ކެންވާއިން އާ ވީޑިއޯ އެޑިޓަރަކާއި އޭއައި ޓޫލްތަކެއް!
        ވިޝުއަލް ކޮމިއުނިކޭޝަން ޕްލެޓްފޯމް ކެންވާއިން އޭގެ ވޯލްޑް ޓުއާ އިވެންޓުގެ ތެރެއިން ގިނަ އަދަދެއްގެ އާ ފީޗާސްތަކާއި، ވީޑިއޯ އެޑިޓަރުގެ ބަދަލުތަކަކާއި، އަދި މާކެޓިން ޕްލެޓްފޯމެއް ތަޢާރަފުކޮށްފިއެވެ.  މި އައު އިތުރުވުންތަކަކީ ކެންވާއިން އޭގެ 260 މިލިއަން ޔޫޒަރުންނަށް ފަސޭހަ އަދި އެންމެ ފުރިހަމަ ޑިޒައިން ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.  މި އިވެންޓުގައި ކެންވާއިން ވަނީ އޭގެ ފުރަތަމަ "ނޭޓިވް ޑިޒައިން ފައުންޑޭޝަން މޮޑެލް" ވެސް ތަޢާރަފުކޮށްފައެވެ. މިއީ ޑިޒައިންގެ ކޮމްޕްލެކްސިޓީތައް ދެނެގަތުމަށް ތަމްރީނުކޮށްފައިވާ ބޮޑު ލޭންގުއޭޖް މޮޑެލް (އެލްއެލްއެމް) އެއް ކަމަށާއި، މި މޮޑެލްގެ އެހީގައި ބޭނުންކުރާ ފަރާތްތަކަށް މިނިޓެއްހާ ކުޑަ ވަގުތެއްގެ ތެރޭގައި އެޑިޓްކުރެވޭ ފުރިހަމަ ކޮންޓެންޓް އުފެއްދުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.    މީގެ އިތުރުން، ޕްލެޓްފޯމްގެ ހުރިހާ ތަނަކުން ބޭނުންކުރެވޭނެ "އާސްކު ކެންވާ"ގެ ނަމުގައި ޗެޓްބޮޓެއް ތަޢާރަފުކޮށްފައިވާއިރު، މި ޗެޓްބޮޓުން ޑިޒައިންއާ ގުޅުންހުރި ސުވާލުތަކަށް ޖަވާބުދީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.  ކެންވާގެ ވީޑިއޯ އެޑިޓަރަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް "ވީޑިއޯ 2.0"ގެ ނަމުގައި ވަނީ އަލުން ތަޢާރަފުކޮށްފައެވެ. މި އާ އެޑިޓަރުގައި ޕްރޮފެޝަނަލް ފެންވަރުގެ އެޑިޓިންއަށް ބޭނުންވާ ވަސީލަތްތައް ހިމެނޭއިރު، އޭގެ ތެރޭގައި ޓެކްސްޓް، އިފެކްޓްސް، އަދި އޯޑިއޯއަށް ވަކި ލޭޔަރުތަކެއް ހިމެނޭ ވީޑިއޯ ޓައިމްލައިނަކާއި، ކްލިޕްތައް ކުރުކޮށް ސިންކްކުރުމުގެ ފުރުސަތު ހިމެނެއެވެ. އަދި "މެޖިކް ވީޑިއޯ އޭއައި" ގެ އެހީގައި އަޕްލޯޑްކުރާ ވީޑިއޯތަކަށް އޮޓޮމެޓިކުން އިފެކްޓްސް އިތުރުކޮށްދޭނެއެވެ.  މީގެ އިތުރުން، ބޭނުންކުރާ ފަރާތްތަކުން އެންމެ ގިނައިން އެދިފައިވާ ފީޗާ ކަމަށްވާ "އީމެއިލް ޑިޒައިން" ވެސް މިހާރު ވަނީ ތަޢާރަފުކޮށްފައެވެ. މިއާއެކު ފެންވަރު ރަނގަޅު އީމެއިލްތައް ފަސޭހައިން ޑިޒައިންކޮށް، އެޗްޓީއެމްއެލް ފައިލްގެ ގޮތުގައި އެކްސްޕޯޓްކުރެވޭނެއެވެ.  މި އިވެންޓުގައި އެންމެ ފާހަގަކޮށްލެވޭ އެއް އިޢުލާނަކީ "ކެންވާ ގްރޯ" ގެ ނަމުގައި ތަޢާރަފުކުރި ފުރިހަމަ ޑިޖިޓަލް މާކެޓިން ޕްލެޓްފޯމެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް މާކެޓިންގ ކެމްޕޭންތައް އުފެއްދުމާއި، ޝާއިޢުކުރުމާއި، އަދި ނަތީޖާ މޮނިޓަރކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.  "ބްރޭންޑް-އެވޭއާ އޭއައި" ބޭނުންކޮށްފައިވާ މި ޕްލެޓްފޯމުން، ކުރީގެ ކެމްޕޭންތަކުގެ ޑޭޓާއިން ދަސްކޮށް، ކުރިއަށް އޮތް ކެމްޕޭންތައް އިތުރަށް ރަނގަޅުކުރުމަށް ވެސް އެހީތެރިވެދޭނެއެވެ. މީގެ ސަބަބުން މާކެޓިން ޓީމުތަކަށް މެޓާ ފަދަ ޕްލެޓްފޯމްތަކުގައި އިޝްތިހާރުތައް ޑިޒައިންކޮށް ލޯންޗުކުރުމާއި، ނަތީޖާތަކަށް ބިނާކޮށް ވަގުތުން ކޮންޓެންޓަށް ބަދަލުގެނައުމުގެ ފުރުސަތު ލިބިގެންދާނެއެވެ.  ކެންވާއިން މިހާރު 260 މިލިއަން މީހުން މެދުވެރިކޮށް މަހެއްގެ މައްޗަށް ބޭނުންކުރާ އިރު، އެ ކުންފުނީގެ އަހަރީ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް އަރައެވެ.  މި އާ ފީޗާތަކާއެކު، ކެންވާއިން އަމާޒުކުރަނީ ޑިޖިޓަލް ޑިޒައިންގެ ދުނިޔޭގައި އެ ކުންފުނީގެ މަގާމު އިތުރަށް ވަރުގަދަ ކުރުމަށެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
             
            