ފަށްކުރުމެއް!: ފެނުނު ހުވަފެން ކިޔައިނުދެނީސް ހުވަފެން ތަޤްބީރުކުރި މީހާ އާ ރަބީޢަތު ބިން ނަޞްރު ބިން އަބީ ޙާރިޘާ ގެ ވާހަކަ-

ޢަލީ އިޙްޞާން ފިރާޤް
 
ابْنُ إِسْحَاق ބަޔާން ކުރައްވައިފައިވެއެވެ. رَبِيعَةُ بْنُ نَصْر އަކީ ޙިމްޔަރުގެ ރަސްރަސްކަލުންގެ ތެރެއިން ރަސްކަލެކެވެ. އޭނާ އެއްރެއަކު ނިދަން އޮއްވާ ވަރަށް ބިރުވެރި ހުވަފެނެއް ފެނިއްޖެއެވެ. ނިދިން ހޭލައިގެން ކާހިނުންނާއި ސާހިރުން އެއްކޮށްފައި އޭނާ ބުނެފިއެވެ. [ތިމަންރަސްގެފާނަށް ރޭގައި ވަރަށް އަޖައިބުކުރުވަނިވި ހުވަފެނެއް ފެނިއްޖެއެވެ. އެހުވަފެނުންގެ ތަޢުބީރު ބަޔާންކޮށްދޭށެވެ.] އެބައިމީހުން ބުނެފިއެވެ. [އަޅުގަނޑުމެންނަށް ތިޔަ ހުވަފެނުގެ ވާހަކަ ވިދާޅުވެދެއްވާށެވެ.]
އެ ރަސްގެފާނު ބުނެފިއެވެ. [ތިޔަބައިމީހުންނަށް އެކަން ވާނެހެނެއް ހީއެއްނުވެއެވެ. އެހެނީ އެ ހުވަފެނުގެ ތަޢުބީރުކުރެވޭނީ އެ ހުވަފެން ކިޔައިނުދެނީސް އެ ހުވަފެނަކީ ކޮބައިކަން އެނގޭ ބަޔަކަށެވެ.] ދެން އެތަނުން އެކަކު ބުނެފިއެވެ. [ރަސްގެފާނު ބޭނުންފުޅުނަމަ شِق އާއި سَطِيح ގެނެސްގެން ހުވަފެން ތަޢުބީރުކުރެވިދާނެވެ. އެހެނީ މިކަމުގައި އެދެމީހުންނަށްވުރެ ޢިލްމުވެރި އެހެން ބަޔަކުނެތެވެ.] ދެން ރަސްގެފާނު އަމުރުފުޅު ދެއްވުމުން شِق އާއި سَطِيح އަށް ޚަބަރު ފޮނުވައިފިއެވެ. އެތަނުން އެންމެ ފުރަތަމަ އާދެވުނީ سَطِيح އަށެވެ. ދެން ރަސްގެފާނު ބުނެފިއެވެ. [ތިމަންރަސްގެފާނަށް ރޭގައި ވަރަށް އަޖައިބުކުރުވަނިވި ހުވަފެނެއް ފެނިއްޖެއެވެ. އެހުވަފެނުގެ ތަޢުބީރު ބަޔާންކޮށްދޭށެވެ.] 
سَطِيح ބުނެފިއެވެ. [ރަސްގެފާނަށް ފެނުނީ އަނދިރިގަނޑަކުން ނިކުން ކޮތަރެކެވެ. އޭތި تَهَمَة އަށް ގޮސް އަތުޖެހުނު ކޮންމެ ދިރޭ އެއްޗެއް ކައިލައެވެ.] ރަސްގެފާނު ބުނެފިއެވެ. [އެއްވެސް ކުށެއްނެތެވެ. ތިޔައީ ހަމަ ހުވަފެނުގައިވީ ގޮތެވެ. އޭގެ ތަޢުބީރަކީ ކޮބައިހެއްޔެވެ؟] سَطِيح ބުނެފިއެވެ. [ޙަބަޝީން، ރަސްގެފާނުގެ ރަށަށް އަރައި އެތަނުގައި ބާރު ހިންގާނެވެ.] ރަސްގެފާނު ބުނެފިއެވެ. [ތިޔައީ ވަރަށް ހިތާމަވެރި ޚަބަރެކެވެ. ތިޔަކަންތައްވާނީ ކޮން ދުވަހަކުން ހެއްޔެވެ؟ އަހަރެންގެ ރަސްކަމުގައި ހެއްޔެވެ؟ ނުވަތަ އޭގެފަހުން ހެއްޔެވެ؟] سَطِيح ބުނެފިއެވެ. [ރަސްގެފާނުގެ ރަސްކަމުގެ 60 ނުވަތަ 70 އަހަރުފަހުންނެވެ.] ރަސްގެފާނު ބުނެފިއެވެ. [އެބައިމީހުންގެ ރަސްކަން ދެމިއޮންނާނެ ހެއްޔެވެ؟ ނުވަތަ ނިމިގެންދާނީ ހެއްޔެވެ؟] سَطِيح ބުނެފިއެވެ. [70 އެތައް އަހަރެއްގެ ތެރޭގައި އެބައިމީހުންގެ ރަސްކަންވެއްޓޭނެވެ. އެބައިމީހުންނާ ހަނގުރާމަކުރެވި ރަށުން ބޭރުކޮށްލެވޭނެއެވެ.] ރަސްގެފާނު ބުންޏެވެ. [އެބައިމީހުން މަރުވުމަށްފަހު ދެން އަންނާނީ ކޮން ރަސްކަލެއް ހެއްޔެވެ؟] سَطِيح ބުނެފިއެވެ. [ إِرَمُ ذِي يَزَن އެވެ. އޭނާ އެބައިމީހުންނަށް ޢަދަނު އޭ ކިޔުނުތަނުގައި ޙަމަލަދެއްވަން ފައްޓަވާނެއެވެ. އޭގެ ތެރެއިން އެއްވެސް މީހަކު ދޫކޮށް ނުލައްވާނެއެވެ]  ރަސްގެފާނު ބުންޏެވެ. [އޭނާގެ ރަސްކަން ދެމިއޮންނާނެ ހެއްޔެވެ؟ ނުވަތަ ނިމިގެންދާނީ ހެއްޔެވެ؟] سَطِيح ބުންޏެވެ. [ނިމިގެންދާނީއެވެ.] ރަސްގެފާނު ބުނެފިއެވެ. [އޭނާގެ ރަސްކަން ނިންމާނީ ކާކު ހެއްޔެވެ؟] سَطِيح ބުންޏެވެ. [ﷲ ގެ ޙަޟުރަތުން ވަޙީ ބާވައިލައްވާ ޠާހިރު ނަބީބޭކަލެކެވެ.]
ރަސްގެފާނު ބުނެފިއެވެ. [ އެ ނަބިއްޔާވަނީ ކޮންދަރިކޮޅަކުން ހެއްޔެވެ؟] سَطِيح ބުންޏެވެ. [غَالِبِ بْنِ فِهْرِ بْنِ مَالِكِ بْنِ النَّضْر ގެ ދަރިކޮޅުންނެވެ. ދުނިޔެނިމި، ޤިޔާމަތާ ހަމައަށް ރަސްކަން އޮންނާނީ އޭނާގެ މީހުންގެ އަތުގައެވެ.] ރަސްގެފާނު ބުނެފިއެވެ. [ދުނިޔެއަކީ ނިމޭނެ ތަނެއް ހެއްޔެވެ؟] سَطِيح ބުންޏެވެ. [އާނއެކެވެ. މީސްތަކުންގެ އެންމެ ކުރީގެ ޖީލުގެ މީހުންނާއި، ފަހުގެ ޖީލުގެ މީހުން އެދުވަހުން އެއްކުރައްވާނެއެވެ. އެދުވަހުން ހެޔޮ ޢަމަލުތައް ކުރިމީހުންވާނީ އުފާވެރިކަމުގައެވެ. ނުބައިޢަމަލުތައް ކުރިމީހުންވާނީ އަބާޖަވެރިންކަމުގައެވެ.] ރަސްގެފާނު ބުނެފިއެވެ. [ކަލޭ ތިޔަ ބުނި ވާހަކަތަތަކީ ހަމަ ޙަޤީޤަތް ހެއްޔެވެ؟] سَطِيح ބުންޏެވެ.  [ރަތްވިލާތަކާއި، ރޭގަނޑުގެ އަނދިރިކަމާއި، ފަތިސްވަގުތު ގަންދީބުނަމަވެ. މިދެންނެވީ ހަމަ ތެދު ޙަޤީޤަތެވެ.]
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ