ދިވެހީން: ބާރުތައް ވަކިކުރަން ބިލިއަނުން ޚަރަދުކޮށް ބާރުތައް އެއްކުރި ބައެއް!
"ރައްޔިތުންގެ މަޖިލީހަކީ ކާކުހެއްޔެވެ؟ [ކުރީގެ ރައީސް މައުމޫންއަބްދުލްގައްޔޫމް] މައުނޫނެވެ. ސުޕްރީމް ކޯޓަކީ ކާކުހެއްޔެވެ؟ މައުމޫނެވެ. ރައީސުލްޖުމްހޫރިއްޔާއަކީ ކާކުހެއްޔެވެ؟ މައުމޫނެވެ. މައުމޫނަކީ ކާކު ހެއްޔެވެ؟ މައުމޫނެވެ." މިއީ ދިގު ތިރީސް އަހަރު ރައީސް މައުމޫން ކުރައްވަމުން ގެންދެވި ވެރިކަމުގައި ބާރުތައް އެއްކުރައްވާފައިވާ މިންވަރު ސިފަ ކޮށްދެއްވުމަށް, އިދިކޮޅު އެމްޑީޕީގައި ނަގާ ކިޔަން އުޅުއްވި ރީކޯ މޫސާ މަނިކު އޭރު ދެއްކެވި, ވަރަށް މަގުބޫލުވި ވާހަކައެކެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން މައުމޫންގެ ވެރިކަން ކޮންމެހެން ވެސް ބަދަލު ކުރަން ޖެހޭކަން ރައްޔިތުންނަށް ސާބިތުކޮށް ދޭން އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ އެކެއްގެ އަތަށް ހުރިހާ ބާރުތަކެއް ދީގެން ވެރިކަން ކުރުމުގެ ނުރައްކާތެރިކަމުގެ ވާހަކައެވެ. އޭގެ ފަހުން 18 އަހަރަށް ވުރެން ގިނަ ދުވަސްވީއެވެ. ބަސްބުނުމުގެ މިނިވަން ކަމާއި ރައްޔިތުންނަށް ސީދާ ފައިދާ ވާ ކަންކަން ކުރުން ގިނަވުމާއި ތަރައްގީ އެތައް ގުނައެއް އޭރަށް ވުރެ އަވަސްވުން ފަދަ ވަރަށް ރަނގަޅު ހެޔޮ ބަދަލުތަކެއް ޑިމޮކްރަސީއާއެކު ރާއްޖެއަށް ހަގީގަތުގައި އަތުވެއްޖެއެވެ. ރައްޔިތުންގެ ބާރު ގަދަ ވެއްޖެއެވެ. އެކަމަކު ސުވާލަކީ ދިވެހީންނަށް ދެއްކި, ބާރުތައް ވަކިކުރުމުގެ ހުވަފެނަށް ވީ ކިހިނެއްތޯއެވެ؟ ދިވެހިރާއްޖޭގެ ސިޔާސީ ތާރީހުގައި 2004 ވަނަ އަހަރު ފެށުނު އިސްލާހީ މަސައްކަތްތަކާއެކު، ދިވެހިން އެންމެ ބޮޑަށް ދުށް އެއް ހުވަފެނަކީ ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެކެވެ. މައުމޫންގެ ދިގު ވެރިކަމުގައި ހުރިހާ ބާރެއް އެއް މުށެއްގެ ތެރެއަށް ޖަމާކުރައްވައިގެން ވެރިކަން ކުރެއްވުމުގެ ސަބަބުން ނުކުތް ގޯސްތައް ތަކުރާރު ނުކުރުމަށްޓަކައި، 2008 ވަނަ އަހަރު އައު ގާނޫނުއަސާސީއެއް ވުޖޫދަށް ގެނައެވެ. މި ގާނޫނުއަސާސީގެ އެންމެ މުހިންމު އެއް މަގްސަދަކީ ވެރިކަން ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު އެކެއް އަނެކެއްގެ މައްޗަށް ފާރަވެރިވެވޭނެ ފަދަ ނިޒާމެއް ގާއިމުކުރުމެވެ. މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީ ރައީސް މައުމޫން ތަސްދީގު ކުރައްވަނީ --- ފޮޓޯ: ހަވީރު ނަމަވެސް، ޑިމޮކްރަސީގެ ނަމުގައި ހޭދަކުރި 18 އަހަރަށްފަހު ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެކެވެ. ގާނޫނުއަސާސީން ބާރުތައް ވަކިކޮށްފައި އޮތް ނަމަވެސް، އަމަލީ ގޮތުން އެކަން ތަންފީޒުވަމުން ނުދާކަމީ މިއަދު ދިވެހިން ގަބޫލުކުރަންޖެހިފައިވާ ހިތި ހަގީގަތެވެ. ބާރުތައް ވަކިކުރުމުގެ ފަލްސަފާ އޮތީ ހަމައެކަނި ކަރުދާހުގައެވެ. އެކަމަށް ބިލިއަނުން ޚަރަދު އެބަ ކުރެއެވެ. އެކަމަކު ނަތީޖާ ހަމަ ސުމެކެވެ. ފަސް ރައީސުންނާއި ބާރުތައް މުށުތެރެއަށް ލުމުގެ ސަގާފަތް އައު ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން މިހާތަނަށް ފަސް ރައީސަކު ވެރިކަން ކުރައްވައިފިއެވެ. ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި،ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުރުން މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މި ފަސް ރައީސުން ވެސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރުވެސް، ފެންނަމުންދިޔަ އެންމެ އާންމު އެއް ސިފަޔަކީ ވެރިކަމުގެ ބާރުތައް އިތުރަށް ފުޅާކުރެއްވުމަށް ކުރައްވާ މަސައްކަތްތަކެވެ. ކޮންމެ ރައީސަކުވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯއްދަވާށެވެ. ނަޝީދު ނޫން އެހެން ރައީސުން އެކަން ކާމިޔާބު ކުރެއްވެވިއެވެ. އެއަށް ފަހު ދެން ފައްޓަވަނީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމަށެވެ. މި ފަސްވެރިކަމުގައި ވެސް ފާޅުކަން ބޮޑު ގޮތެއްގައި އެ މަންޒަރު އެއޮތީ ފެންނާށެވެ. ނަޝީދުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގައި ތަޅުއެޅުވުމާއި މަޖިލީހާއި ސަރުކާރާއި ދެމެދު ހިނގި ވަރުގަދަ "ކުރިމަތިލުން" ތަކުން ފުރަތަމަ ޑިމޮކްރެޓިކް ރައީސް ވެސް ހުރިހާ ބާރެއް ބޭނުންފުޅުވާ މަންޒަރު ފެނިގެންދިޔައެވެ. ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓާއި މަޖިލީހުގެ މައްޗަށް ފޯރުވި ނުފޫޒަކީ މީގެ ސާފު އަނެއް މިސާލެކެވެ. އަދި ޞާލިޙުގެ ވެރިކަމުގައި މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތުމުން، މަޖިލިސް ވެފައިވަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ގާނޫނުތައް ފާސްކޮށްދޭ ތަނަކަށެވެ. https://www.sun.mv/203115 ދެން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު ހުވާ ކުރެއްވުމަށް ފަހު އިއުލާން ކުރެއްވީ އެ ހިނދުން ފެށިގެން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ހުއްޓުނީ ކަމަށެވެ. ނަމަވެސް ކަން ހިނގީ ދިމާއިދިކޮޅަށެވެ. ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ބެލޭނެ ކަމަށް ނިންމި ހިސާބުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ހަދާލި ގޮތް އެކަނި އެއީ މިސާލެކެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓުގެ, އަދި އިލްމާއި ތަޖުރިބާއަށް ބެލިނަމަވެސް ވަރަށް ގާބިލް އެ ބޭފުޅުންނާ ދޭތެރޭ ކަންކަން ކުރެއްވީ ވަރަށް ދެރަވަރުކޮށެވެ. ސަރުކާރުން ބުނިހާ ކަމެއް ކުރާ ކަމަށް ތުހުމަތު ކުރެވޭ އޭސީސީ މެދުވެރިކޮށް ކުއްލި މައްސަލައެއް ބަލަން ފެށީއެވެ. އޭގެ ފަހުން އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު އޭސީސީއިން އެ ފަނޑިޔާރުންނާ އަދި އެންމެ ސުވާލެއް ވެސް ނުކޮށްލައެވެ. މަގާމުން ވަކި ކުރެވުނީމަ އެކަން ނިންމާލީ ކަންނޭނގެއެވެ. މީގެ އިތުރުން ސަރުކާރު ޕާޓީ, ޕީއެންސީއަށް ރައްޔިތުން ސުޕަމެޖޯރިޓީ ދިނުމުން ހައެއްކަ ގަޑިއިރު ތެރޭގައި ގާނޫނުއަސާސީ އިސްލާހުކޮށް މެންބަރުން އެ ތިބީ އަތްފައި ބަނދެފައެވެ. ކިރިޔާވެސް ރައީސް ނުރުހިއްޖެނަމަ ގޮނޑި ގެއްލުވާލުމުގެ ބާރު އެއޮތީ އަތަށް ނަންގަވާފައެވެ. މިހާރު މި ހިނގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަކީ މެންބަރުންގެ ބާރު އެންމެ ދަށްކޮށް, ނިކަމެތި ކޮށްފައިވާ މަޖިލީހޭ ބުނެވެން އެބައޮތެވެ. ޕާޓީއަކުން ހަމަ ބޭނުން ކޮންމެ އިރެއްގައި އެ މެންބަރުންގެ ގޮނޑި ގެއްލުވާލަންވީއެވެ. އެއީ ގާނޫނުއަސާސީއާ ޚިލާފު މާއްދާއެއް ކަމަށް ބުނެ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިތާ އަހަރަކަށް ވުރެން ގިނަ ދުވަސްވީއިރު އެ މައްސަލައިގެ ޝަރީއަތް ކުރިއަކަށް ނުދެއެވެ. މީގެ ސަބަބުން، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ބާރުތައް ވަކިވުމުގެ މަހްފޫމް ވަނީ މުޅިން އޮޅިފައެވެ. މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި، ފެންނަމުންދަނީ ސަރުކާރު ދިފާއުކުރާ މަންޒަރެވެ. އަދި ސަރުކާރުން ބުނިހާ ކަމެއް, ބުނިހާ ގޮތަކަށް ކުރާ މަންޒަރެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތުން، ޝަރުއީ ދާއިރާގެ މިނިވަންކަމާމެދު އަބަދުވެސް ސުވާލު އުފެދެއެވެ. އެކަން އިސްލާހު ކުރަން އެއްވެސް ސަރުކާރަކުން ނޫޅެއެވެ. އެކަން ކޮށްފިނަމަ ޝަރީއަތްތަކަށް ނުފޫޒު ނުފޯރުވިދާނެތީ ކަންނޭނގެއެވެ. ޑިމޮކްރަސީގެ އަގާއި މާލީ ބުރަ ޑިމޮކްރަސީގެ ނިޒާމު ހިންގުމަށްޓަކައި ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ކޮންމެ އަހަރަކު އެތައް ބިލިއަން ރުފިޔާއެއް ދަނީ ހޭދަކުރަމުންނެވެ. ދެހާސް އަށް ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަން ނިމުނުއިރު ދައުލަތުގެ ޖުމްލަ ބަޖެޓަކީ ގާތްގަނޑަކަށް 11 ބިލިއަން ރުފިޔާއެވެ. ނަމަވެސް،2024 ވަނަ އަހަރަށް ފާސްކުރި ބަޖެޓު 49.8 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ސަޕްލިމެންޓަރީ ބަޖެޓާއެކު އެ ޢަދަދު ވަނީ 55 ބިލިއަން ރުފިޔާއާ ގާތްކޮށްފައެވެ. އަދި 2025 އާއި 2026 ވަނަ އަހަރުގެ ބަޖެޓުތައްވެސް ހުރީ މިފަދަ ބޮޑެތި ޢަދަދުތަކެއްގައެވެ. މި ބޮޑު ހޭދައިގެ ތެރެއިން ބޮޑު ބައެއް ޚަރަދުވަނީ ފައިސާއެއް ނުލިބޭ ކަންކަން ކަމަށްވާ, ސަރުކާރު ހިންގުމަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ޝަރުޢީ ދާއިރާގެ އިތުރުން މިނިވަން މުއައްސަސާތަކަށެވެ. އެކަށީގެންވާ އެއްވެސް ނަތީޖާއެއް ނުނެރެވޭ, އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަން ފަދަ މުއައްސަސާތައް ހިންގުމަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ކޮންމެ އަހަރަކު ހޭދަކުރެއެވެ. މިސާލަކަށް ބަލާނަމަ، ދާދި ފަހުންވެސް މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް އެތައް މިލިއަން ރުފިޔާއެއް އިތުރުކޮށްފައިވެއެވެ. ނަމަވެސް، މިހާ ބޮޑު ހޭދައެއް ކުރާއިރުވެސް، މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުނުވުމުގެ ސަބަބުން، ކުރީގެ ވެރިކަމުގެ ނިޒާމާ އަޅާބަލާއިރު ނުކުންނަ ނަތީޖާގައި މާބޮޑު ތަފާތެއް ނެތެވެ. މިހާރުވެސް "މިނިވަން" ކަމަށް ބުނާ މުއައްސަސާތަކަކީ އޭރަކު ހުންނަވާ ރައީސެއް ކިޔުއްވި ލަވައަކަށް ނަށަން ތިބޭ ބައެކެވެ. މިނިވަނީ ނަން އެކަންޏެވެ. ވާ ކަމެއް ނެތެވެ. އޭސީސީގެ ރައީސް އާދަމް ޝާމިލާއި ރައީސް ޑރ. މުހައްމަދު މުއިއްޒު: -- ފޮޓޯ/ ރައީސް އޮފީސް ނަމުގެ ކުރިން މިނިވަން އަންނަ އެކަމަކު އެ ގޮތަށް ނުހިނގާ މުއައްސަސާތަކުގެ ބަޖެޓު ކަނޑައެޅުމުގެ ބާރު ފިނޭންސް މިނިސްޓްރީއަށާއި ސަރުކާރުގެ މެޖޯރިޓީ އޮންނަ މަޖިލީހަށް އޮތުމުން، އެތަންތަނަށް މާލީ މިނިވަންކަމެއް ނޯވެއެވެ. ބިލިއަނުން ޚަރަދުކުރި ނަމަވެސް، ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ނުބެލި، އިންޞާފު ލަސްވުމަކީ އާންމު ކަމެކެވެ. އަހަރަކު 50 އަކަށް މިލިއަން ހަރަދު ކުރާ އޭސީސީގެ ހާލަތަށް އެކަން ބެލިނަމަވެސް މި މަންޒަރު ސާފުވާނެއެވެ. އެހެންކަމުން، ބިލިއަނުން ޚަރަދުކުރާ ޑިމޮކްރަސީއަކުން ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތެވެ. ބާރުތައް އެއްކުރުމުން ގައުމަށް ލިބޭ ގެއްލުން ބާރުތައް އެއްކޮށްގެން ވެރިކަން ކުރުމުގެ ސަބަބުން ގައުމަށް ލިބޭ ގެއްލުންތައް ވަރަށް ބޮޑެވެ. އެންމެ ފުރަތަމަ ކަމަކީ، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވާ ފަރާތްތައް ޖަވާބުދާރީ ނުކުރެވުމެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ވެންޓިލޭޓަރު ޚިޔާނާތާއި ފެނަކަ އާއި އެހެން ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ކުރި އަދި މިކުރާ ވައްކަން ތަކަކީ މީގެ މިސާލެވެ. ސަރުކާރުގެ ނުފޫޒު މިނިވަން މުއައްސަސާތަކަށާއި ޝަރުއީ ދާއިރާއަށް އޮތުމުން، ސިޔާސީ ގޮތުން ބާރުގަދަ ފަރާތްތަކަށް ގާނޫނުގެ މަތިން އަތްފޯރުވުމުގެ ފުރުސަތު ލިބިގެންދެއެވެ. ރައްޔިތުންގެ ފައިސާއިން މާ ސިންގާ ވައްކަން ކޮށް, ނުހައްގު މުއްސަނދިކަން ހޯދައިގެން ހަމަ މިނިވަންކަން މަތީ އެ އުޅެނީއެވެ. މީގެ އިތުރުން، ރައްޔިތުންގެ ޙައްގުތައް ހިމާޔަތްކުރުމަށް އުފައްދާފައިވާ މުއައްސަސާތަކަށް އާންމުން ކުރާ އިތުބާރު ގެއްލިގެންދެއެވެ. ވެރިކަންކުރާ ފަރާތުން ބޭނުންވާ ގޮތަށް ކަންކަން ނިންމުމަށްޓަކައި، ގާނޫނުތަކަށް ބަދަލުގެނެސް، މުއައްސަސާތަކުގެ ވެރިން ވަކިކުރުމަކީ ރާއްޖޭގައި އާންމުކޮށް ފެންނަމުންދާ މަންޒަރެކެވެ. މިކަމުގެ ސަބަބުން ގައުމުގެ ތަރައްގީއަށް ހުރަސްއެޅި، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލި، އިގްތިޞާދީ ގޮތުންވެސް ގައުމު ފަހަތަށް ސޮއްސާލައިގެންދެއެވެ. ގާނޫނުގެ ވެރިކަން ނެތް ތަނެއްގައި ހަގީގީ ތަރައްގީއެއް ނާންނާނެއެވެ. ޙައްލަކީ ކޮބާ؟ ދުނިޔޭގެ މިސާލުތައް ތިން ބާރު ވަކިކޮށްގެން ވެރިކަން ކުރުމުގެ ހަގީގީ ނިޒާމެއް ގާއިމުކުރުމަށްޓަކައި، ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީތަކުން ފިލާވަޅު ލިބިގަންނަން ޖެހެއެވެ. މިސާލަކަށް، އެމެރިކާ ފަދަ ގައުމުތަކުގައި ގާނޫނު ހަދާ މަޖިލީހާއި ވެރިކަން ހިންގާ ބާރަކީ މުޅިން ވަކި ދެ ބާރެވެ. ރައީސަށް މަޖިލީހުގެ މައްޗަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ވަރަށް ހަނިކޮށްފައި އޮވެއެވެ. އަދި އިނގިރޭސިވިލާތުގައި ޕާލަމެންޓަރީ ނިޒާމެއް އޮތް ނަމަވެސް، ޝަރުއީ ދާއިރާގެ މިނިވަންކަން ވަނީ ފުރިހަމައަށް ކަށަވަރުކޮށްދީފައެވެ. ރާއްޖޭގައި މިކަން ހާސިލުކުރުމަށްޓަކައި، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިހުލާސްތެރި މީހުން މަގާމުތަކަށް އައްޔަން ކުރުމާއެކު މިނިވަން މުއައްސަސާތަކަށް މާލީ މިނިވަންކަން ދިނުމެވެ. ސަރުކާރުގެ ބަޖެޓުގެ ތެރެއިން ވަކި އިންސައްތައެއް ގާނޫނުން ކަނޑައަޅައި، އެ މުއައްސަސާތަކަށް ސީދާ ލިބޭނެ ގޮތް ހަމަޖައްސަން ޖެހެއެވެ. ދެވަނަ ކަމަކީ، ޖޭއެސްސީގެ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ބަންޑާރަނައިބާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ ކޮމިޝަނުން އުނިކުރުމެވެ. ސިޔާސީ މީހުންގެ ބަދަލުގައި ފަންނީ ބޭފުޅުން ހިމެނޭ ގޮތަށް އެ ކޮމިޝަން ބައްޓަންކުރަން ޖެހެއެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އޮންނަ ނުފޫޒުތައް ކުޑަކޮށް, މަޖިލީހަކީ ސަރުކާރުގެ ގޮފިގަނޑެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެންނަން ޖެހެއެވެ. ރައީސާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ފަލާހް ސަލާމްކުރައްވާއިރު، ފަހަތުން އަބްދުއްރަހީމް: މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ސިޔާސީ މަގާމުން މިހާރު ފެންނަނީ ފަލާހް -- ފޮޓޯ/ ޕީއެންސީ ޑިމޮކްރަސީގެ ނަމުގައި ދިވެހީން ބިލިއަނުން ޚަރަދުކުރަމުންދާއިރު، ބާރުތައް ވަކިވެފައިވާ ނިޒާމެއްގެ ހަގީގީ މަންފާ ރައްޔިތުންނަށް ނުލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ގާނޫނުއަސާސީގައި ލިޔެފައިވާ އަކުރުތަކަށް އަމަލީ ސިފަ ނުގެނެވި، ވެރިކަންކުރާ ފަރާތުން ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން ތިބޭނަމަ، މިއީ ހަމައެކަނި ނަމެއްގައި އޮތް ޑިމޮކްރަސީއެކެވެ. މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ގެންނަންޖެހޭ ގާނޫނީ އަދި ނިޒާމީ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފިޔަވަޅު ނާޅައިފިނަމަ، ކުރިއަށް އޮތް ޖީލުތަކަށް ވާރުތަވާނީ ފެއިލްވެފައިވާ ނިޒާމެކެވެ. ދެން އަންނަ ބަޖެޓެއް ފާސްކުރުމުގެ ކުރިން، މިނިވަން މުއައްސަސާތަކުގެ މާލީ މިނިވަންކަން ކަށަވަރުކުރާނެ ގާނޫނީ އޮނިގަނޑެއް މަޖިލީހުން ވުޖޫދަށް ގެންނަން މަޖުބޫރެވެ. ވަކި މަގުސަދެއްގައި ބިލިއަނުން ހަރަދު ކުރިޔަސް އެކަމެއް ހާސިލެއް ނުވާނެއެވެ. މިހާތަނަށް ވެސް އެކަން ނުވެ އެއޮތީ އެންމެ އިސް ވެރިޔާގެ އިހުލާސްތެރިކަން ނެތީމައެވެ. ފަސް ރައީސުން ވެސް ހަގީގަތުގައި ބާރުތައް ވަކިކޮށްގެން ވެރިކަން ކުރަން ބޭނުންފުޅު ނުވަނީއެވެ. ހަމަ ބޭނުން ފުޅުވަނީ ރަސްކަލެއްގެ ގޮތުގައި ވެރިކަން ކުރައްވާށެވެ. އޭގެ ހިތި ނަތީޖާއަކީ ބިލިއަނުން ޚަރަދު ކުރިނަމަވެސް ބާރުތައް ވަކި ނުވުމެވެ. މިވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި ދިވެހީންނަކީ ބާރުތައް ވަކި ކުރުމަށް ބިލިއަނުން ޚަރަދުކޮށް ބާރުތައް އެއްކުރި ބައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ