އިނގިރޭސި ޕްރިމިއާ ލިގުގައި ރޭ އެވަޓަން އަތުން 3-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެ އެވެ.
އެވަޓަންގެ ހިލް ޑިކިންސަން ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ނިކުތްއިރު ޗެލްސީގެ ކޯޗު ލިއާމް ރޮޒޭނިޔާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުންތައް އަމާޒުވެފަ އެވެ. އެގޮތުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން 8-2 ގެ އެގްރިގޭތް ނަތީޖާއަކުން އެ ޓީމު ބަލިވުމާއިއެކު އެ ފާޑުކިއުންތައް ވަނީ އިތުރަށް ގަދަވެފަ އެވެ.
މި މެޗުގެ 33 ވަނަ މިނިޓުގައި އެވަޓަން އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބެޓޯ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިއިރު 1-0 ގެ ނަތީޖާއަކުން އެވަޓަން ކުރީގައި އޮތް ނަމަވެސް ޗެލްސީ އަށް ވަނީ އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ނުވެފަ އެވެ.
އެވަޓަން އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ 62 ވަނަ މިނިޓުގައި ބެޓޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. ބެޓޯ މި މެޗުގައި ޖެހި ދެ ލަނޑާއެކު އޭނާ ވެފައިވަނީ އެވަޓަންގެ އައު ސްޓޭޑިއަމްގައި އެއް މެޗެއްގައި ދެ ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށްވެފަ އެވެ.
މި މެޗުގައި އެވަޓަން އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 76 ވަނަ މިނިޓުގައި ބެޓޯ ދިން ޕާހަކުން އިލިމަން އެންޑިޔާއޭ ކާމިޔާބުކޮށްދިން ރީތި ލަނޑެކެވެ.
ޗެލްސީ މި މެޗުން ބަލިވެފައިވާއިރު އެ ޓީމު ވަނީ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުން ހަތަރު މެޗުންވެސް ބަލިވެފަ އެވެ. އަދި މި ނަތީޖާ އާއިއެކު ކުރިއަށް އޮތް ސީޒަނުގައި ޔޫރަޕްގެ ފުޓްބޯޅަ މުބާރާތަކުން ފުރުސަތު ހޯދުމަށް އެ ޓީމަށް ވަނީ އިތުރު އުނދަގޫ ތަކާއިކުރިމަތިލާން ޖެހިފަ އެވެ.
މި ނަތީޖާ އާއިއެކު އެވަޓަން އަށް 46 ޕޮއިންޓާއެކު ތާވަލުގެ އަށްވަނަ މަގާމް ލިބިފައިވާއިރު ޗެލްސީ އަށް ލިބިފައިވާ 48 ޕޮއިންޓާއެކު އޮތީ ތާވަލުގެ ހަވަނައިގަ އެވެ.
އެވަޓަން އަތުންވެސް ޗެލްސީ ބަލިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ