13ވަނަ އެފްއޭ ކަޕާއެކު ނިއުއިން 50ވަނަ ޓްރޮފީ ހޯދައިފި

އެފްއޭ ކަޕު 13 ވަނަ ފަހަރަށް ކާމިޔާބުކޮށް، ދިވެހި ފުޓުބޯޅައިގެ އެންމެ ކާމިޔާބު ޓީމު، ދިވެހި ފުޓުބޯޅައިގެ ރަސްގެފާނުންގެ ގޮތުގައި ނިސްބަތްކުރެވޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އެ ޓީމުގެ 50 ވަނަ ޓްރޮފީ އުފުލާލައިފިއެވެ.
ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު މި އަހަރު އެފްއޭ ކަޕް ބާއްވާފައިވާއިރު ނިއުއިން މިފަހަރުގެ މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް 0-3 އިން ކުރިހޯދައިގެންނެވެ.
ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ނިއުއިން ވަނީ ދެ ލަނޑު ޖަހާފައެވެ. އެގޮތުން ފުރަތަމަ ލަނޑު އެ ޓީމުން ކާމިޔާބުކުރީ 21 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ތެރެއިން އަލީ ފާސިރު (ސެންޓޭ) އަށް، ޓީސީގެ ކެޕްޓަން އީނާޒް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއްގައި ފާސިރު ކާމިޔާބުކޮށްދިން ލަނޑެކެވެ. ފާސިރު ކާމިޔާބުކުރީ ޕެނަންކާ ޕެނަލްޓީއެކެވެ.
ނިއުއިން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 40 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓިމަށް ކާމިޔާބުޮށްދިނީ އެ ޓީމުގެ ނައިޖީރިއާ ފޯވާޑް އަލްހާޖީ ގޭރޯއެވެ. ގޭރޯ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޓީސީގެ ކީޕަރު، ޑެނިއަލް އެމަނުއަލް އެޔީބޯ އަތުގައި ޖެހި، ދަނޑީގައި ވެސް ޖެހިފަ އެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ ނިއުއިން ދެވަނަ ހާފު ފެށިއިރު، ނިއުއިން ތިންވަނަ ލަނޑުޖެހީ 83 ވަނަ މިނެޓުގައެވެ. މިއީ ބްރެޒިލްގެ މިޑްފީލްޑަރު، ޑަ ސިލްވާ ހުރަސްކޮށްދިން ބޯޅައަކަށް އަރައި ގެރޯ ބޮލުން ޖެހި ގޯލެކެވެ.
މި މޮޅާއެކު ނިއު އިން 13 ވަނަ ފަހަރަށް އެފްއޭ ކަޕުގެ ޓްރޮފީ އުފުލާލިއިރު އެންމެފަހުން ނިއުއިން އެފްއޭ ކަޕު ކާމިޔާބުކުރީ 2017 ވަނަ އަހަރުއެވެ. އެފަހަރުގެ ތަށިވެސް ނިއުއިން އުފުލާލީ ފައިނަލުގައި ޓީސީ ބަލިކޮށްގެންނެވެ.
ނިއުއިން ވަނީ މި މުބާރާތުގެ ތަށި، ދެ ފަހަރަށް މިލްކުކޮށްފައެވެ. އެއީ 1996،1997،1998 ގެ މުުބާރާތްތައް ކާމިޔާބުކޮށްގެންނާއި 2005،2006،2007 ވަނަ އަހަރުތަކުގެ މުބާރާތް ކާމިޔާބުކޮށްގެންެވެ.
ނިއުއިން އެންމެފުރަތަމަ އެފްއޭ ކަޕްގެ ތަށި އުފުލާލީ 1989 ވަނަ އަހަރެވެ.
ނިއުއިން ވަނީ 12 ފަހަރަށް، ޤައުމީ މުބާރާތް/ ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން ދިވެހި ލީގު / މާލެ ލީގުގެ ޗެމްޕިއަންކަން އަށް ފަހަރަށް އެ ޓީމުން ހޯދާފައިވެއެވެ. މީގެއިތުރުން ވެސް އެކިއެކި މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯދާފައިވާ ނިއުގެ ޓްރޮފީތަކުގެ އަދަދު މިހާރު މިވަނީ 50 އަށް އަރާފައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި އަހަރުތަކަކަށްފަހު ނިއުއިން ކުޅުނު ފުރަތަމަ އެފްއޭ ކަޕުގެ ޗެމްޕިއަންކަން މި ހޯދީ ބައިކޮޅަށް ގޯލެއް ވެސް ނުވަދެ އެވެ. ކުޅުނު ތިން މެޗުން ވެސް ނިއު ކޮޅަށް ލަނޑެއް ވަދެފައި ނުވާއިރު، ޖުމްލަ 14 ލަނޑު އެ ޓީމުން ކާމިޔާބުކޮށްފައިވެއެވެ.
އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތާ އެކު، ދެ އަހަރަށް ފަހު ކުރިއަށްދިޔަ ރާއްޖޭގެ ފުރަތަމަ ފުޓްބޯޅަ ސީޒަން ނިމުނީ އެވެ. ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އެ ކާމިޔާބީ ހޯދީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. އަދި، އެ އަށް ފަހު ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން މާޒިޔާ ބަލިކޮށް ހޯދީ، އަލަށް ފުރަތަމަ ޑިިވިޝަނުގައި ކުޅުނު އޮޑި ސްޕޯޓްސް ކްލަބް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ