މިދިޔަ ހަފުތާގެ ހޯމަ ދުވަހު އާޓް ގެލެރީ މާލެގައި ހުޅުވި ކުރެހުމުގެ މައުރަޒު 'އެކޯސް - އިންކް ވޮޝް އެންޑް އައިލަންޑްސް' އިން ފެނިގެންދަނީ ޗައިނާގެ އާޓިސްޓު ދެމަފިރިން ކަމަށްވާ ޖާއޮ ވެއިޑޮން އާއި ހުވޯ ޝީންހުވާގެ ހިތްގައިމު ކުރެހުންތަކެކެވެ.
އެ ދެ އާޓިސްޓުން ފެން ކުލަ އާއި ދެލިން ތައްޔާރުކޮށްފައިވާ 30އަށް ވުރެ ގިނަ ކުރެހުން ގެލެރީގެ ހުދު ފާރުތަކުގައި އަޅުވާފައި ހުއްޓެވެ. އޭގެ ތެރޭގައި ހިމެނެނީ ހުވޯ ޝީންހުވާ ކުރަހާފައިވާ ގުދުރަތީ މަންޒަރުތައް ދައްކުވައިދޭ ކުރެހުންތަކާއި ޖާއޮ ވެއިޑޮންގެ މީހުންނާއި ސަގާފަތް ދައްކުވާދޭ ކުރެހުންތަކެވެ.
ކޮންމެ ކުރެހުމެއް ވެސް އެހާމެ ހިތްގައިމެވެ. ޗައިނާގައި ޒަމާނުއްސުރެން ގެންގުޅެމުން އައިސްފައިވާ ކުރެހުމުގެ 'ޓެކްނީކް'ތައް ބޭނުންކޮށްގެން ދައްކައިދެނީ ރާއްޖެއިން ފެންނަ އެކި މަންޒަރުތަކެވެ. އެގޮތުން ފޮށާ އޮޅައިގެން މުންޑެއް ލައިފައި ހުރި މީހަކު ބޮޑުބެރު ޖަހާ މަންޒަރު، ފިރިހެނަކު މަސް ކަނޑަނިކޮށް އަދި ބުރުގާ އަޅައިގެން ތިބި އަންހެނުންގެ ގުރޫޕެއް ހިނގާފައި ދާ މަންޒަރު ޖާއޮ ވަނީ ކުރަހާފަ އެވެ. މިއީ ރާއްޖޭގެ އެކި ހިސާބުތަކުން އާއްމުކޮށް ފެންނަ މަންޒަރުތަކެކެވެ. އެކަމަކު އެ ދައްކުވާދީފައި ވަނީ ޗައިނާގެ ސަގާފީ ފިއްސަކުން ޖައްސާފައިވާ 'ބްރަޝް ސްޓްރޯކް'ތަކަކުންނެވެ. ސާދާ އަދި ހިތްގައިމު ސްޓައިލަކަށެވެ.
ޕްރޮފެޝަނަލް ޕެއިންޓަރެއް އަދި ޗައިނާ އާޓިސްޓްސް އެސޯސިއޭޝަންގެ މެމްބަރެއް ކަމަށްވާ ޖާއޮ ވެއިޑޮން އަކީ 'ފިގަރޭޓިވް ޕެއިންޓިން' އަށް ހާއްސަ މީހެކެވެ. އޭނާގެ މަސައްކަތް ބިނާ ވެގެންވަނީ އިންސާނުންގެ ހިޔާލު ފާޅުކުރުމާއި އިހުސާސުތައް ދައްކުވައިދިނުމަށެވެ. ޖާއޮގެ އެންމެ ފާހަގަ ކޮށްލެވޭ ކުރެހުން ވަނީ ޗައިނާގެ ގައުމީ އާޓް މިއުޒިއަމްގެ ދާއިމީ ކަލެކްޝަނުގައި ހިމަނާފަ އެވެ.
ހުވޯ ޝީންހުވާ ޗައިނާގެ ސަގާފީ އާޓް ސްޓައިލްއެއްގައި އޭނާގެ ކުރެހުންތަކުން މައިގަނޑު ގޮތެއްގައި ދައްކާލީ ދޫނިސޫފާސޫތްޕާއި ގަސްގަހާގެއްސެވެ. 'ޗައިނީސް އިންކް އޮން ޕޭޕާ'ގައި ހުވޯގެ ކޮންމެ ކުރެހުމެއްގެ 'ސަބްޖެކްޓް' އަތުރާލައިފައި ވަނީ ވަރަށް ހިތްގައިމުކޮށެވެ. އެއިން ކޮންމެ ކުރެހުމެއްގައިވާ 'ސަބްޖެކްޓް'ގެ އިތުރުން ބޭނުންކޮށްފައިވާ 'ޓެކްނީކް'އާ މެދު ވިސްނާލަން ވަގުތުކޮޅެއް ހޭދަ ކޮށްލުން މުހިއްމެވެ.
ޗައިނާގެ ސޮންގް ޑައިނެސްޓީގެ ދޫނި އަދި މާމެލާމެލީގެ ކުރެހުންތައް އަލުން ދިރުވުމަށް މަސައްކަތް ކުރާ ކުރެހުންތެރިއެއްގެ އިތުރުން ތާރީހު ދިރާސާ ކުރާ ހުވޯ ޝީންހުވާ ވަނީ ޒަމާނީ ނަޒަރަކުން 'ކްލެސިކަލް' ޓެކްނީކްތައް އަލުން ތަސައްވަރު ކޮށްފަ އެވެ. އޭނާގެ ކުރެހުންތަކަކީ ތާރީހީ ހޭލުންތެރިކަމާއި 'އެކްސްޕްރެސިވް ބްރަޝްވޯކް' އެއްކޮށްލައި، ސަގާފީ އަދި ޒަމާނީ 'އެސްތެޓިކް' ގުޅުވާލަދޭ އުފެއްދުންތަކެކެވެ.
ހުވޯ ބުނިގޮތުގައި ސޮންގް ޑައިނެސްޓީގެ މާމެލާމެލި އަދި ދޫނީގެ ކުރެހުންތަކުން މި އާޓްގެ އެންމެ އުސް ފަންތީގެ ކުރެހުންތައް ރަމްޒުކޮށްދެ އެވެ. އޭނާ ކުރެހުމަށް ކުރާ ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލަނީ އާއްމު ދިރިއުޅުމުގައި ފެންނަ ގުދުރަތީ މަންޒަރުތަކާއި ގަސްގަހާގެއްސާއި ޖަނަވާރުތަކާއި އެ އެއްޗެއްސާ ދެމެދު އޮންނަ ގުދުރަތީ ގުޅުމަށެވެ. އަދި ދިރާސާގެ ތެރޭގައި އެންމެ ފުރިހަމައަށް އެ 'އާޓިސްޓިކް މެތޮޑް'ތައް ގެނެސްދެވޭތޯ އޭނާ ބަލަ އެވެ. ރާއްޖެއަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ގައުމަކަށް ވުމުން ހުވޯގެ ސޮންގް ޑައިނެސްޓީ ކުރެހުންތަކުން ދައްކުވާދެނީ ގުދުރަތީ މަންޒަރުތަކާއި ދޫނިސޫފާސޫތްޕެވެ. ގުދުރަތީ މަންޒަރުތަކަށް ލޯބި ކުރާ ދިވެހިންނަށް ވެސް އޭނާގެ ކުރެހުންތައް ކަމުދާނެ ކަމަށް އޭނާ އުއްމީދު ކުރެ އެވެ.
މި ދެމަފިރިން ފުރަތަމަ ފަހަރަށް ރާއްޖެ އައީ 2023ގަ އެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ފެނިފައި ހައިރާންވި ކަމަށް އެ މީހުން ބުންޏެވެ. ދިވެހިންނަކީ ހިތްހެޔޮ އެކުވެރި ބައެއްކަން ވެސް އެ މީހުން ފާހަގަ ކުރި އެވެ. އަދި ދެ އަހަރު ފަހުން އަނެއްކާވެސް ރާއްޖެ އައުމަށް އުއްމީދު ކުރީ ރާއްޖެއަށް އޮތް ލޯބި ދައްކައިދޭ ކުރެހުންތަކަކާ އެކުގަ އެވެ.
ރާއްޖެއަށް އެ ދެމަފިރިން ކުރި ޒިޔާރަތުގައި ވަރަށް ގިނަ މީހުންގެ ފަރާތުން ހޫނު މެހުމާންދާރީއެއް ލިބުނުކަން އެ މީހުން ފާހަގަ ކުރި އެވެ. އަދި ދިވެހިން އެ ދެމަފިރިންނާ މެދު ބެހެއްޓި ގާތްކަމަށް އިހުތިރާމު ކުރުމުގެ ގޮތުން ކުރެހުންތަކެއް ތައްޔާރުކޮށް ދިވެހިންނަށް ހަދިޔާކުރަން ނިންމި އެވެ. މައުރަޒުގައި ދިވެހިންގެ އާއްމު ދިރިއުޅުމުގައި ފެންނަ މަންޒަރުތަކުގެ އިތުރުން އެކި މީހުންގެ ހިތްގައިމު 'ޕޯޓްރެއިޓް'ތަކެއް ވެސް ހުއްޓެވެ. އޭގެ ތެރޭގައި މަރުހޫމު މަޑުލު މުހައްމަދު ވަހީދުގެ ޕޯޓްރެއިޓެއް ވެސް ހިމެނެ އެވެ. ހުވޯ ބުނިގޮތުގައި ވަހީދަކީ ވަރަށް ގާތް އަދި އެ ދެމަފިރިންނާއި އެ މީހުންގެ އާއިލާ ނިހާޔަތަށް އިހުތިރާމު ކުރާ މީހެކެވެ. އެ ޕޯޓްރެއިޓަކީ ވަހީދުގެ ހަނދާނުގައި ކޮށްފައިވާ މަސައްކަތެކެވެ.
ޖާއޮ ވެއިޑޮން އާއި ހުވޯ ޝީންހުވާ މި ކުރެހުންތަކަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު ޒަމާނުއްސުރެން އޮތް ގާތް ގުޅުން އެތައް ހާސް އަހަރަކަށް ދެމިގެން ގޮސްފައިވާކަން ރަމްޒު ކޮށްދޭ މަސައްކަތްތަކެކެވެ،
ރާއްޖޭގައި ފުރަތަމަ ފަހަރަށް މި ދެމަފިރިން ދައްކާލި މި ކުރެހުންތަކަކީ ރާއްޖޭގެ ރީތިކަން ރަމްޒުކޮށްދިނުމުގެ އިތުރުން މިހާތަނަށް ރާއްޖެ ޒިޔާރަތް ނުކުރާ މީހުންނަށް ވެސް ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ކުރެހުންތަކެކެވެ.
އާޓް ގެލެރީ މާލޭގައި މައުރަޒު ކުރިއަށްދާނީ މި މަހު 26ގެ ނިޔަލަށެވެ.
'އެކޯސް - އިންކް ވޮޝް އެންޑް އައިލަންޑްސް' މައުރަޒު: ޗައިނާ ދެމަފިރިއެއްގެ ނަޒަރުން ރާއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ