ސޯލިހު މޮރިޝަސްއަށް ފޮނުވި ސިޓީގެ މައްސަލައަކީ އުމުރަށް ޖަލަށްލާން ޖެހޭ ވަރުގެ ކުށެއް: ފަލާހު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލަން އެއްބަސްވެ، މިދިޔަ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީގެ މައްސަލައަކީ އުމުުރަށް ޖަލަށްލާންޖެހޭވަރުގެ ކުށެއް ކަމަށް  ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފާލާހު މިހެން ވިދާޅުވީ، އަރްމީނިއާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ހަމަޖެއްސެވުމަށްޓަކައި ރައީސް މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ، ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް މިއަދު ކުރިއަށްގެންދިޔަ ބަހުސްގެ ތެރެއިންނެވެ.
މިހާރު ދުނިޔޭގެ ހާލަތަށް ބަލައި ގައުމުތަކަށް ސަފީރުން އައްޔަންކުރެއްވުމުގައި ވަރަށް ބޮޑަށް ވިސްނައި، އެ ޒިންމާއަށް އެކަށީގެންވާ ބޭފުޅުން އައްޔަންކުރަންޖެހޭކަން ފާހަގަކޮށް އެމްޑީޕީން މި ބަހުސްގައި ވާހަކަދައްކާފައިވެ އެވެ.
އެ ވާހަކަތަކުގެ ރައްދުގައި ފަލާހު ވަނީ، އެފަދަ ވާހަކަތައް ދައްކަވާ އެމްޑީޕީ މެންބަރުންނަކީ، މިދިޔަ ސަރުކާރުގައި ރާއްޖޭގެ ކަނޑުން ބޮޑު ސަރަހައްދެއް "ވިއްކާލުމުގައި" ބައިވެރިވެ ގައްދާރުވެފައިވާ މީހުން ކަމަށް ސިފަކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - ފަލާހު ވިދާޅުވީ، ރާއްޖޭގެ ސަރަހައްދަކީ ގާނޫނީ ގޮތުން ދަމާލެވިފައިވާ ރާއްޖޭގެ އާކިޕެލޮޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި ޖައްވާއި ކަނޑުގެ އަޑީގައިވާ ބިން ހިމެނޭހެން ކަމަށް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބުނާ ކަމަށެވެ. އެއިން އެއްވެސް ތަނަކާއި ކުޅެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ވެސް ގާނޫނުއަސާސީ ބުނާ ކަމަށް ފަލާހު ވިދާޅުވި އެވެ.
އެކަމަކު، އެކަމާ މެދު ނިންމުމެއް ނިންމަން މަޖިލީހަށް ހުށަހެޅުމެއްވެސްނެތި އޭރުގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަަހައްދުން ބައެއް ދޫކޮށްލީ ރިޝްވަތު ހިފައިގެން ކަމުގެ ތުހުމަތު ވެސް ފަލާހު ކުރެއްވި އެވެ.
"މި ބޭފުޅުންނަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަކާނުލައި ރާއްޖޭގެ ބޮޑު ސިންގާ ބައެއް ވިއްކާލާފައި ތިބި ބައެއް. އެކޮޅަށް ދިޔައީ ތުނިތުނި ސިޓީއެއް. މިކޮޅަށް އައީ ގޯނިތަކެއް. ބޮޑެތި ގޯނީގައި އެއްޗެހި ހިފައިގެން،" ފަލާހު ވިދާޅުވި އެވެ.
"މިވަރު ކަމެއް ކޮށްލީ މިހާވަރުގެ ތުނި ސިޓީއުރައަކަށްލީ ކުޑަކުޑަ ލިޔުންކޮޅަކުން. ރާއްޖޭގެ ކަނޑުން ބޮޑު ސިންގާ ސަރަހައްދެއް، މި ސީދާ ހަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ކަންކަން މިއީ. އުމުރު ދުވަހުގެ ޖަލު ހުކުމް. ގައްދާރުވުން މިއީ. ގައުމަށް ގައްދާރުވުން މިއީ ރީތިކޮށް ދަންނަވާ ނަމަ."
އެނގުން މުހިންމު - ރާއްޖޭގެ ދެކުނުން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ބައެއް، ފޯޅަވައްސާ ފުށުއަރާ ކަމަށް ބުނެ، މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް ހުށަހަޅާފަ އޮއްވާ، ޗާގޯސް ރަށްތަކަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަން ރާއްޖޭން ބަލައިގަނެ، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާއަށް 22 އޮގަސްޓު 2022ގައި ސިޓީއެއް ފޮނުއްވި އެވެ.
އޭރު އިދިކޮޅުގައި ތިބި މި ސަރުކާރުގެ އިސް ފަރާތްތަކުން ތުހުމަތުކުރީ، ރާއްޖެ އާއި ޗާގޯސްއާ ދެމެދުން ފުށުއަރާ ކަނޑުގެ ސަރަހައްދު ބަހަން، އެކަމާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލް (އިޓްލޮސް) އިން 28 އޭޕްރީލް 2024ގައި ނިންމީ، ރައީސްގެ އެ ސިޓީފުޅުގެ ސަބަބުން ކަމަށެވެ.
މި ސަރުކާރުން މިހާރު ވަނީ:
އެ ސިޓީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބައިނަލްއަގުވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ ކަމަށް ވިދާޅުވެ، އެ ސިޓީ އަނބުރާ ގެނައުމަށާއި ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ކަމަށް ނިންމައި އެކަން އިއުލާންކުރައްވާފައި
އަދި، އެ ނިންމެވުންތައް ނިންމެވި ފަރާތްތަކާ ސުވާލުކޮށް، ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ނަމަ އެކަން ކުރުމަށް ހާއްސަ ކޮމިޓީއެއް ވެސް ރައީސް މުއިއްޒު ވަނީ އުފައްދަވާފައި
އެ ސިޓީ މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު އާންމުކޮށްފައިވެ އެވެ. އެކަމަކު، އޭގައި އޮތީ، ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް ގޮވާލައި އދ.ގެ އާންމު މަޖިލީހުގައި ނަގާ ވޯޓުގައި ރާއްޖޭން ވޯޓު ދޭނީ މޮރިޝަސްއާ އެއްކޮޅަށް ކަމަށެވެ. ކަނޑުން ބައެއް ދޫކޮށްލުމާ ބެހޭ އެއްވެސް ވާހަކައެއް އެ ސިޓީގައެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ