ބަޖެޓު ސަޕޯޓަށް ކުރީ ސަރުކާރުން ނެގީ ލުއި ލޯނުތަކެއް ނޫން: އޮޑިޓު އޮފީސް

އޮޑިޓު އޮފީހުން ފާހަގަކުރި ގޮތުގައި ދަރަންޏާ ގުޅޭ ސްޓްރެޓެޖީގައި ދަރަނީގެ އެވެރެޖު އިންޓަރެސްޓު ރޭޓު 4 ޕަސެންޓުގައި ހިފަހެއްޓުމަށް ލިޔުން ފިޔަވައި އެ އަމާޒު ހާސިލުކުރުމަށް އެއިރުގެ ސަރުކާރުން ކުރި ކަމެއް ފެންނަން ނެތެވެ.
ސަަރުކާރުން އެކުލަވައިލާފައިވާ ދަރަނީގެ މެދުރާސްތާ ސްޓްރެޓެޖީގެ ރިވީއުގައި ކުރީ ސަރުކާރުން ބަޖެޓު ސަޕޯޓަށް ނަގާފަައިވާ ލޯނުތަކަކީ ލުއި/ ކޮންސެޝަނަލް ލޯނުތަކެއް ނޫންކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފި އެވެ. 
މި ސަރުކާރުން އެކުލަވައިލި 2024-2026 އަހަރުގެ މިޑްޓާމް ޑެޓް ސްޓްރެޓެޖީގައި ކަަނޑައަޅާފައިވާ އެއް އަމާޒަކީ ދަރަނީގެ އެވެރެޖު އިންޓަރެސްޓު ރޭޓު 4 އިންސައްތާގައި ހިފަަހެއްޓުމެވެ. މިއީ 2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ސަރުކާރުން އެކުލަވައިލަަމުން އައި ދަރަނީގެ ސްޓްރެޓެޖީތަކުގައި ލިޔެފައި އޮތް އަމާޒެކެވެ. 
އޮޑިޓު އޮފީހުން ފާހަގަކުރި ގޮތުގައި ދަރަންޏާ ގުޅޭ ސްޓްރެޓެޖީގައި ދަރަނީގެ އެވެރެޖު އިންޓަރެސްޓު ރޭޓު 4 ޕަސެންޓުގައި ހިފަހެއްޓުމަށް ލިޔުން ފިޔަވައި އެ އަމާޒު ހާސިލުކުރުމަށް އެއިރުގެ ސަރުކާރުން ކުރި ކަމެއް ފެންނަން ނެތެވެ. 
ކޮންސެޝަނަލް ލުއި ލޯނަކީ ރަނގަޅަށް ޕްލޭނު ކުރެވިގެން ރޭވުންތެރިކަމާއެކު ޖަވާބުދާރީވަނިވި ނިޒާމެއްގެ ތެރެއިން މަސައްކަތް ނުކުރެވިއްޖެނަމަ ހޯދަން އުދަނގޫވާނެ ލޯނުތަކެއްކަން ފާހަގަކޮށް އޮޑިޓު އޮފީހުން ބުނެފައިވަނީ އެފަދަ ލޯނުތައް އާންމުކޮށް ދެނީ ވަކިވަކި މަޝްރޫއުތަކަށް ނުވަތަ ތަރައްގީގެ ވަކި އަމާޒުތަކެއް ހާސިލުކުރުމަށް ކަމުގަ އެވެ. 
ނަތީޖާއެއްގެ ގޮތުން ބަޖެޓު ސަޕޯޓުގެ ގޮތުގައި ކޮންސެޝަނަލް ލޯނުތައް ހޯދުމުގައި ސަރުކާރަށް އެއިރު ކުރިމަތިވި ގޮންޖެހުންތަކާއި އެކަމުގެ ސަބަބުން ލޯނުތަކުގެ އިންޓަރެސްޓު ރޭޓު މަތިވެފައިވާކަން އޮޑިޓު އޮފީހުން ފާހަގަކުރި އެވެ. 
2022 ވަނަ އަހަރު ބަޖެޓު ސަޕޯޓުގެ ގޮތުގައި ނަގާފައިވާ ލޯނުތަކުގެ ޕްރިންސިޕަލް ޕޭމެންޓުގެ ގޮތުގައި 2025 އަހަރު 1.5 ބިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. އެއީ އެ އަހަރު ބަޖެޓު ސަޕޯޓުގެ ގޮތުގައި ނަގާފައިވާ 25 މިލިއަން ޑޮލަރުގެ ހަތަރު ލޯނަކަށް ޖުމްލަ 100 މިލިއަން ޑޮލަރު ދައްކަންޖެހޭތީ އވެެ. 
އޭގެ އިތުރަށް އިންޑިޔާއިން ނަގާފައިވާ ލައިން އޮފް ކްރެޑިޓުގެ ޕްރިންސިޕަލް އަދާކުރަން ފަށަންޖެހެނީވެސް އަންނަ އަހަރު އެވެ. އެލްއޯސީގެ ޕްރިންސިޕަލް ޕޭމެންޓު އަދާކުރުމަށް، އިތުރު 397.4 މިލިއަން ރުފިޔާ އަންނަ އަހަރު ހަރަރުވާނެ އެވެ. 
އަންނަ އަހަރު އެތެރޭގެ ދަރަނީގެ ގޮތުގައި އަދާކުރަންޖެހޭ ޕްރިންސިޕަލް ޕޭމެންޓުގެ ތެރޭގައި ޕެންޝަން އޮފީހަށް ވިއްކި ދެ ބޮންޑެއް މެދުވެރިކޮށް ދަރަންޏަށް ނެގި 1.16 ބިލިއަން ރުފިޔާއާއި ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކި ބޮންޑެއްގެ ޕްރިންސިޕަލް ޕޭމެންޓުގެ ގޮތުގައި އަދާކުރަންޖެހޭ 200 މިލިއަން ޑޮލަރު ހިމެނެ އެވެ. 
މި އަހަރު ސަރުކާރުން އެކުލަވައިލި ދަރަނީގެ މެދުރާސްތާ ސްޓްރެޓެޖީގައި ކަނޑައަޅާފައިވާ އެއް އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 86.4 އިންސައްތައަށް ދަށްކުރުމެވެ. 
ކުރީ ސަރުކާރުން ތަންފީޒުކޮށްފައިވާ ސިޔާސަތުތަކުގެ އަލީގައި އޮޑިޓު އޮފީހުން ފާހަގަކޮށްފައިވަނީ ބޮޑެތި ބަދަލުތަކެއް ނުގެނެސް ދަރަނީގެ މެދުރާސްތާ ސްޓްރެޓެޖީގައި ކަނޑައަޅާފައިވާ އަމާޒުތައް ހާސިލުކުރަން ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ