ސްޕިނެޗް ފަތް: ފައިދާތައް ގިނަ ސިއްހީ އެތައް މާއްދާތަކެއް އެކުލެވޭ

ސްޕިނެޗް ފަތަކީ މިހާރަކަށް އައިސް ދިވެހީންގެ މެދުގައި ވެސް ވަރަށް މަގުބޫލު ފަތްޕިލާވެލީގެ ބާވަތެކެވެ. މި ފަތުން ލިބޭ ފައިދާތަކާއި އޭގައި އެކުލެވޭ ސިއްހީ ފައިދާތަކުގެ ލިސްޓަކީ ވަރަށް ވެސް ދިގު އެއްޗެކެވެ. އައިސްލޭންޑަށް ނިސްބަތްވާ ނިއުޓްރިޝަނިސްޓް ކްރިސް ގާނާ ވިދާޅުވެފައިވާ ގޮތުގައި މި ފަތުން ލިބިދޭ ސިއްހީ ފައިދާތަކާއި އޭގައި އެކުލެވޭ ނިއުޓްރީޝަންސްތަކުގެ ހަގީގަތް ދަންނަ އެއްވެސް މީހަކު މިފަތް ކެއުން ދޫކޮށްނުލާނެއެވެ. ސްޕިނެޗް ފަތުން ލިބިދޭ ސިއްހީ ފައިދާތަކުގެ މައްޗަށް ބިނާކޮށް ނިއުޓްރިޝަނިސްޓް ކްރިސް ޕަބްލިޝްކުރައްވާފައިވާ ލިޔުމެއްގައި ބަޔާންކޮށްފައިވާ ގޮތުން ލޮލުގެ ދިރުމަށާއި، ހަށިގަނޑުގައި އުފެދޭ އޮކްސިޑޭޓިވް ސްޓްރެސް ކުޑަކުރުމަށާއި، ކެންސަރު ބަލިން ރައްކާތެރިވުމަށާއި، އަދި ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް ސްޕިނެޗް ފަތް އެހީތެރިވެދެއެވެ. ފާރިސްކަރައިން (ޕާޝިއާ) އުފަންވި ފަތްޕިލާވެލީގެ ބާވަތެއް ކަމަށްވާ ސްޕިނެޗަކީ، ބީޓްރޫޓާއި ކީންވާ (quinoa)އާ އެއް އާއިލާއެއްގެ ތަރުކާރީގެ ބާވަތަކެވެ. ސްޕިނެޗް ފަތް: އެކި ކަހަލަ ސެލެޑްތަކާއި ތަރުކާރީ ބަތް ފަދަ ކެއުންތައް ތައްޔާރުކޮށްލެވޭ ފަތެއް--ފޮޓޯ/އިކޮނޮމިކްޓައިމްސް މި ފަތަކީ ސިއްހީ ގޮތުން ގިނަ އަދަދަކަށް ހަށިގަނޑަށް ބޭނުންވާ މާއްދާތަކާއި އެންޓިއޮކްސިޑެންޓްސް އެކުލެވޭ، ސިއްހަތަށް ނުހަނު ފައިދާހުރި ބާވަތެކެވެ. މިފަތުގައި އެކުލެވޭ މުހިއްމު ނިއުޓްރިޝަންސްގެތެރޭ، ކެލޮރީ، ފެން، ޕްރޮޓީން، ކާބޯހައިޑްރޭޓް، ހަކުރު، ފައިބަ އަދި ފެޓް ހިމެނެއެވެ. މީގެިއތުރުން ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން ކޭ1، ފޯލިކް އެސިޑް (ވިޓަމިން ބީ9)، ދަގަނޑު އަދި ކެލްސިއަމް މިފަތުގައި ހިމެނެއެވެ. ސޕްިނެޗުން ލިބިދޭ ސިއްހީ ފައިދާތަކުގެތެރޭ، ހަށިގަނޑުގައި އުފެދޭ ގެއްލުންދެނިވި މާއްދާތަކާ ދެކޮޅަށް މަސައްކަތްކޮށް، ދުވަސްވުމުން ކުރިމަތިވާ ސިއްހީ މައްސަލަތަކާއި ހަކުރު ބަލިން ރައްކާތެރިވުމަށް އެހީތެރިވެދީ، ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް އެހީވެދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ސްޕިނެޗް ފަތަކީ، އޭގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން ކެންސަރުގެ ސެލްތައް އުފެދުމާއި އިތުރުވުން ލަސްކޮށްދީ، ޚާއްޞަކޮށް ޕްރޮސްޓޭޓް ކެންސަރާއި އުރަމަތީގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭ ބާވަތެއް ކަމަށް ނިއުޓްރިޝަނިސްޓް ކްރިސްގެ ލިޔުއްވުމުގައި ފާހަގަކުރައްވާފައިވެއެވެ. މި ފަތުގައި އެކުލެވޭ ނައިޓްރޭޓްސްގެ ސަބަބުން ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. މި ފަތަކީ ސިއްހަތަށް ފައިދާ ހުރި ބާވަތަކަށްވީ ނަމަވެސް ސްޕިނެޗް ކެއުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން އެބަހުރި ކަމަށް ނިއުޓްރިޝަނިސްޓް ކްރިސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސްޕިނެޗަކީ، ގިނަ އަދަދަކަށް ކެލްސިއަމް އަދި އޮކްސަލޭޓްސް ހިމެނޭ ފަތަކަށް ވުމުން، ކިޑްނީގައި ހިލަ އުފެދޭ މީހުން މިފަތް ބޭނުންކުރުން މަދުކުރަންޖެހެއެވެ. ހަމައެއާއެކު ވިޓަމިން K1 ގިނަ އަދަދަކަށް ހުރުމުގެ ސަބަބުން، ލޭ ތުނިކުރާ ބޭސް (މިސާލަކަށް: ވޯފަރިން) ބޭނުންކުރާ މީހުން މިފަތް ގިނައިން ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެ ލިޔުމުގައި ވަނީ އިރުޝާދު ދެއްވާފައެވެ. ސްޕިނެޗަކީ މިހާރަކަށް އައިސް އަޅުގަނޑުމެން ދިވެހީން ގޭގައި ވެސް ވަރަށް ފަސޭހައި ހައްދާލާ ފަތްޕިލާވެލީގެ ބާވަތެކެވެ. އެކި ކަހަލަ ސެލެޑުތަކާއި ތަރުކާރީ ބަތް އަދި ބިސްގަނޑު ތައްޔާރުކޮށްލަން ވެސް ސްޕިނެޗް ފަތް ބޭނުންކުރާ މީހުން އަޅުގަނޑުމެންގެތެރޭ ގިނައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ