ފަހު ވަގުތު ގެބިޔާ ކާމިޔާބުކޮށްދިން ލަނޑާއެކު އިންޓަރގެ މައްޗަށް އޭސީ މިލާން ކުރި ހޯދައިފި

އިޓާލިއަން ސެރިއާގެ އެންމެ ވާދަވެރި މެޗު ކަމުގައިވާ މިލާން ޑާބީ ގައި އޭސީ މިލާނާއި އިންޓަރ މިލާން ރޭ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން އޭސީ މިލާން ކާމިޔާބުކޮށްފި އެވެ.
މިލާންގެ ގިއުސެއްޕެ މެއާޒާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު މިލާނުން ކާމިޔާބުކުރި އެ ޓީމު އޮތީ ތާވަލުގެ ހަތްވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު 8 ޕޮއިންޓާއެކުގަ އެވެ. އިންޓަރ މިލާނަށްވެސް ފަސް މެޗުން 8 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ހަވަނަ ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ސެރިއާގެ އެއްވަނައިގައި އޮތް ޓޮރީނޯ އަށް ފަސް މެޗުން ވަނީ 11 ޕޮއިންޓް ލިބިފަ އެވެ.
އޭސީ މިލާނުގެ އެމެރިކާ ފޯވަޑް ކްރިސްޓިއަން ޕުލިސިޗް ވަނީ މެޗުގެ 10 ވަނަ މިނިޓުގައި ލަނޑެއް ޖަހާ މިލާނަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް މެޗުގެ 27 ވަނަ މިނިޓުގައި އިންޓަރ މިލާނުގެ ފެޑެރީކޯ ޑިމާކޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކޮށްފަ އެވެ. މިއީ 1994 ވަނަ އަހަރަށްފަހު މިލާނަށް އުފަން ކުޅުންތެރިއަކު މިލާން ޑާބީގައި ލަނޑެއް ޖެހި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިލާން ޑާބީގައި ލަނޑު ޖަހާފައިވާ މިލާނަށް އުފަން ކުޅުންތެރިއަކީ ޕައޮލޯ މަލްޑީނީ އެވެ.
މި މެޗުން މިލާން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މަޓިއޯ ގެބިއާ އެވެ. މި ލަނޑަކީ މިލާނަށް ލިބުނު ހިލޭ ޖެހުމެއް ރެއިންޑަރސް ފޮނުވާލުމުން އޭރިޔާ ތެރޭގައި ހުރެ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ގެބިއާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
މި މެޗުން ބަލިވުމާއެކު މިއީ މިލާން ޑާބީގައި އެންމެ ފަހުން ކުޅުނު ހަ މެޗުން ބަލިވުމަށްފަހު މިލާން މޮޅުވި ފުރަތަމަ މެޗެވެ. އަދި އަމިއްލަ ދަނޑުގައި އިންޓަރ މިލާން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް އަހަރަކަށްފަހު ވަނީ ނިމުމަކަށް އައިސްފަ އެވެ. .
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ