ހުރިހާ ބޭފުޅުންވެސް ވޯޓުލާން ނިކުމެ، ފަރުދީ ޒިންމާ އަދާކުރަންޖެހޭ: ސާޖިދާ

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ފަރާތްތަކަކުންވެސް ނިކުމެ، ފަރުދީ ޒިންމާ އަދާކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ މާފަންނު މެދުދާއިރާގެ ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވަނީ ލޯކަލް ކައުންސިލް އިންތިހާބަށް ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުކަން ފާހަގަކުރައްވައި ވޯޓުލާން ނިކުންނަ މީހުންގެ އަދަދު އިތުރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.
ސާޖިދާ ވިދާޅުވީ  މިހާތަނަށް ފެނުނު ލޯކަލް ކައުންސިލް އިންތިޚާބުތަކުގަ އާންމުކޮށް މީހުން ވޯޓުލާ މިންވަރު ވަރަށް ދަށްކަން ފާހަގަކުރެވޭ ކަމަށާއި، ވޯޓުލާން ދަނީ އެންމެ 30 ހަކަށް އިންސައްތަ މީހުންކަމަަށެވެ. ވޯޓާ ގުޅޭގޮތުން ބައެއް މީހުން ވިސްނާ ވިސްނުން ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ގިނަ ޕާޓީތަކެއް ތަމްސީލްކުރާ މިފަދަ އިންތިހާބުތަކުގައި ވޯޓުލުމުގެ މުހިންމުކަން ވަރަށް ބޮޑުކަމަށެވެ.
ކޮންގްރެސް ޕާޓީގެ މާފަންނު މެދުދާއިރާގެ ޖަގަހަ ހުޅުވުމުގެ ހަފްލާގެ ތެރެއިން..
އެގޮތުން މިއަދު ސަރުކާރާ އެކު އެއްބާރުލުން ދީގެން މަސައްކަތް ކުރާނޭ ކައުންސިލެއް އޮތުމުގެ މުހިންމުކަމާއި އެކަމަކީ މުސްތަޤްބަލަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަން ސާޖިދާ ވަނީ ފާހަގަ ކުރައްވާފައެވެ.
ވަރަށް ގިނަ ބޭފުޅުން ހަމަ ވިދާޅުވޭ ކީއްކުރަންހޭ ވޯޓުލަނީ. ކޮންމެ މީހަކު އަޔަސް ތިމަންނަމެންނަށް އެންމެ ރަނގަޅޭ. މިއީކީ ރަނގަޅު ވާހަކައެއް ނޫން. އަޅުގަނޑު މިކިޔަނީ ތަރައްޤީގެ ވާހަކަ. އަޅުގަނޑުމެން މިކިޔަނީ ތަމައްދުންގެ ވާހަކަ. މި ހުރިހާ ކަމެއް ކުރުމަށްޓަކައި އަޅުގަނޑުމެން އެބަ ބޭނުންވޭ އަޅުގަނޑުމެންގެ ސަރުކާރާއެކީ މަސައްކަތް ކުރާނެ ރަނގަޅު ކައުންސިލެއް. އެ ކައުންސިލް ހޯދުމަށްޓަކައި އަޅުގަނޑުމެން މިއަދު ވޯޓުދޭން ނުކުމެ މިތިބީ،
މެޑަމް ސާޖިދާ މުހައްމަދު
މެޑަމް ވިދާޅުވީ މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަށް ނިކުންނައިރު އެންމެ ރަނގަޅު ޓީމެއް އޮތީ ޕީއެންސީގައި ކަމަށެވެ. އެގޮތުން މިފަހަރު ވީހާވެސް ގިނަބަޔަކު ނިކުމެ ޕީއެންސީ ކެނޑިޑޭޓުންނަށް ވޯޓުދޭންޖެހޭކަން ފާހަގަކުރައްވަމުން މެޑަމް ވިދާޅުވީ، މިއަށްވުރެ ވަކިން ރަނގަޅު އެހެން ކެނޑިޑޭޓުން މާފަންނު މެދުދާއިރާއަކުން ވަކި ނުލިބޭނޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ