ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފު ޒާކިރާއި ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ ފާތިމަތު ޒަހިއްޔާ (ޒާޔާ) އަދި އެމްޑީޕީގެ އެހެން ބައެއް އެކްޓިވިސްޓުންތަކަކަށް ވެސް ދައުވާކުރަން އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)އަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވައިފި އެވެ.
ވީކިހިނެއް؟ - މި މީހުންގެ މައްޗަށް ދައުވާކުރުމަށް ފުލުހުން މި އެދުނީ، މީގެ ހަތަރު މަހާއި 24 ދުވަސް ކުރިން 3 އޮކްޓޯބަރުގައި އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހުން ދިން އިރުޝާދާ ހިލާފަށް އަމީނީ މަގުގެ ބަދަލުގައި މަޖީދީ މަގުން ހިނގާލުން ގެންދަން އުޅުނު މައްސަލާގަ އެވެ.
ތަފްސީލް - ދައުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވިކަން އަންގައި މި މީހުންނަށް ފޮނުވި ލިއުމުގައި ފުލުހުން ބުނެފައިވަނީ އެ ރޭ މުޒާހަރާ ކުރިއަށް ގެންދިޔައީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އެ ގޮތުން:
މާާލޭގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް އެއްވެ، އާންމު ދަތުރުފަތުރު ކުރުމަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވި ކަމަށް ތުހުމަތުކޮށްފައިވޭ
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ތުހުމަތުކޮށްފައިވޭ
ކުށުގެ ބާވަތުގެ ގޮތުގައި ލިޔެފައިވަނީ ގައިރު ގާނޫނީ އެއްވުމެއް ރޫޅާލުމަށް އުޅޭ މީހާއަށް ހުރަސްއެޅުމުގެ ކުށް
މައުރޫފާއި ޒަހިއްޔާގެ އިތުރުން މި މުޒާހަރާގެ މައްސަލާގައި ދައުވާކުރުމަށް ފޮނުވިކަން މިހާތަނަށް އެނގިފައިވާ އެކްޓިވިސްޓުންނަކީ:
އަބްދުއްސަލާމް، މާފޮޅޭވިލާ/ނ. ހޮޅުދޫ
އާއިޝަތު ނަޖުދާ އަލީ، ޑިސްކް/ހދ. ކުޅުދުއްފުށި
ފާހަގަކޮށްލެވޭ - މީގެ ފަސް މަހެއްހާ ދުވަސް ކުރިން އެމްޑީޕީން ކުރި މުޒާހަރާއެއްގެ މައްސަލާގައި އެ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރަކާއި، އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓަކާއި އިތުރު ދެ އެކްޓިވިސްޓަކަށް ދައުވާކުރުމަށް މި ފޮނުވީ އިތުރު މުޒާހަރާއެއް އިއުލާންކޮށްފައި ވަނިކޮށެވެ.
އަންނަ 21 މާޗުގައި މުޒާހަރާއެއް ކުރާނެކަން އެމްޑީޕީން އިއުލާންކުރީ މިދިޔަ އަންގާރަ ދުވަހުގަ އެވެ. އެ ކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކަކަކީ ވެސް މެންބަރު މައުރޫފެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމުގެ ވޯޓާ ދެކޮޅު ކެމްޕެއިނުގެ ޓާސްކްފޯހުގެ ތަރުޖަމާނަކީ ވެސް މައުރޫފެވެ.
މައި ދެ އިންތިހާބު އެއްކޮށްލުމުގެ ފެންނަ ނުފެންނަ ވޯޓު ވެސް އޮތީ ލޯކަލް ކައުންސިލް އިންތިހާބާއެކު އަންނަ 4 އޭޕްރީލްގަ އެވެ.
މުޒާހަރާ ރޫޅާލަން ފުލުހުންނަށް ހުރަސްއެޅުމުގެ ތުހުމަތުގައި މައުރޫފާއި ޒަހިއްޔާއާއި އެމްޑީޕީގެ އެކްޓިވިސްޓުންތަކަކަށް ދައުވާކުރަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ