ބޮލީވުޑްގެ ކުރީގެ ބަތަލާ ރިމީ މިހާރު ރަސްކަން ކުރަނީ ރިއަލްއެސްޓޭޓް ވިޔަފާރީގައި

ދެހާހުގެ އަހަރުތަކުގައި ބޮލީވުޑްގައި ވިދާލި ބަތަލާ ރިމީ ސެން ފިލްމީ ދާއިރާ ދޫކޮށްލުމަށްފަހު މިހާރު މަސައްކަތް ކުރަމުން ދަނީ ރިއަލް އެސްޓޭޓް ވިޔަފާރީގައި ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ފިލްމު "ހަންގާމާ"، "ކިއު ކީ"، "ގޯލް މާލް" އަދި "ޕިރް ހެރާ ޕެރީ"އިން ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާއަށް މީޑިއާގެ ސަމާލުކަން އަނެއްކާވެސް ލިބި ސޯޝަލް މީޑިއާގައި ޓްރެންޑްވާން ފެށީ ރިމީ ދާދިފަހުން ދިން އިންޓަވިއުއެއް އިންޓަނެޓުގައި ދައުރުވާންފެށުމާ ގުޅިގެންނެވެ. ބިލްޑްކެޕްސް ރިއަލް އެސްޓޭޓް އެލްއެލްސީއަށް ރިމީ ދިން އިންޓަވިއުގައި ބަތަލާ ވަނީ ފިލްމީ ކެރިއަރު ދޫކޮށްލުމަށްފަހު ރިއަލް އެސްޓޭޓް ވިޔަފާރިއާ ގުޅެން ނިންމީ ކީއްވެގެންކަން ބުނެދީފައެވެ. ދުބާއީއަށް މިހާރު ދިރިއުޅުން ބަދަލުކޮށްފައިވާ ބަތަލާ ބުނީ، އެ ޤައުމަކީ ހިނިތުންވުމާއެކު އެ ޤައުމަށް ހިޖުރަކުރާ މީހުންނަށް މަރުހަބާ ކިޔާ ޤައުމެއް ކަމަށެވެ. ރިމީ ފިލްމު "ކިއު ކީ"ގެ މަންޒަރެއްގައި އެކްޓަރު ސަލްމާން ޚާންއާ އެކު-- ފޮޓޯ/ ޕިންކްވިލާ ހަމައެއާއެކު ދުބާއީގައި މަސައްކަތްކޮށް އަމިއްލަ ދިރިއުޅުމެއް އެ ޤައުމުގައި ބިނާކުރަން ބޭނުންވާ ކޮންމެ މީހަކަށް އެ ޤައުމުން ފުރުސަތުތަކެއް ފަހިކޮށްދޭ ކަމަށެވެ. އަދި އެއީ ކޮންމެ މީހެއްގެ ދިރިއުޅުން ވެސް ފަސޭހަގޮތަކަށް ހޭދަކޮށްލެވޭނެ މަގު ކޮށައިދޭ ޤައުމެއްގެ ގޮތުގައި ރިމީ ވަނީ ދުބާއީ ސިފަކޮށްފައެވެ. ދުބާއީގެ ރިއަލް އެސްޓޭޓް އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަން ނިންމީ އެއީ ކުރިމަގުގައި ވެސް އިތުރަށް ތަރައްޤީވެ ފުޅާވަމުން އަންނަ ދާއިރާއަކަށް ވުމުން ކަމަށް ރިމީ ވަނީ ބުނެފައެވެ. ދުބާއީގެ ސަރުކާރުން ނެރެފައިވާ ގަވައިދުތަކާއި އުސޫލުތަކަކީ އެ ޤައުމަށް ހިޖުރަކުރާ މީހުންނަށް ވެސް އެއަށް އަމަލުކުރެވޭނެ އުސޫލަކުން ލުއިފަސޭހަ ގޮތަކަށް ނެރެފައިވާ ޤަވައިދުތަކެއް ކަމަށާއި އަމިއްލަ ޤައުމުން ވެސް ނުލިބޭ ގިނަ ފުރުސަތުތަކެއް މެދުއިރުމަތީގެ ވަރަށް ގިނަ ޤައުމުތަކުން ލިބެން އެބަހުރިކަން ރިމީ ވަނީ ފާހަގަކޮށްފައެވެ. ރިމީގެ ރިއަލް އެސްޓޭޓް ފާމްއަށް ދިން އިންޓަވިއުގައި ބަތަލާ ފެންނަނީ މުޅިން ތަފާތު ގޮތަކަށް ކަމަށާއި ބަތަލާ ވަނީ ކޮސްމެޓިކް ސާޖަރީތަކެއް ހަދާފައި ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. މިފަހުން ރިމީ ފެނުނު ފިލްމުތަކުގެތެރޭ "ދޫމް"، "ދޫމް 2" އަދި "ޖޯނީ ޣައްދާރު" ހިމެނެއެވެ. ރިމީ އެންމެފަހުން ކުޅުނު ހިންދީ ފިލްމަކީ 2011 ވަނަ އަހަރު ރިލީޒްކުރި ދެ ފިލްމު ކަމަށްވާ "ތެންކް ޔޫ" އަދި "ޝަގްރިދް"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ