ދޮގު ހަބަރު ފަތުރައި އެޑްވަކަސީ ޗެމްބާސް އިން އުޅެނީ ހަގީގަތް ފޮރުވަން: ހަންބޯ ކޮމްޕެނީ

ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ހުންނަ ކޭޕާކު އެޕާޓުމަންޓުތައް ހަދަން އުޅުނު ހަންބޯ ކުންފުނި  ވުޖޫދު "ގެއްލިގެން" އުޅޭ ކަމަށް ބުނެ ލޯ ފާމެއް ކަމަށްވާ އެޑްވަކަސީ ޗެމްބާސް އިން ފަތުރަނީ ދޮގު ހަބަރެއް ކަމަށާއި އެ ލޯފާމުން މަސައްކަތްކުރަނީ ހަގީގަތް އޮޅުވާލަން ކަމަށް ހަންބޯ ކުންފުނިން ބުނެފި އެވެ. 
ހަންބޯ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނި ވުޖޫދުގައި ނެތް ކަމަށް ދޭހަވާ ގޮތަށް އެޑްވަކަސީ ޗެމްބާސްއިން ބުނިއިރު، އެ ކުންފުންޏަކީ މިހާރު ވެސް ވުޖޫދުވެ އަދި ޝަރުއީ އެތައް ނިންމުމެއްގައި ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ފަރާތެއް ކަމަށެވެ. 
"މި ކުންފުނި [ހަންބޯ] މިހާރުވެސް ވުޖޫދުވެ އަދި ޝަރުއީ އެތައް ނިންމުމެއްގައި މި ކަމުގެ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ފަރާތަކީ މިކުންފުނި ކަމުގައި އެނގެން އޮތްއިރު ފާޅުކަން ދޮގު ހަބަރު ފަތުރައި އެޑްވޮކަސީ ޗެމްބާސް އިން ކުރާ ކަމަކީ އެ ފަރާތްތަކުގެ މުވައްކިލުންނަށް ހަގީގަތް ފޮރުވުމަށް ކުރާ މަސައްކަތެއްކަމުގައި ދެކެން،" ހަންބޯއިން ބުންޏެވެ. 
އެޑްވޮކަސީ ޗެމްބާސް އިން މަސައްކަތްކުރަނީ ކޭޕާކް ވިކްޓިމްސް ނަމުގައި ކަމަށް ބުނި ނަމަވެސް އެ ލޯފާމުން ތަމްސީލުކުރަނީ ކޮން ބައެއްކަން ނޭނގޭ ކަމަށް ހަންބޯ އިން ބުންޏެވެ އަދި އެޑްވޮކަސީ ޗެމްބާސްއަށް މުވައްކިލުން ތަމްސީލުކުރުމުގެ ބާރުދީފައިވާ ލިޔުމެއް ފޮނުވައިދިނުމަށް އެދި 2025 ގައި ފޮނުވި އީމެއިލްއަށް މިހާތަނަށް ވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް ވެސް ހަންބޯއިން ބުނެ އެވެ. 
މީގެއިތުރުން ހަންބޯއިން ތުހުމަތުކުރަނީ އެޑްވޮކަސީ ޗެމްބާސްއިން މަސައްކަތްކުރަނީ އެ ކުންފުންޏަށާއި އެތައް ބަޔަކަށް ގެއްލުންދީފައިވާ ހަސަން މަމްދޫހުގެ ނިވާފަށްގަޑެއްގެ ގޮތުގަ އެވެ. 
ކޭޕާކް އެޕާޓްމަންޓްތައް ތަރައްގީކުރި ހަންބޯ ކުންފުނި "ގެއްލިފައިވާއިރު، އެޑްވޮކަސީ ޗެމްބާސްއިން ބުނީ މި މައްސަލައިގައި އެޗްޑީސީގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން އެޕާޓްމަންޓް ގަތް މީހުންގެ މައްސަލަތަކަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް.
"އެޑްވޮކަސީ ވިކްޓްސް ކަމަށްބުނެ އެފަރާތްތަކަށް ގާނޫނީ ހިދުމަތް ދިނުމަށް މީގެ އެތައް އަހަރެއްކުރިން ގާނޫނީ ފީ ނެގުމަށްފަހު އެ ފަރާތްތަކުގެ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި ނޫސް ބަޔާނެއް ނެރުމާއި، އެޗްޑީސީ އަށް ސިޓީއެއް ފޮނުވައި އެ ސިޓީ މީޑިއާތަކަށް އާންމުކުރުން ފިޔަވައި އިތުރު ކަމެއް އެ ލޯފާމުން ނުކުރޭ،" ހަންބޯއިން ބުންޏެވެ. 
ހަންބޯ ކުންފުނިން ބުނީ އެޑްވަކަސީ ޗެމްބާސް އިން އަމަލުކުރީ ގާނޫނީ ވަކީލުން އަމަލުކުރަންޖެހޭ ޒިންމާދާރު ގޮތެއްގައި ނޫން ކަމަށެވެ. 
އެޑްވޮކަސީ ޗެމްބާސްއިން ބުނާ ގޮތުގައި، އެ ލޯ ފާމުން ތަމްސީލުކުރާ "ކޭޕާކް ވިކްޓިމްސް" ގެ ފަރާތުން ޑިވެލޮޕަރާ ބައްދަލުކޮށްގެން ވެސް މައްސަލަތަކަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް އެ ކުންފުނި މިހާރު ވުޖޫދުން ގެއްލިފައިވާތީ މުއާމަލާތް ކުރެވޭނެ ހުރިހާ މަގެއް ބަންދުވެފައިވާ ކަމަށް ވެސް އެ ލޯފާމުން ބުންޏެވެ.
މިކަމުގައި އެޗްޑީސީގެ އެހީއަކަށް އެދުނީ، އެޑްވޮކަސީ ޗެމްބާސްއިން ބުނި ގޮތުގައި، ޑިވެލޮޕަރު ހުރި ތަނަކުން ހޯދައި، އެ މީހުންނާ ބައްދަލުކުރަން ބޭނުންވާތީ، އެ މައުލޫމާތު ހުރީ އެޗްޑީސީގައި ކަމުގައިވާތީ އެވެ. 
އެޗްޑީސީން ވަނީ އާރުޑީސީއާ ހަވާލުކޮށްގެން ކޭޕާކުގެ މަސައްކަތް ނިންމާ ޔުނިޓުތައް ހަވާލުކުރަން ފަށާފަ އެވެ. ނަމަވެސް މި ތަނުން އެޕާޓުމަންޓު ގަތް ބައެއް މީހުން ވަނީ އެ މީހުންނާ ހެދި އެއްބަސްވުމުގައި ހިމެނޭ އެތައް ކަމެއް ނުހިމެނޭ އެޕާޓުމަންޓުތަކެއް ހަވާލުކުރުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ