ހިތުގައި ތިނަން ވާތީ... 19
މިރާހް ދޫކޮށްލި ފުން ނޭވާއިން ރިމްޝާއަށް އެއް ކަމެއް ޔަގީންވިއެވެ. މިރާހްގެ ހިތުގެ ސާފުކަމާއި، މީހަކަށް ގެއްލުމެއް ނުދޭނޭ ކަމެވެ. އެކަމަކު، މިރާހް ކަމެއް ސިއްރު ކުރާކަން އޭނާގެ ދެލޯ ހެކިދެއެވެ. އެއީ ކޮން ކަމެއް ހެއްޔެވެ؟ ރިމްޝާއަށް އެކަމެއް ހޯދިދާނެ ހެއްޔެވެ؟ މިރާހް އެކަމަކުން މިނިވަން ކުރެވިދާނެ ހެއްޔެވެ؟ ******** "އީވްއަށް ހީވޭތަ މިރާހް އެކަހަލަ ކަމެއް ކޮށްފާނެހެން؟..." ރިމްޝާ ބޭނުންވީ އިވްލީންގެ ވިސްނުން ހުރިގޮތެއް ބަލާށެވެ. މޭޒުމަތީގައި ބަހައްޓާފައިވާ ހޫނު ދެ ކޮފީތަށިން ދުން އަރަމުން ދިޔައެވެ. މޭޒުގެ ދެފަރާތުގައި އިވްލީނާއި ރިމްޝާ ތިބިއިރު، ދެމީހުންގެ މޫނުންވެސް ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. ރިމްޝާގެ ސުވާލަށް ދޭނެ ޖަވާބަކާއިމެދު ވިސްނަން އިވްލީން އިރުކޮޅަކު އިނެވެ. "އަހަރެންގެ ހިތެއް ނުބުނޭ... އެކަމަކު..." އިވްލީން އޭނާ ބުނަން އުޅުނު ޖުމުލަ ހުއްޓައިލީ، އެ ޖުމުލަ ފުރިހަމަ ކުރަން އުނދަގޫ ވެގެންނެވެ. "އަހަރެން ޓްރަސްޓް ކުރަން..." ރިމްޝާ ބުނެލިއެވެ. "މިބުނީ މިރާހް އެކަހަލަ ކަމެއް ނުކުރާނެކަން އަހަންނަށް ސަތޭކަ ޕަސެންޓް ޔަގީންވެއޭ..." "ހިތަށް އަރާ މިރާހް ހުރިހާ ވާހަކައެއް ކިޔައިދޭނެނަމައޭ..." އިވްލީން އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. "މިއަދު އެ އާކިލްގަނޑު ކޮބާތަ؟..." އިވްލީންގެ މޫނުމަތިން މާޔޫސްކަން ފެނުމުން، ރިމްޝާ ވަގުތުން މައުޟޫއު ބަދަލުކޮށްލިއެވެ. "ދެންމެ އެދިޔައީ..." އާކިލްގެ ނަން އިވުމުން، އިވްލީންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. "އަދި ހަނދާންނެތިފައޭ މިހުރީ..." އެއްޗެއް ހަނދާންވާ ފަދައިން ރިމްޝާ ބުނެލިއެވެ. "އެއްކަލަ ސޮބާހާ ދިމާވިއޭ... އޭނަ ބުނި އެއްޗެއް އެނގޭތަ؟... އީވް ސެޓްކޮށްދޭށޯ..." "އޭނ؟..." އިވްލީނަށް ލިބުނީ ސިހުމެކެވެ. "ތިވާނީ ރިމޫއަށް ޖެއްސުންކުރަން ބުނި އެއްޗަކަށް..." "ނޫނެކޭ... އޭނަ އެބަ ގެންގުޅޭ އީވްގެ ބައިވަރު ފޮޓޯ... އަހަންނަށް ދެއްކިއޭ... ކުޑައިރުގެ ފޮޓޯތައްވެސް އެބަހުރި..." ރިމްޝާ ތަފްސީލް ދިނެވެ. "އަހަރެން ބުނާނެ އެހެން ވާހަކައެއް ނެތް... އީވް ކައިރީ އެކަހަލަ ވާހަކައެއް ބުނަން ޗާންސްވެސް ނުދޭތި!... އަހަރެން އޭނަ ކައިރީ ބުނިން، އެކަން ކުރަން ހިތުވެސް ނުލައްޗޭ... އީވްގެ ބިޓެއް ހުރެޔޭ... އެކަމަކު އޭނަ ގަބޫލެއް ނުކުރި... އާކިލްއަކީ އެކްސްއެކޯ ބުނީ... ދެން އެކަމެއް ނުކުރެވޭނެޔޯ... ޑޫ ޔޫ ތިންކް އިޓްސް ހިމް؟..." "ތިބުނީ؟..." ރިމްޝާ އެންމެފަހުން ކުރި ސުވާލު އެނގުނަސް، އިވްލީނަށް އަހައިލެވުނެވެ. "މިބުނީ ހުރިހާ ކަމެއް ކުރަނީ... އޭނަ އަންނަ އިރަށް ހުރިހާ ކަމެއް ފެށިއްޖެ... ކެފޭގެ އިންޒާރުތައްވެސް... އަނެއްކާ ބަލާ ސްކޫލް ދުވަސްވަރުވެސް އޭނައާ ހެދިއެއްނު ތި ދެމީހުން މައްސަލަވެސް ޖެހުނީ..." ރިމްޝާ ބުނެލިއެވެ. "ވެދާނެ އެކަމަކު މީ ކުށްހީ އަކަށްވެސް... އަހަރެމެން ކުރިން އާކިލްއާ ދޭތެރޭވެސް ވިސްނީ ގޯސްކޮށް... މިހާރު ލަދުވެސް ގަނޭ އޭނަ ކުރިމައްޗަށް އަރަން..." އިވްލީން ވިސްނައިލިއެވެ. ރިމްޝާ ބުނިހެން، ހުރިހާ ކަމެއްގެ ފަހަތުގައި ހުރީ ސޮބާހު ހެއްޔެވެ؟ އިވްލީނާއި އާކިލް ރަށްޓެހިވެގެން އުޅުނު ދުވަސްވަރު، ދެމީހުންގެ ދެމެދުގައި ގިނަ މައްސަލަތައް ޖެހުނީ ސޮބާހުގެ ސަބަބުންނެވެ. އިވްލީން ސޮބާހާއި ވާހަކަ ދައްކާތީއެވެ. ދެމީހުން އެކުގައި އުޅޭތީއެވެ. އިވްލީންގެ ގެއިން ސޮބާހު ނުކުންނާތީއެވެ. އޭރުވެސް އެންމެން ދެއްކީ ސޮބާހު އިވްލީންދެކެ ލޯބިވާ ވާހަކައެވެ. އެކަމަކު، އިވްލީންގެ ކައިރީގައި ސޮބާހު އެކަމަށް އިންކާރު ކުރުމުން، އިވްލީން ސޮބާހަށް އިތުބާރު ކުރިއެވެ. ދޭތެރެ ޖެއްސުމަށް މީހުން ދެއްކި ވާހަކައެއް ކަމަށް ގަބޫލުކުރިއެވެ. މިއަދާއި ޖެހެންދެންވެސް އިވްލީން ގަބޫލުކުރީ އެގޮތަށެވެ. ސްކޫލް ދުވަސްވަރު، އާކިލް އާއި ސޮބާހު އެކީ އުޅެފައި، ކުއްލިއަކަށް ދެމީހުން ދުރުވިކަން އިވްލީނަށް ފާހަގަވިއެވެ. އެ ދުރުކަން މިއަދާއި ޖެހެންދެންވެސް ދެމިއޮންނާނީ އޭގެ ފަހަތުގައި އިވްލީނަށް ނޭނގޭ ބޮޑު ސިއްރެއް ވާތީއެވެ. އެ ސިއްރަކީ ކޮބައި ހެއްޔެވެ؟ "އެބަ އަންނަން ސަބްމެރިންއެއް ހިފައިގެން..." މިރާހް އަންނަތަން ފެނުމުން، ބަހަނާއެއް ދައްކާފައި ރިމްޝާ އެތަނުން ތެދުވިއެވެ. އިވްލީނަށް ނުފެންނާނޭހެން އޭނާ ލޮލުގެ އިޝާރާތުން މިރާހަށް ކަން ކުރަންވީގޮތް އެންގިއެވެ. އިވްލީނާއި ވާހަކަ ދައްކާނޭ ފުރުސަތު މިރާހަށް ދީފައި، ރިމްޝާ ގޮސް ކެފޭއަށް ވަނެވެ. ކައުންޓަރުގެ ކައިރީގައި ހުރި، ރިމްޝާ ސިއްރުން މިރާހުގެ ހަރަކާތްތަކަށް ބެލިއެވެ. އިވްލީންމެން ކޮފީ ބުއި ތަށިތައް ނަގަން ހުރި މިރާހްގެ ސިއްރު ނަޒަރުތައް އިވްލީނަށް ހުއްޓެމުން ދިޔައެވެ. ދައްކަން ބޭނުންވި އެތައް ވާހަކައެއް ހުރި ނަމަވެސް، ހިތްވަރު ނުލިބިފައި އޭނާ އެތައް އިރަކު ހުއްޓެވެ. މިރާހަށް ހަތަރުކަޅި ހަމަކުރަން އުނދަގޫވެގެން، އިވްލީންވެސް އިނީ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. މިރާހް ހުރުމުން، އެތަނުން ތެދުވެގެން ދާކަށްވެސް އޭނާއަކަށް ނުކެރުނެވެ. "އަހަންނަށް އެނގޭ އީވް އަހަންނަށް ޓްރަސްޓް ކުރަން ބޭނުންވާކަން..." މޭޒުމަތި ފޮހެމުން، މިރާހް ބުނެލިއެވެ. ބޭއިހުތިޔާރުގައި އިވްލީނަށް މިރާހުގެ މޫނަށް ބަލައިލެވުނެވެ. މޭޒުމަތި ފޮހެފައި މިރާހުވެސް އިވްލީނަށް ބަލައިލިއެވެ. ދެމީހުންގެ ނަޒަރު ބައްދަލުވެގެން ހިނދުކޮޅެއް ފާއިތުވެގެން ދިޔައިރު، އެކަކު އަނެކެއްގެ މޫނުންވެސް ފެންނަމުންދިޔައީ، ކުށްވެރިވެފައިވާކަމުގެ އަސަރުތަކެވެ. "ހިތަށް އަރަނީ އަހަންނަށް މިރާހް ނޭނގެނީބާއޭ..." އިވްލީން ދޫކޮށްލީ ފުން ނޭވާއެކެވެ. މިރާހްވެސް ފުން ނޭވާއެއް ދޫކޮށްލިއެވެ. "އަހަރެން އަމިއްލައަށްވެސް ތިހެން ހިތަށް އަރާ....." މިރާހް އެއްބަސްވިއެވެ. "ހިތަށް އަރާ މީ ހަމަ އަހަރެންބާއޭ؟... ނޫނީ އަހަރެން ބަދަލުވީބާއޭ..." މިރާހް ކުށްވެރިކުރާކަށް އިވްލީން ބޭނުމެއް ނުވެއެވެ. އެކަމަކު، ހަގީގަތް ނޭނގޭހާ ހިނދަކު، މިރާހަށް ކުރިމަތިލާންވެސް އޭނާއަށް ފަސޭހައެއް ނުވިއެވެ. ދައްކާނެ ވާހަކައެއްވެސް ނޭނގުނެވެ. ފޯނެއް އައުމުން، ލިބުނު ފުރުސަތުގެ ބޭނުންހިފައި، އިވްލީން ތެދުވިއެވެ. އިވްލީން ދިޔަ ދިމާއަށް ބަލަން ހުރި މިރާހް އިސްޖަހައިލިއެވެ. އިވްލީންގެ ދުރުކަން މިރާހްގެ ހިތް ކުދިކުދިކޮށްފިއެވެ. އެ މަންޒަރު ބަލަން ދުރުގައި ހުރި ރިމްޝާގެ މޫނުންވެސް ފެނުނީ މާޔޫސްކަމެވެ. ******** މެންދުރުގެ ގަދަ އަވީގައި އާކިލް ބަނދަރަށް ދިޔައީ ރަތުނާ ތަކުރާރުކޮށް ގުޅަން ފެށުމުންނެވެ. އާކިލް ނުކުތްއިރު، ރަތުނާ ހުރީ ޖެޓީމަތީގައެވެ. ފުރަން އެއްވެފައިވާ މީހުންތަކުން ބަނދަރު ފުރިފައިވާއިރު، ޖެޓީ ކައިރިއަށް ލޯންޗެއް ކައިރިކޮށްފައި އޮތެވެ. އެ އެންމެންގެ ތެރޭގައި ހުރެފައި ރަތުނާ އާކިލްއަށް ހަނާ އަޅައިލިއެވެ. އާކިލް ސައިކަލުން ފޭބުމުގެ ކުރިން ރަތުނާ ކުޑަކޮށް ދުވެލާފައި ކަހަލަ ގޮތަކަށް އާކިލްގެ ކައިރިއަށް ދިޔައެވެ. "އަހަރެން ހީކުރީ ނާންނާނެކަމަށް..." ކޮނޑުގައި އަޅުވާފައިވާ ދަބަސް ރަނގަޅުކޮށްލަމުން ރަތުނާ ބުނެލީ، ޝަކުވާގެ ރާގެއްގައެވެ. "ތަނަކަށް ދަނީތަ؟..." ރަތުނާގެ ދަބަހަށް އިޝާރާތް ކުރަމުން އާކިލް ސުވާލުކުރިއެވެ. "އަހަންނާ އެކީ ދާނަންތަ؟..." ރަތުނާ އަހައިލިއެވެ. "ކޮންތާކަށް ދަނީ؟..." ރަތުނާގެ ސުވާލަށް ޖަވާބުނުދޭންވެގެން އާކިލް އަހައިލިއެވެ. "އިނގޭ އާކިލް އަހަންނާ އެކީ ނުދާނެކަން..." ރަތުނާ އިސްޖަހައިލީ އާކިލްގެ މޫނަށް ބަލަން ހުންނާނެ ހިތްވަރު ނުލިބިގެންނެވެ. "ބައެއް މީހުންގެ ނަސީބުގަ ލޯބި ލިބުމެއް ނުވޭ..." "މާލެ ދަނީތަ؟..." އާކިލް ބޭނުންވީ ޔަގީންކުރާށެވެ. "ދެން ކީއްކުރަން މިތާ ހުންނަންވީ؟..." ރަތުނާ ތުން ފިއްތައިލިއެވެ. "އަހަރެން މާލެ ދަންޏާ، އާކިލް އަހަރެން ހުއްޓުވާނަންތަ؟...." ރަތުނާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އާކިލް އިސްޖަހައިލީއެވެ. ދެމީހުންގެ ދެމެދަށް ވެރިވީ ހިމޭންކަމެވެ. އިސްޖެހިފައި ހުރި އާކިލްއަށް ބަލަން ރަތުނާ އިރުކޮޅަކު ހުއްޓެވެ. ދިޔުމުގެ ކުރިން އޭނާ ބޭނުންވީ ހިތް ފުރެންދެން އާކިލްގެ މޫނަށް ބަލަން ހުންނާށެވެ. ފުރަން މީހުން ލޯންޗަށް އަރަން ފެށިއެވެ. "ވެދިޔަ އެއްވެސް ކަމެއްގަ، އަހަރެން ބޭނުމެއް ނޫން އާކިލް ކުށްވެރިކުރާކަށް... އަހަރެމެންގެ ކައިވެނި ހަމަޖެހުނީވެސް އާއިލާގެ ތެރެއިން... އާކިލްގެ ނުރުހުމުގަ... އާކިލް އަބަދުވެސް ބުނަމުން އައީ، އަހަރެންދެކެ ލޯބިނުވާ ވާހަކަ... މިކައިވެނި ކުރަން ބޭނުން ނުވާ ވާހަކަ...." ދާންޖެހޭ ވަގުތު ކުޑަތަންވުމުން، ރަތުނާ ބޭނުންވީ ހިތުގެ އިހުސާސްތައް އާކިލްގެ ކުރިމަތީގައި ބަންޑުންކޮށްލާށެވެ. "އަމިއްލަ އެދުން އިސްކުރީ އަހަރެން... އަހަރެން މިއަދު މިވަނީ ވަރަށް ބޮޑު ގުރުބާނީއެއް... މީ އާކިލްއަށް އަހަރެން ދޭ ހަދިޔާއެއް ކަމަށް ބަލާ..." ރަތުނާގެ ވާހަކަތަކުން އާކިލްއަށް ލިބުނު ހައިރާންކަން ފިލައިގެން ނުދެއެވެ. ކުއްލިއަކަށް މީހަކު އެހާ ބޮޑަށް ބަދަލުވެދާނެކަމަށް ގަބޫލުކުރަން އޭނާއަށް އުނދަގޫވިއެވެ. ރަތުނާ އަބަދުވެސް އިސްކުރީ އަމިއްލަ އެދުމެވެ. މިއަދު އެ ހުރިހާ ކަމެއް ދޫކޮށްލައި، އެހެން މީހެއްގެ އުފަލަށް ރަތުނާ ވިސްނީތީ، އާކިލްގެ ދެލޯ ފެންކަޅިވިއެވެ. ރަތުނާ ކަރުނަ ފޮހެލިއެވެ. ފުން ނޭވާއެއް ދޫކޮށްލިއެވެ. "ތިހެން ހުއްޓާ، އަނގަޔަށް މެއްސެއް ވަދެދާނެ...." ރަތުނާގެ މޫނަށް ބަލަން ހުރި އާކިލްގެ ކޮލުގައި މަޑުމަޑުން ޖަހާލަމުން ރަތުނާ ހިނިގަނޑެއް ޖަހައިލިއެވެ. "އެންމެ ރަނގަޅުތަ ސަލާންކޮށްލިޔަސް..." އާކިލް އެއްޗެއް ބުނުމުގެ ކުރިން، ރަތުނާ އާކިލްގެ އަތުގައި ހިފައިލިއެވެ. އެ އަތަށް ފިތާލައިގެން އިރުކޮޅަކު ހުރެފައި ދޫކޮށްލިއެވެ. "އާކިލް ހުސްވާ ދުވަހަކަށް ބަލަބަލާ އަހަރެން ހުންނާނަން... މިރަށުގަ ދެލޯ ބައިންދާފަ މިދަނީ..." ލޯންޗާއި ދިމާއަށް ހިނގައިގަންނަމުން ރަތުނާ ބުނެލިއެވެ. އެހާ ސީރިއަސް ވަގުތެއްގައިވެސް ރަތުނާ ވާހަކަ ދެއްކި ގޮތުން، އާކިލްއަށް ހެވުނެވެ. ރަތުނާ ގޮސް ލޯންޗަށް އެރުމުން، އާކިލް އަތުން ހަނާ އަޅައިލިއެވެ. ގޮނޑީގައި އިށީން ރަތުނާގެ ބަޑި ފަޅައިގެން ދިޔައެވެ. އޭނާ އެންމެ ލޯބިވާ މީހާ ދޫކޮށް، އަބަދުގެ އަބަދަށް ދާންޖެހުމުން އޭނާގެ ހިތް ޒަހަމުވެއްޖެއެވެ. ރަތުނާ އެންމެ ފަހަރަކުވެސް ފަސްއެނބުރި ބަލައެއް ނުލައެވެ. އެތައް ހިތްވަރަކުން، ނިންމި ނިންމުން ބަދަލުވެދާނެތީ ބިރުންނެވެ. "ގުޑްބާއި އާކިލް..." ރަތުނާ ދެލޯ މަރައިލިއެވެ. ******** ކައުންޓަރުގެ ކައިރީގައި ހުރި ނަމަވެސް އިވްލީންގެ ނަޒަރު ހުއްޓެމުން ދިޔައީ މޭޒު ކައިރީގައި އިން އާކިލްއަށެވެ. ލެޕްޓޮޕުން މަސައްކަތެއް ކުރަން އިންއިރު، އާކިލްގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވީ ކުރަން އިން މަސައްކަތަށެވެ. އާކިލްގެ ފިރިހެންވަންތަކަމަށް އިވްލީނަށް ހިތާއިހިތުން ތައުރީފު ކުރެވެމުން ދިޔައެވެ. އާކިލް މަޑުކޮށްގެން އިނީ، އިވްލީން ކެފޭ ބަންދު ކުރުމުން، ގެއަށް ލާފައި ދާށެވެ. މަސައްކަތް ނިންމާފައި އޭނާ އިވްލީން ހޯދައިލިއިރު، ކައުންޓަރުގެ މަތީގައި ބޯ އަޅައިލިގޮތަށް އިވްލީނަށް އޮތީ ނިދިފައެވެ. އާކިލް މަޑުމަޑުން ތެދުވެގެން ގޮސް އިވްލީންގެ ކައިރީގައި ހުއްޓުނެވެ. ނިދިފައި އޮންނައިރު، އިވްލީން ވަކީން މައުސޫމެވެ. އާކިލްގެ ހިތް އެދުނީ އިވްލީންގެ މޫނުގައި ފިރުމައިލުމަށެވެ. އޭނާ އަތް އުފުލައިލި ވަގުތު އިވްލީން ކުޑަކުޑަކޮށް ލޯ ހުޅުވައިލިއެވެ. އާކިލް އަވަސް އަވަހަށް އަތް ތިރިކޮށްލިއެވެ. ގަޑި ބަލައިލާފައި އިވްލީން ފުންމައިގެން ތެދުވިއެވެ. ގަޑިން މެންދަމުން އަލިވެ އެކެއް ޖެހީއެވެ. "ކީއްވެ ނުގޮވީ؟..." ތަޅުދަނޑި ހިފައިގެން ހިނގައިގަންނަމުން އިވްލީން އަހައިލިއެވެ. "އީވް މާ އަރާމުކޮށް ނިދާފަ އޮތީމަ ނުގޮވީ... އަހަންނަށް އިނގޭ، އީވްއަށް ތިގޮތަށް ނުނިދޭކަން... ރެސްޓެއް ނުނަގާ އެހާ ބުރަކޮށް އުޅެނީ..." އާކިލްގެ އަޑުން ހާމަކޮށްދިނީ އިވްލީނަށް އަޅާލާ ވަރެވެ. އާކިލް ބުނީ ތެދެކެވެ. ފަހަކަށް އައިސް، އިވްލީނަށް އަރާމު ނިންޖެއް ނުލިބެއެވެ. އެކަމަކު، އޭނާ އެ ވާހަކަ އާއި ގުޅުވައިގެން އެއްޗެއް ނުބުނެއެވެ. ކެފޭގެ ދޮރު ތަޅުލަން ހުރިއިރު، އިވްލީންގެ އަތް ތުރުތުރު އަޅައެވެ. އާކިލް ކުރިއަށް ޖެހިލައި، އިވްލީންގެ އަތުން ތަޅުދަނޑި އަތުލިއެވެ. އާކިލްގެ ކޮނޑު އިވްލީންގެ ގައިގައި ޖެހިލިއެވެ. އެ ލުއިލުއި ބީހިލުމުން އެކަނިވެސް، އިވްލީންގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. "އަބަދު ތިހާ ސްޓްރޯންގްވެގެން ނޫޅުނަސް ރަނގަޅުވާނެ..." ދޮރު ތަޅުލާފައި ތަޅުދަނޑި އިވްލީންގެ އަތަށް ދިއްކޮށްލަމުން އާކިލް ބުނެލިއެވެ. "މިހާރު ހުއްޓާލައިފިއްޔާ، ފަހުން ނުކުރެވިދާނެ..." ތަޅުދަނޑީގައި ހިފަމުން އިވްލީން ބުންޏެވެ. "އަހަރެން މިހުރީ އީވްއަށް ހެލްޕްވާށޭ..." އާކިލް ބޭނުންވީ އޭނާ އިވްލީނާއި އެކުގައި ހުރިކަން ހާމަކޮށްދޭށެވެ. "މާދަންވެސް އާކިލް ހިނގައިދާނެ... އޭރުން އަހަންނަށް ހެލްޕްވާނީ ކާކު؟..." އިވްލީން ހިނގައިގަތެވެ. އިވްލީންގެ ޖުމުލައިން އާކިލްގެ ހިތަށް ތަދުވިއެވެ. އޭނާ ބޭނުންވީ އިވްލީން އޭނާގެ އަތްދަނޑި މައްޗަށް އުފުލައިލާށެވެ. އަބަދުގެ އަބަދަށް ކައިރީގައި ހުންނަން ބޭނުންވާކަން ހާމަކޮށްދޭށެވެ. އެކަމަކު، އެ ހިތްވަރެއް ނުލިބުނެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ