ޖިހާދުގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ހައި ކޯޓުން ވެސް ބޭރުކޮށްލައިފި އެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޖިހާދުގެ މައްޗަށް ކުރީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ އެވެ.
އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް މައްސަލަ އަނބުރާ ފޮނުވާލަން ހައި ކޯޓުން މިދިޔަ ހަފުތާގައި ނިންމީ ޖިހާދު މިހާރު ދިރިއުޅުއްވާ އެޑްރެސް ސާފު ނުވުމުންނެވެ.
ހައި ކޯޓުގެ ނިންމުމުގައިވަނީ ޖިހާދަށް ޗިޓް ފޮނުވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފަހު 15 ދުވަސް ތެރޭގައި އަލުން މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް އޮންނާނެ ކަމަށެވެ.
އެ މައްސަލަ ކްރިމިނަލް ކޯޓުން ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ ތަހުގީގުގައި ގޯސްތަކެއް ހަދާފައިވާތީ ކަމަށް ބުނެ އެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރީ ކްރިމިނަލް ކޯޓުގެ ނިންމުން ބިނާކުރި އަސާސެއް ނެތުމާއި އެކަށީގެންވާ މިންވަރަށް ސަބަބު ބަޔާން ކޮށްފައި ނެތުމުންނެވެ.
އެހެންވެ، އެ މައްސަލަ އަލުން ދަށު ކޯޓުން ބަލަން އަމުރުކޮށް ދޭން ހައި ކޯޓުގައި އެދިފައިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ނައިބު ރައީސަކަށް ޖިހާދު ހުންނެވިއިރު ޖިހާދު ދިރިއުޅުއްވުމަށް ދައުލަތުން ދޫކުރި ރެހެންދި ފްލެޓް މަގާމުން ވަކިވެ ވަޑައިގަތުމަށް ފަހު ހުސް ނުކުރައްވައި، ބޭނުން ކުރެއްވި ކަމަށް ބުނެ 1.1 މިލިއަން ރުފިޔާ ހޯދަން ވެސް ދައުލަތުން ކުރިން ދައުވާކުރި އެވެ. އެ މައްސަލަ އޮތީ އަނބުރާ ގެންގޮސްފަ އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ