ލަންޑަން (ޖެނުއަރީ 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ކުޅުނު މެޗުގައި ލަނޑެއް ނުޖެހި 0-0 އިން ނޮޓިންހަމް ފޮރެސްޓާ އެއްވަރުވެ، ލީގުގެ އެއް ވަނަައިގައި ލީޑުފުޅާކުރަން ލިބުނު ފުރުސަތު ނަގާލިއިރު، ލިވަޕޫލުން އަމިއްލަ ދަނޑުގައި ބާންލީއާ 1-1 އިން އެއްވަރުވެއްޖެ އެވެ.
ރޭ މެންޗެސްޓާ ސިޓީ ކުޅުނު މެޗުން ވަނީ ރަށުންބޭރުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. އޭގެ ފައިދާނަގައި، ލީގުގެ އެއް ވަނައިގައި ނުވަ ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު އާސެނަލަށް އޮތް ނަަމަވެސް ފޮރެސްޓާ އެއްވަރުވުމުން އާސެނަލަށް ލިބުނީ ހަތް ޕޮއިންޓުގެ ލީޑެކެެވެ.
އާސެނަލަށް 22 މެޗުން 50 ޕޮއިންޓް ލިބުނުއިރު، ސިޓީ އަށް ވަނީ 22 މެޗުން 43 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް 21 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ވިލާ އިން މިރޭ އެވަޓަން ބަލިކޮށްފިނަމަ ދެ ވަަނަ އަށް އެރޭނެ އެވެ.
ފޮރެސްޓް ދަނޑުގައި ރޭ އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެން އެއްވެސް ޓީމަކަށް ގޯލާ ސީދާކޮށް ހަމަލާއެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ. ދެ ވަަނަ ހާުފުގައި އާސެނަލްގެ ބުކާޔޯ ސަކާ ފޮނުވާލި ހަމަލާއެއް ފޮރެސްޓްގެ ކީޕަރު މެޓް ސެލްސް ވަނީ މަތަކޮށްފަ އެވެ. ރޭގެ މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ފޮރެސްޓް އޭރިއާތެރެއިން އެ ޓީމުގެ އޮލަ އައިނާ އަތުގައި ބޯޅަ ޖެހުމުން ޕެނަލްޓީއަކަށް އާސެނަލުން އެޕީލް ކުރި ނަމަވެސް ރެފްރީ މައިކަލް އޮލިވާ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ވެސް ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
ލީގުގައި ރޭ ލިވަޕޫލަށް ލީޑުނަގައިދޭން ޑޮމިނިކް ސޮބޯސްލާއި ފޮނުވާލި ޕެނަލްޓީ ހުރަސްދަނޑިއަށް އަމާޒުވިއިރު، ލިވަޕޫލުން ފުރަތަމަ ހާފުގައި ވަނީ ފްލޯރިއަން ވާޓްޒްގެ ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި، ލިވަޕޫލް ކޮޅަށް ބާންލީގެ މާކަސް އެޑްވާޑް ވަނީ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. މި ނަތީޖާއާ އެކު، ލިވަޕޫލަށް މި ވަނީ މި ފަހަރު ލީގަށް ޕްރޮމޯޓްވި ތިން ޓީމު އަތުންވެސް އަމިއްލަ ދަނޑުގައި މޮޅެއް ނުލިބިފަ އެވެ. މިއީ، 1980-1981 ވަނަ ސީޒަނުގެ ފަހުން، އަލަށް ޕްރޮމޯޓްވި ތިން ޓީމު އަތުން އަމިއްލަ ދަނޑުގައި މޮޅެއް ނުލިބި ލިވަޕޫލުން ލީގު ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކު، ލިވަޕޫލުން ހަތަރެއްގައި އޮތީ 22 މެޗުން 36 ޕޮއިންޓާ އެކު އެެވެ. ފަސް ވަނައިގައި އޮތް ޔުނައިޓެޑަށް 22 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، އާ ކޯޗު ލިއަމް ރޮސެނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ލީގު މެޗުން 2-0 އިން ބްރެންޓްފޯޑް ބަލިކޮށް ޗެލްސީ ހަ ވަނައިގައި އޮތީ 22 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ.
ލިވަޕޫލުން އެއްވަރުވިއިރު އާސެނަލަށް ފައިދާ ނުނެގުނު ލިވަޕޫލުން އެއްވަރުވިއިރު އާސެނަލަށް ފައިދާ ނުނެގުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ