އެމްއޭސީއެލް އިން ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރަނީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކޮށް، ފަންނީ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށްގެންދާ ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗް ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފި އެވެ.
ހުޅުމާލެ އައިލެންޑް ހޮޓެލްގައި ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް އެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ހެޑް އޮފް އެސްޓޭޓް ސެކިއުރިޓީ ސަރވިސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު ޙަސަން އަޝީތުގެ އިތުރުން އެ ޑިޕާޓްމަންޓުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ފުލުހުންނާ ގުޅިގެން ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގަ އެވެ. ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި އެމް.އޭ.ސީ.އެލްގެ އެސްޓޭޓް ސެކިއުރިޓީ ސަރވިސް (އީއެސްއެސް) ގެ 28 އޮފިސަރުން ބައިވެރިވެ އެވެ.
މި ތަމްރީނު ޕްރޮގްރާމަކީ އަމަލީ ތަމްރީނުތަކާއި ތިއަރީ ހިމެނޭހެން، ސެކިއުރިޓީ އޮފިސަރުންގެ ހުނަރު އިތުރުކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މީގެ ތެރޭގައި ގާނޫނީ އޮނިގަނޑުތަކަށް އަހުލުވެރިކުރުވުމާއި، ފަންނީ އަޚުލާގާއި، ޕެޓްރޯލް ކުރުމުގެ އުކުޅުތަކުގެ އިތުރުން ހެކި ދެނެގަތުމާއި، އަމިއްލަ ނަފްސުގެ ދިފާއު އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ ބައިތައް ކިޔަވައިދެވޭނެއެވެ. މީގެ އިތުރުން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު ބައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ