ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އައްޑޫ ސިޓީ، ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި- އިލެކްޝަނަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި އިއުލާނެއްގައި ބުނީ، ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންއަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް އިތުރުކޮށްފައިވާކަމަށެވެ. ކުރިން މި ފުރުސަތު އޮތީ އަންނަ ބުދަ ދުވަހުގެ ނިޔަލަށް ހަމަވާ ގޮތަށެވެ.
މި ދާއިރާގެ ގޮނޑި ހުސްވީ، ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ މެންބަރުކަމުގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12 ވަނަ ދުވަހު ހުކުމް ކުރުމާ ގުޅިގެންނެވެ.
ސިނާންގެ ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، ކޯޓު ހުކުމާ އެއްގޮތަށް ނުދައްކާ އޮތް މައްސަލައެއްގައި ޣާލިބް ސަލީމް ކިޔާ މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ސިނާންގެ ގޮނޑި ގެއްލުނު ނަމަވެސް، އޭނާ ވަނީ ޕީއެންސީގެ ޕްރައިމެރީ ކާމިޔާބުކޮށް ބައި އިލެކްޝަނަށް ޕާޓީގެ ޓިކެޓު ކާމިޔާބު ކުރައްވާފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، އިންތިޚާބަށް ކުރިމަތިލާން އެދޭ ފަރާތްތަކުން candidacy@elections.gov.mv މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ހާޒިރުވެ ފޯމު ހުށަހެޅޭނެ ކަމަށެވެ.
މި ބައި-އިލެކްޝަންގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައިވަނީ އައްޑޫގެ ކުރީގެ މޭޔަރު އަދި އެމްޑީޕީގެ ހިތަދޫ ދާއިރާގެ ރައީސް އަބްދުﷲ ސޯދިގު (ސޯބެ) އާއި، ސިނާން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ