ރައްޔިތުންނަށް އަމާންކަން ހޯދާދިނުމަށްޓަކައި މި ފަދަ ކަންކަން ހުއްޓުވަން، މާތް ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑު ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކުރާނަން“
މޫސާ އަލީ ޖަލީލް ވިދާޅުވީ މި ހުރިހާ ބެލެހެއްޓުންތެރިކަމަކާއި ޒިންމާތަކެއް ކައުންސިލްގައި އޮންނަ އިރު، ކައުންސިލްގެ ހިންގުން ޒަމާނީ ޓެކްނޮލޮޖީގެ ތެރެއަށް ގެންނަން ޖެހޭނެ ކަމަށެވެ. އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއަށް ތަން ހިންގެން ޖެހޭނެކަން ފާހަގަކުރައްވާ މޫސާ އަލީ ޖަލީލް ވިދާޅުވީ ޑިޖިޓަލް މާލެ ކޮންސެޕްޓް ހަގީގަތަކަށް ހެދުމުގައި ސަރުކާރުން މިހާރު އިޢުލާނުކުރައްވައިފައިވާ، މޯލްޑިވްސް 2.0އަށް މަރުޙަބާ ކިޔުން މުހިންމު ކަމަށެވެ. އޭގެ ސަބަބުން ސިޓީ ކައުންސިލްގެ ހިންގުން އެފިޝެންޓް ވާނެ ކަމަށާއި އޭރުން ޚިދުމަތްތައް ހޯދަން ކައުންސިލް އިދާރާއަށް ކޮންމެ ފަހަރަކު ދާންވެސް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މޫސާ އަލީ ޖަލީލް ވިދާޅުވީ ޓެކްނޮލޮޖީއާއިއެކު ކޮރަޕްޝަންގެ ދޮރުތައް ވަރަށް ހަނިވާނެ ކަމަށާއި ނުވަތަ މުޅިން ބަންދުވާނެ ކަމަށެވެ. މީގެއިތުރަށް ޚިދުމަތް ލިބުން އިންތިހާޔަށް އަވަސްވާނެ ކަމަށާއި މި ކަމަކީ ވެސް ސަރުކާރުން ރާއްޖެއަށް ގެންނަ އިންޤިލާބީ ޒަމާނީ ބޮޑު ބަދަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ބަދަލުގެ ބައިވެރިޔަކަށް އަދި މި ބަދަލުން އަވަސް ޚިދުމަތް ލިބޭ ރައްޔިތަކަށް މާލެސިޓީގެ ރައްޔިތުން ވުމުގައި ސިޓީ ކައުންސިލްގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށާއި ސަރުކާރަށް ދެއްވަން ޖެހޭ އެތައް އެއްބާރުލެއްވުމެއް އޮތްއިރު އެ ކުރިއެރުން ވެސް މާލެ ސިޓީއަށް ގެނައުމުގައި ސަރުކާރާއެކުގައި ހުންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ކައުންސިލްގެ ހިންގުން ޒަމާނީ ޓެކްނޮލޮޖީގެ ތެރެއަށް ގެންނަން ޖެހޭ: މޫސާ އަލީ ޖަލީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ