ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިލްމީގޮތުން އައު އުސްމިންތަކަށް ދަތުރުކުރަމުންދަނީ ވަރަށް މުރާލިކަމާއެކުކަމަށް އިސްލާމީކަންތައްތަކާ އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޢިލްމުގެ ބޭނުމަކީ ކަންކަމާއި މެދުގައި ފިކުުރު ހިންގުންކަމަށެވެ. ކަންކަމާމެދު ވިސްނުމާއި ފިކުރު ހިންގަން ޖެހެނީ އެކަމެއްގެ އަދުލާއި އިންސާފަށް ރަނގަޅު ގޮތުގައި ވާސިލުމަށްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކީރިތި ޤުރުއާނުގައި ވަރަށް ގިނަ އާޔަތްތަކުގައި ކަންކަމާއި ވިސްނާއި ފިކުރު ހިންގުމަށް އިލްތިމާސް ކުރައްވާފައިވާކަމަށެވެ. އެހެންކަމުން ވިސްނައި ފިކުރު ކުރުމަކީ އެއްޖީލުން އަނެއްޖީލަށް އިލްމީގޮތުން ކުރިއެރުންތަކާއެކު ވާސިލްކޮށްދޭ ކަމެއްކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އިންސާނާގެ ބުއްދި ހިމާޔަތްކުރުމަކީ އިސްލާމީ ޝަރީޢަތުގައި އެންމެ މަތިވެރި 5 މަޤްސަދުގެތެރޭގައި ހިމެނޭކަމެއްކަމަށެވެ. އެހެންކަމުން ބުއްދިއަށް ގެއްލުންވާފަދަ އެއްވެސް ކަމެއް ނުކުރުމަށް ވަނީ އަމުރުކުރެވިފައިކަމަށް ވިދާޅުވިއެވެ. އެގޮތުން އިލްމުގެ އެންމެ ބޮޑު ބޭނުމަކީ ވިސްނައި ފިކުރު ކުރިއެރުވުންކަމަށް ވިދާޅުވިއެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ދަސްވެނިވާ ކުދިންނަކީ މުރާލި ބަޔަކަށް ވާން ޖެހޭނެކަމަށެވެ. ވަޒީރު ވިދާޅުވީ ދަސްވެނިވުމަށްފަހު އެންމެ ބޭނުންވާ ވަޒީފާ ފުރަތަމަ ނުލިބިދާނެކަމަށެވެ. އެހެންނަމަވެސް ތިރިން ފެށިގެން މައްޗައް ފެށުމަކީ ގިނަ ތަޖުރިބާތައް ލިބޭކަމެއްކަމަށެވެ. ކުއްލިއަކަށް އެންމެ މަތީ ވަޒީފާއަށް ދިޔުމަކީ އޭގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއްކަމަށް ވިދާޅުވިއެވެ.
ޢިލްމު ލިބިފައިވާ މީހުންނަކީ ވަރަށް އޯގާތެރި ބަޔަކަށް ވާން ޖެހޭކަމަށެވެ. އަދި ދަސްވެނިވި ދަރިވަރުން ޢިލްމު ހޯދާ މުވައްސަސާތަކާއި ގާތް ގުޅުމެއް ބޭއްވުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. ވަޒީރު ވިދާޅުވީ އެމްއެންޔޫ ދެކެމުންދާ ކުރިއެރުމާއި އިލްމީގޮތުން އުސްމިންތަކަށް ދަތުރުކުރަމުން ދަނީ ވަރަށް މުރާލިކަމާއެކުގައިކަމަށެވެ.
" ތިޔަ ދަރިވަރުން ދަސްވެނިވެގެންދާއިރު މި އިލްމީ ކިއްލާއާއި ގާތް ގުޅުމެއް ބާއްވަން ވާނެ. އެއީ ވަރަށް މުހިންމުކަމެއް. މާދަމާ ތިއިން ކުއްޖަކު ވެދާނެ ރައީސަށް. ނުވަތަ ބޮޑު ވަޒީރަކަށް. ނޫނީ ވަޒީރަަކަށް. ތިކުދިންނަކީ އަބަދުވެސް އުންމީދާއެކީ މަސައްކަތް ކުރާ ބަޔަކަށް ވާން ޖެހޭނެކަމަށް " ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
އިސްލާމީކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުތަކުގައި ސާބިތުވެ ހިތްވަރާއެކު މަސައްކަތް ކުރުމަކީ މުހިންމުކަމެއްކަމަށެވެ.
އެމްއެންޔޫ އިލްމީގޮތުން ކުރިއަށް ދަނީ ވަރަށް މުރާލިކަމާއެކު: ވަޒީރު ޝަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ