ވައިއާރްއެފްގެ ފުރަތަމަ ބިރުވެރި ފިލްމުގެ ޑައިރެކްޓަރަކަށް އަބޭ ޕަންނޫ
އިންޑިއާގެ އެންމެ ނުފޫޒުގަދަ އެއް ފިލްމު ކުންފުނި ކަމަށްވާ ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް)އިން ބިރުވެރި ފިލްމެއް އުފެއްދުމަށްޓަކައި ޑައިރެކްޓަރު އަބޭ ޕަންނޫއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ކްރިޓިކުންގެ ބޮޑު ތަރުހީބެއް ލިބުނު ސީރީޒް "ރޮކެޓް ބޯއިސް" އުފެއްދި އަބޭ ވަނީ މި ފިލްމުގެ ސްކްރިޕްޓް ވެސް ތައްޔާރުކޮށްފައި ކަމަށާއި މި އަހަރު ތެރޭ މި ފިލްމުގެ މަސައްކަތް ވައިއާރްއެފްއާ ގުޅިގެން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ވައިއާރްއެފްއިން ވޭތުވެދިޔަ 50 އަހަރުތެރޭ ހޮރޯ ޖޯންރާ ނޫން ހުރިހާ ބާވަތެއްގެ ފިލްމު އުފައްދާފައިވާއިރު މިއީ އެ ސްޓޫޑިއޯއިން ބެލުންތެރިންނަށް ގެނެސްދޭނެ ފުރަތަމަ ބިރުވެރި ފިލްމެވެ. އެ ސްޓޫޑިއޯގެ ސީއީއޯ އަކްޝޭ ވިދާނީގެ އިސްނެގުމުގެ މަތިން މި މަޝްރޫއު ކުރިއަށްދާއިރު، މިއީ އަދި ދުވަހަކު ވެސް އެ ކުންފުނިން ތަޖުރިބާކޮށްފައި ނުވާ އާ ދާއިރާއަކަށް ނުކުތުމަށް އަދިތްޔާ ޗޯޕްރާއަށް ލިބުނު ބޮޑު ހިތްވަރެކެވެ. ޑައިރެކްޓަރު އަބޭ ޕަންނޫ--ފޮޓޯ/ބޮލީވުޑްހަންގާމާ ވައިއާރްއެފްއިން މިދިޔަ އަހަރު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ސައްޔާރާ"އަށް ފަހު ސީއީއޯ އަކްޝޭގެ ބެއްލެވުމުގެ ދަށުން އެ ސްޓޫޑިއޯއިން ދަނީ އާ ޖީލުގެ އުފެއްދުންތެރިންނާ އެކު ވަރަށް ގާތުން މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި މޯހިތު ސޫރީ އާއި ސަމީރު ސަކްސޭނާގެ އިތުރުން އަބޭ ޕަންނޫ ހިމެނެއެވެ. މީގެ މައިގަނޑު މަގުސަދަކީ ތަފާތު އެކި ބާވަތްތަކުގެ ވާހަކަތައް ފިލްމީ އުފެއްދުންތަކުގެ ގޮތުގައި ގެނެސްދީ، ކުންފުނީގެ އުފެއްދުންތެރިކަން ފުޅާކުރުމެވެ. މި ބަދަލާ އެކު، ވައިއާރްއެފްއިން މިހާރު ވަނީ އުފެއްދުންތެރިކަމުގެ ދެ އޮނިގަނޑެއް އެކުލަވާލާފައެވެ. އެއީ އަދިތްޔާގެ ބެލުމުގެ ދަށުން ތައްޔާރުކުރާ ފިލްމުތަކާއި، އަކްޝޭ ވިދާނީއާއި އޭނާގެ ޓީމުން އިސްނަގައިގެން އާ އުފެއްދުންތެރިންނާއި ޒަމާނީ ވާހަކަތަކަށް ޚާއްސަކޮށްގެން އުފައްދާ ފިލްމުތަކެވެ. މިކަމާ ގުޅޭގޮތުން މައުލޫމާތު ދިން ފަރާތުން އިތުރަށް ބުނި ގޮތުގައި، މިއީ އަދިތްޔާގެ ފިލްމު އުފެއްދުމުގެ ސިޔާސަތަށް ގެނައި ބޮޑު ބަދަލެކެވެ. ފުރަތަމަ ފަހަރަށް ފިލްމުތައް އުފެއްދުމުގެ އިސް ޒިންމާ އަކްޝޭއާ ހަވާލުކޮށްފައިވާއިރު، އޭނާގެ އަމާޒަކީ އާ ޑައިރެކްޓަރުންނާ އެކު ގިނަ އުފެއްދުންތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ