އޭއައި މެދުވެރިކޮށް މީހުންގެ ސިފައިގައި އުފައްދާ ކޮންޓެންޓް ރެގިއުލޭޓް ކުރަނީ

"ޑިޖިޓަލް އިންސާނުން" ނުވަތަ ވާޗުއަލް (އޭއައި) އިންސާނުން އުފައްދައި ބޭނުންކުރުން ރެގިއުލޭޓް ކުރުމަށްޓަކައި ޗައިނާގެ ސައިބަސްޕޭސް ރެގިއުލޭޓަރުން އައު ޑްރާފްޓް ގަވާއިދުތަކެއް ހުކުރު ދުވަހު ނެރެފިއެވެ. މި ގަވާއިދުގެ ދަށުން މިފަދަ ކޮންޓެންޓް ސާފުކޮށް އެނގޭނެހެން ލޭބަލްކުރުމަށް މަޖުބޫރުކޮށް، ކުޑަކުދިންނަށް އޮޅޭގޮތަށް ހުންނަ އަދި ދެވިހިފާފަދަ ޚިދުމަތްތައް ވަނީ މަނާކޮށްފައެވެ. ޗައިނާގެ ސައިބަސްޕޭސް އެޑްމިނިސްޓްރޭޝަނުން އާންމުކޮށްފައިވާ މި ޑްރާފްޓްގައިވާ ގޮތުން، 18 އަހަރުން ދަށުގެ ކުދިންނަށް ޑިޖިޓަލް އިންސާނުން މެދުވެރިކޮށް "ވާޗުއަލްކޮށް ލޯބީގެ ނުވަތަ ގާތް ގުޅުންތައް" ހިންގުން މަނާވާނެއެވެ. މި ގަވާއިދަށް އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މެއި ހައެއްގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. https://sun.mv/212005 މީގެ އިތުރުން، އެހެން މީހެއްގެ ހުއްދަނެތި އެމީހެއްގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޑިޖިޓަލް އިންސާނުން އުފެއްދުމާއި، އައިޑެންޓިޓީ ވެރިފިކޭޝަން ސިސްޓަމްތަކަށް އޮޅުވާލުމަށް ވާޗުއަލް އިންސާނުން ބޭނުންކުރުންވެސް މި ގަވާއިދުގެ ދަށުން މަނާކުރާނެއެވެ. މިއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ކުރިއެރުންތަކާއެކު، އެ ދާއިރާ ކޮންޓްރޯލްކުރުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މި ޑްރާފްޓް ގަވާއިދުގައި ބުނެފައިވާ ގޮތުން، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތު ފެތުރުމާއި، ދައުލަތުގެ ބާރު ކަނޑުވާލުމަށް ހިތްވަރުދިނުމާއި، ގައުމުގެ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރުމަށް ޑިޖިޓަލް އިންސާނުން ބޭނުންކުރުން މަނާވާނެއެވެ. އަދި ޖިންސީ ކަންކަމަށް ހިތްވަރުދޭ ނުވަތަ ބިރުވެރި، އަނިޔާވެރި ނުވަތަ ނަސްލާއި ސަރަހައްދަށް ބަލައި ތަފާތުކުރުން އުފައްދާ ކޮންޓެންޓް ހުއްޓުވުމަށް ޚިދުމަތްދޭ ފަރާތްތަކަށް ވަނީ އަންގާފައެވެ. ހަމައެހެންމެ، ޚިދުމަތް ބޭނުންކުރާ މީހަކު އަމިއްލައަށް މަރުވުމަށް ނުވަތަ އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ އަލާމާތްތައް ދައްކާނަމަ، އެކަން ހުއްޓުވައި ޕްރޮފެޝަނަލް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ ބާރުއަޅާފައެވެ. ފާއިތުވި މަހު ޗައިނާއިން ނެރުނު ފަސް އަހަރުގެ އައު ޕޮލިސީ ބްލޫޕްރިންޓްގައި، އެ ގައުމުގެ އިގްތިސާދުގެ ތެރެއަށް އޭއައި ފުޅާދާއިރާއެއްގައި ތައާރަފްކުރުމަށް ވަނީ ނިންމާފައެވެ. މި އައު ގަވާއިދުތަކަކީ ޗައިނާގެ ސޯޝަލިސްޓް އުސޫލުތަކާ އެއްގޮތަށް އަދި ރައްކާތެރިކަމާއެކު އޭއައިގެ ސިނާއަތް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ސައިބަސްޕޭސް ރެގިއުލޭޓަރުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނާ ގޮތުން ޑިޖިޓަލް އިންސާނުން ރެގިއުލޭޓް ކުރުމަކީ މިހާރު ހަމައެކަނި ސިނާއަތުގެ މިންގަނޑުތަކުގެ މައްސަލައެއް ނޫނެވެ. އެއީ ސައިބަސްޕޭސްގެ ސަލާމަތާއި، އާންމުންގެ މަސްލަހަތާއި، ޑިޖިޓަލް އިގްތިސާދުގެ ކުރިއެރުމާ ގުޅިފައިވާ ސްޓްރެޓީޖިކް މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ