އިންތިޚާބާއި ގުޅިގެން ފުލުހުންގެ ޚާއްސަ އޮޕަރޭޝަން ފަށައިފި

ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުތަކާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ރޭ" ރަސްމީކޮށް ފަށައިފިއެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، މި އޮޕަރޭޝަން ރަސްމީކޮށް ފައްޓަވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީއެވެ.
އޮޕަރޭޝަން ފައްޓަވައިދެއްވައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، މަސައްކަތުގައި ހަރަކާތްތެރިވާއިރު ނަމޫނާ ބަޔަކަށްވުމަށާއި ރައްޔިތުންނާ މުއާމަލާތުކުރުމުގައި ރީތި އަޚުލާގާއި، އޯގާތެރިކަން އިސްކުރުމަށް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ނުތަނަވަސް ދަނޑިވަޅެއް ކުރިމަތިވި ކަމުގައިވީނަމަވެސް ކެތްތެރިކަމާއެކު ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް އިސްކަންދިނުމަށް އެދިވަޑައިގެންނެވިއެވެ. އަދި އިންސާނީ ހައްގުތަކަށް ފުރިހަމައަށް އިޙްތިރާމުކޮށް، ކޮންމެ މީހެއްގެވެސް ކަރާމާތް ހިމާޔަތްކުރުމަކީ ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދައްކުވައިދޭނެ ކަމެއްކަން ފާހަގަކުރައްވައި މިއީ ގައުމަށްޓަކައި ކުރާ އިހުލާސްތެރި މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޑިމޮކްރެޓިކް ނިޒާމެއްގައި ފުލުހުންގެ ދައުރަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ސަލާމަތާއި، ސުލްހަ މަސަލަސްކަމުގެ ޔަގީންކަންދިނުމާ އަދި ރައްކާތެރިކަމުގެ އިހުސާސްކުރެވުން ކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިތްވަރާއި، ގާބިލުކަމާއެކު މި އޮޕަރޭޝަނަކީ ކާމިޔާބު އަމާން އޮޕަރޭޝަނަކަށް ވާނެކަމާމެދު ޝައްކުނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި ބްރީފިންގގައި، ރަށްރަށުގައި ތިބި ފުލުހުން އޮންލައިންކޮށް ބައިވެރިވިއެވެ. މި ބްރީފިންގއާ އެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ސްޓޭޓަސް "ލެވެލް 2" އަށް ވަނީ ބަދަލުކޮށްފައެވެ.
އެޕްރީލް 4ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ފުލުހުންގެ ޚާއްސަ ތަމްރީނުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ